ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އޭއެފްސީ ކަޕް

އޭއެފްސީކަޕްގައި މާޒިޔާ، ޓީސީގެ މެޗުތައް ސަސްޕެންޑް

އޭއެފްސީ ކަޕްގައި، އަންނަ މަހު ރާއްޖޭގެ ޓީސީ ސްޕޯޓްސް ކުލަބާއި މާޒިޔާ ސްޕޯޓްސް ރެކްރިއޭޝަން ކުޅެން ހަމަޖެހިފައިވާ މެޗުތައް އޭއެފްސީން ސަސްޕެންޑް ކޮށްފި އެވެ.

އޭއެފްސީން މިއަދު އާންމުކޮށްފައިވާ ސްޓޭޓްމެންޓްގައި ބުނެފައި ވަނީ، އޭއެފްސީ ކަޕްގައި އަންނަ މަހު ކުޅެން ހަމަޖެހިފައިވާ ހުރިހާ މެޗެއް ފަސްކޮށްފައިވާ ކަމަށެވެ. އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުގައި މާޒިޔާ އާއި ޓީސީވެސް ވަނީ އެ ދެ ޓީމުގެ ފުރަތަމަ މެޗު ކުޅެފަ އެވެ. އަދި މިދިޔަ މަހާއި މިމަހުގައިވެސް ބައެއް އެހެން ގުރޫޕްތަކުގެ މެޗުތައްވެސް ކުޅެފައި ވެ އެވެ.

އެހެންނަމަވެސް، މިދިޔަ ބުރާސްފަތި ދުވަހު ކުޅެން ހަމަޖެހިފައިވާ ވެސްޓް ޒޯންގެ ގުރޫޕް ސްޓޭޖުގެ ބައެއް މެޗުތައް، މިހާރު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ވަނީ ސަސްޕެންޑް ކޮށްފަ އެވެ.

"އޭޝިއަން ފުޓްބޯލް ކޮންފަޑްރޭޝަން އިން، ނިންމާފައި ވަނީ ކޮވިޑް-19 އާ ގުޅިގެން ގައުމުތަކުން އަޅަމުންދާ ރައްކާތެރި ކަމުގެ ފިޔަވަޅުތަކާއި ދަތުރު ކުރުން މަނާ ކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން އޭއެފްސީ ކަޕްގެ 2020 ގެ މެޗުތައް ފަސް ކުރުމަށެވެ." އޭއެފްސީން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

ޓީސީ އާއި މާޒިޔާގެ މެޗުތަކުގެ ތެރެއިން ސަސްޕެންޑް ކުރި މެޗުތަކަކީ، އަންނަ މަހުގެ 14 ވަނަ ދުވަހު ބަންގުލަދޭޝްގެ ބޮށުންދަރާ ކިންގްސް އާ ދެކޮޅަށް މާލެގައި މާޒިޔާ ކުޅެން ހަމަޖެހިފައި އޮތް މެޗު، އޭގެ އަނެއް ދުވަހު ޓީސީން މާލޭގައި ޗެންނާއީ ސިޓީއާ ދެކޮޅަށް ކުޅޭ މެޗު އަދި އަންނަ މަހުގެ 29 ވަނަ ދުވަހު މާޒިޔާ އާއި ޓީސީ ކުޅެންޖެހޭ މާޒިޔާގެ ހޯމް މެޗުވެސް ވަނީ ފަސް ކޮށްފަ އެވެ.

އޭއެފްސީން އިތުރަށް ބުނެފައި ވަނީ، އަލުން މެޗުތައް ފަށާނެ ތާރީހެއް އޭއެފްސީން އިއުލާން ކުރާނެ ކަމަށެވެ. އޭއެފްސީން ބުނީ އެ ނިންމުން ނިންމީ އޭއެފްސީން މެންބަރު ގައުމުތަކާ މަޝްވަރާ ކުރުމަށް ފަހުގައި ކަމަށެވެ.

"މި ނިންމުމަކީ، ކުޅުންތެރިންގެ ސިއްހަތާ މެދު ރައްކާތެރިވުމުގެ ގޮތުން އަޅާ ފިޔަވަޅެކެވެ." ބަޔާން ނިންމާލަމުން ބުނެފައި ވެއެވެ.