ހަބަރު

އަކްރަމް އިތުރު ދައުރަކަށް އީސީއަށް އައްޔަން ކުރަން ރުހުން ދީފި

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރު ކަމަށް މިހާރު ވެސް އެކޮމިޝަންގެ ނައިބު ރައީސް ކަމުގައި ހުންނެވި އަހުމަދު އަކްރަމް އިތުރު ދައުރަކަށް އައްޔަން ކުރަން ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އީސީގެ މެންބަރަކު އަލުން އައްޔަން ކުރަން ޖެހިފައި ވަނީ މިހާރު ވެސް އެ ކޮމިޝަންގައި މިހާރު ވެސް ހުންނެވި އަހުމަދު އަކްރަމްގެ ދައުރު ހަމަވާތީ އެވެ. އާ ދައުރަކަށް އޭނާ ކުރިމަތިލެއްވީ އެވެ.

އީސީގެ މެންބަރު ކަމަށް ފުރުސަތު ހުޅުވާލުމުން ފަސް ބޭފުޅަކު އެ މަގާމަށް ކުރިމަތިލެއްވި އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެ ނަންތައް މަޖިލީހަށް ފޮނުއްވިއިރު އިސްކަން ދެއްވާފައި ވަނީ ވެސް އަކްރަމް އައްޔަން ކުރުމަށެވެ. ކުރިމަތިލި މީހުންގެ ނަންތައް ދިރާސާކުރި މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވެސް އިސްކަން ދިނީ އަކްރަމް އައްޔަން ކުރުމަށެވެ.

އެހެންކަމުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެންމެ ފުރަތަމަ ވޯޓަށް އެހީ ވެސް އަކްރަމްގެ ނަމަށެވެ. އެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 72 މެންބަރުންގެ އިއްތިފާގުން އެ މަގާމަށް އަކްރަމް އައްޔަން ކުރަން ރުހުން ދިނުމަށް ފާސްވި އެވެ. އެހެންވެ އިތުރު ނަމަކަށް ވޯޓަށް އަހާކަށް ނުޖެހުނެވެ.

އީސީގެ ނައިބު ރައީސް ކަމުގައި ހުންނެވި އަކްރަމަކީ އެ ކޮމިޝަންގެ ތަރުޖަމާނު ވެސް މެ އެވެ. މީޑިއާއާ ވެސް ގާތް ގުޅުމެއް ބާއްވާ އަކްރަމަކީ ވަރަށް ހަލަބޮލި އިންތިހާބުތަކެއްގެ ތަޖުރިބާ ވެސް ހުންނެވި މެންބަރެކެވެ.

ބޮޑެތި ތުހުމަތުތަކާ އިންޒާރުތައް ރިޔާސީ އިންތިހާބުގައި އިލެކްޝަން ކޮމިޝަނަށް އަމާޒުވިއިރު އަކްރަމް ހުންނެވީ ކޮމިޝަންގެ ތަރުޖަމާނުގެ ވެސް މަގާމުގަ އެވެ. ހުރިހާ އިންތިހާބެއްގެ މައުލޫމާތުތައް ވެސް މީޑިއާއަށް ތިލަ ކުރެއްވުމުގައި އިސްކޮށް ހުންނެވީ އަކްރަމެވެ.

އަކްރަމްގެ އިތުރުން އެ ކޮމިޝަނަށް ކުރިމަތިލި މެންބަރުންގެ ތެރޭގައި އެ ކޮމިޝަންގެ ކުރީގެ ނައިބު އަހްމަދު ފަޔާޒު ހަސަން ވެސް ހިމެނިވަޑައިގަންނަވަ އެވެ. 19 ވަނަ ރައްޔިތުންގެ މަޖިލީސް ފެށުނު ފަހުން ފަޔާޒު ވަނީ އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ވެސް ކުރިމަތިލި އެވެ. އެ މަގާމަށް އޭނާ އައްޔަން ކުރަން މަޖިލީހުން ރުހުން ދީފައެއް ނުވެ އެވެ.

އަކްރަމް އާއި ފަޔާޒްގެ އިތުރުން ދެން އީސީއަށް ކުރިމަތިލީ ހއ. ކެލާ، އަނބުގަސްދޮށުގެ، މަރިޔަމް ހަނީފާ ހާލިދު އަދި ވ. ރިވެތި، އަހުމަދު މަންސޫރު އެވެ.