ހަބަރު

ހުޅު އާ ކުރުމުގެ ރިވިޝަން ސާޖަރީއެއް ޓްރީޓޮޕުން ހަދައިފި

ކަކުލު ހުޅު ބަދަލު ކުރުމަށްފަހު ލައްވާ އާޓިފިޝަލް ހުޅު އާ ހުޅަކަށް ބަދަލު ކުރަން ހަދާ "ރިވިޝަން ސާޖަރީ" އެއް ފުރަތަމަ ފަހަރަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ކާމިޔާބު ކަމާއެކު ކޮށްފި އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ މި މަހުގެ 19 ވަނަ ދުވަހު ކުރި މި ކާމިޔާބު އޮޕަރޭޝަންއަކީ ރާއްޖޭގެ އަމިއްލަ ހޮސްޕިޓަލަކުން ކުރި މިފަދަ ފުރަތަމަ އޮޕަރޭޝަން ކަމަށެވެ.

އެ ހޮސްޕިޓަލުން ބުނީ މި އޮޕަރޭޝަން ކުރީ 61 އަހަރުގެ ދިވެހި އަންހެނެއްގެ ކަމަށާ އޭނާ އެންމެ ފުރަތަމަ ކަކުލު ހުޅު ބަދަލުކޮށް އާޓިފިޝަން ހުޅެއް ލައްވާފައިވަނީ މީގެ އަށް އަހަރު ކުރިން ކަމަށެވެ. އަދި ކުރިން ލައްވައިފައިވާ ހުޅު ދޫވުމާ ގުޅިގެން އެކިއެކި އުނދަގޫތަކާއި ކުރިމަތިލާން ޖެހިގެން ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޑޮކްޓަރަށް ދެއްކިއިރު އޭނާ އަށް ނުހިނގޭތާ ހަ މަސް ވެފައިވާ ކަމަށެވެ.

ޓްރީޓޮޕް ހޮސްޕިޓަލުން ކާމިޔާބު ކަމާއެކު ކުރި ރިވިޝަން ސާޖަރީ އަށް 11 ގަޑު ހޭދަކޮށްފަ އެވެ. މި ބޮޑު އޮޕަރޭޝަނަށްފަހު އެ އަންހެން މީހާ އަށް މިހާރު ހިނގެ އެވެ.

މި އޮޕަރުޝަނު ކުރުމުގައި ޓްރީ ޓޮޕްގެ ފަރާތުން ބައިވެރިވެ ވަޑައިގަތީ އެ ހޮސްޕިޓަލުގެ އޯތޮޕީޑިކް ސާޖަނުން ކަމަށްވާ ޑރ. އަލީ މުޒްނީ އާއި ޑރ. ގަނޭޝް ރާޖޭޝްވަރް އެވެ. އަދި އަމަލީ އެހީތެރިކަން ފޯރުކޮށްދީފައިވަނީ އެނެސްތެޓިސްޓުންނާއި ނަރުހުންގެ ޓީމަކުންނެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގައި އޯތޮޕީޑިކް ސްޕެޝަލިސްޓުންގެ ގޮތުގައި ހިދްމަތް ކުރާ ޑޮކްޓަރުންނަކީ މި ފަދަ އޮޕަރޭޝަންތައް ކުރުމުގައި ތަޖުރިބާކާރު، އިލްމުވެރި މާހިރުންނެވެ. ޓްރީ ޓޮޕް ހޮސްޕިޓަލުން ކަށީގެ ހުރިހާ ބައްޔަކަށް ވެސް އެންމެ ޒަމާނީ އާލާތްތަކުގެ އެހީގައި ފަރުވާދެ އެވެ.