ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ގައިދީންނަށް އާއިލީ ބައްދަލުވުންތައް ހުއްޓާލައި ފޯނު ކޯލް އިތުރުކުރަނީ

ރާއްޖޭގެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާ ގުޅިގެން ގައިދީންގެ އެކަހެރި ބައްދަލުވުންތަކާއި އާއިލީ ބައްދަލުވުންތައް މެދުކަނޑާލައިފި އެވެ.

މޯލްޑިވްސް ކަރެކްޝަންސް ސާވިސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ގޮތަށް ނިންމީ ޖަލުގައި ތިބި ގައިދީންނާއި އެ ސާވިސްގެ މުވައްޒަފުންގެ ރައްކާތެރިކަމަށްޓަކާ ކަމަށެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ދުނިޔޭގައި މިހާޜު ހަލުވި ކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް ރާއްޖެއިން ފެނިފައިވާތީ، ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއި ގުޅިގެން އެ ސާވިސްގެ ބެލުމުގެ ދަސުގައިވާ ގައިދީންނަށް ދޭ އެކަހެރި ބައްދަލުވުންތަކާއި އާއިލީ ބައްދަލުވުން މެދުކަނޑާލާފައިވާ ކަމަށެވެ. އަދި ގައިދީންނަށް އަންނައުނު ފޯރުކޮށްދިނުންވެސް މެދުކަނޑާލާފައިވާ ކަމަށް ބަޔާނުގައިވެ އެވެ.

މީގެ އިތުރުން ބަޔާނުގައި ބުނެފައިވަނީ މި ނާޒުކު ހާލަތުގައި އާއިލާއާއި އޮންނަ ގުޅުން ބަދަހިކޮށް އިތުރު ފުރުސަތު ހޯދައިދިނުމުގެ ގޮތުން ގައިދީންނަށް ދެމުންދާ ފޯންކޯލްތައް އިތުރުކުރުމަށް ނިންމާފައިވާ ކަމަށެވެ.

ގައިދީންގެ އެކަހެރި ބައްދަލުވުންތަކާއި އާއިލީ ބައްދަލުވުންތައް މެދުކަނޑާލާފައިވާއިރު ރޯނގާ ޖެހިފައިވާ ގައިދީއަކު ޝަރީއަތަށް ކޯޓަށް ހާޒިރު ނުކުރުމަށްވެސް ވަނީ ނިންމާފަ އެވެ.

މި ބައްޔަށް ރާއްޖެއިން އަށް މީހަކު މިހާތަނަށް ވަނީ ޕޮޒިޓިވް ވެފަ އެވެ. އޭގެ ތެރެއިން ހަތަރު މީހުންނަކީ ކުރެއްދޫ އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރި އިޓަލީ ފަތުރުވެރިއެއްގެ ފަރާތުން ވައިރަސް ޖެހުނު މީހުނެވެ.

އަނެއް ދެ ބިދޭސީންނަކީ ބަތަލާ އައިލެންޑް ރިސޯޓުގައި ތިބި ބައެކެވެ. ރާއްޖެއިން މި ބަލި ފެނުމުން، ރާއްޖޭގެ އެލާޓް ލެވަލް ވަނީ ވައިޓް އެލާޓުން ރީނދޫ އެލާޓަށް މަތިކޮށްފަ އެވެ. އިއްޔެ ކޮރޯނާ ވައިރަހަށް ރާއްޖެއިން ޕޮޒިޓިވްވެފައިވަނީ ކުރަމަތި އައިލެންޑް ރިސޯޓްގައި ތިބި ދެ ފަތުރުވެރިއެކެވެ.