ކޮވިޑް-19 އާ ގުޅިގެން ޓްރީ ޓޮޕް ހޮސްޕިޓަލަށް ޒިޔާރަތް ކުރާ ބަލި މީހުންގެ ރައްކާތެރި ކަމަށް އިތުރު ފިޔަވަޅު ތަކެއް އަޅައިފި އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލުން އަބަދު ވެސް އެންމެ އިސްކަން ދޭނީ އެ ހޮސްޕިޓަލަށް ޒިޔާރަތް ކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމަށާ މުޅި ދުނިޔޭގައި ފެތުރެމުން ދާ ނުރައްކާތެރި ކޮރޯނާ ވައިރަސް ފެތުރުމުގެ ފުރުސަތު ކުޑަ ކުރުމަށް އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރުމުގެ ގޮތުން މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން ހާއްސަ އުސޫލު ތަކެއް ކަނޑައަޅަފައިވާ ކަމަށެވެ.
އެގޮތުން އައުޓް-ޕޭޝަންޓް ކޮންސަލްޓޭޝަންތަކަށް އަންނަ ފަރާތްތަކުގެ ތެރެއިން ހުމާއި ރޯގާ އަދި ފްލޫ އާއި ނޭވާލާ ނިޒާމުގެ ބަލިތައް އަދި ކޮވިޑް-19 ވައިރަސްގެ އަލާމާތްތައް ހުންނަ ފަރާތްތަށް އެމަޖެންސީ ރޫމަށް ގެންގޮސްދިނުމުގެ އިތުރުން ހިލޭ އީއާރު ކޮންސަލްޓޭޝަން ލިބޭނެ ކަމަށެވެ. އަދި އެ ހޮސްޕިޓަލަށް ޒިޔާރަތްކުރާ ފަރާތް ތަކުން ހާއްސަ ފޯމެއް ފުރަން ޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ޓްރީޓޮޕް ހޮސްޕިޓަލުން ވަނީ މީގެ އިތުރުން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭ ފަރާތްތަކަށް ޒިޔާރަތް ކުރާ ވަގުތު ތަކެއްވެސް ކަނޑައަޅާފަ އެވެ. އިން-ޕޭޝަންޓް ޕްރައިވެޓް ރޫމްސް އަދި ސުއީޓްސް އަށް ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވާ ވަގުތު ތަކަކީ ހެނދުނު 11:00 އިން މެންދުރު 12:00 އަދި ހަވީރު 18:00 އިން ރޭގަނޑު 19:00 އެވެ. އެގޮތުން އެޑްމިޓް ކޮށްފައިވާ ބަލިމީހާ އަށް ޒިޔާރަތް ކުރެވޭނީ ފަހަރަކު މީހަކަށެވެ. އަދި 14 އަހަރުން ދަށުގެ އެއްވެސް ކުޑަކުއްޖަކު މި ސަރަހައްދުތަކަށް ޒިޔާރަތް ނުކުރަން ހޮސްޕިޓަލުން ވަނީ އިލްތިމާސް ކޮށްފަ އެވެ.