ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ގައުމީ ފުޓްބޯޅް ޓީމް

ކޮވިޑް-19: ރާއްޖޭގެ މެޗުތައްވެސް ސަސްޕެންޑް

ފެތުރެމުންދާ ކޮވިޑް 19 ގެ ބިރު ވެރިކަން އުފެދުމުން ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ކުޅެން ހަމަޖެހިފައިވާ މެޗުތައް ވެސް ސަސްޕެންޑް ކޮށްފި އެވެ.

އެ ނިންމުން، އިއުލާން ކުރީ ފީފާއިންނެވެ. ފީފާއިން އިއްޔެ އާންމު ކޮށްފައިވާ ބަޔާނުގައި ބުނެފައި ވަނީ އޭއެފްސީ އާ ގުޅިގެން އެ ކޮންފެޑްރޭޝަންގެ މެންބަރު ގައުމުތަކާ މަޝްވަރާ ކުރުމަށް ފަހު މެޗުތައް ފަސް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ފީފާއިން ނިންމާފައި ވަނީ މި މަހުގެ 23 ން 31 ކުޅެން ހެމަޖެހިފައިވާ މެޗުތަކާއި ޖޫން އެކަކުން ނުވަޔަކަށް ކުޅެން ހަމަޖެހިފައިވާ މެޗުތައް އެހެން ތާރީހަކަށް ފަސް ކުރުމަށެވެ.

އެ ތާރީހްތަކުގައި ކުޅެން ހަމަޖެހިފައިވާ މެޗުތައް ސަސްޕެންޑް ކުރުމުން، މިމަހު 26 ވަނަ ދުވަހު ޗައިނާއާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ އެ ގައުމުގެ ހޯމް މެޗާއި 31 ވަނަ ދުވަހު ސީރިއާ ދެކޮޅަށް މާލޭގައި ކުޅެން ހަމަޖެހިފައިވާ މެޗު ވެސް ވަނީ ސަސްޕެންޑް ވެފަ އެވެ.

ޗައިނާއިން މިދިޔަ އަހަރު ފަހު ކޮޅު ފެނުނު ކޮވިޑް 19 ގެ ސަބަބުން، ޗައިނާ އާއި ރާއްޖެ ކުޅެން ހަމަޖެހިފައިވާ މެޗު، އޭއެފްސީން ވަނީ ޗައިނާގެ ފުޓްބޯލް އެސޯސިއޭޝަންގެ މަޝްވަރާގެ މަތިން ތައިލެންޑަށް ބަދަލު ކޮށްފަ އެވެ. އެ މެޗު ކުޅެން ހަމަޖެއްސީ، ތައިލެންޑްގެ ބުރިއަމްގެ ޗޭންގް އެރީނާގަ އެވެ. މިހާރު މި މެޗު ވެސް ފަސް ކުރުމުން މެޗުގެ ވެނޫ ބަދަލު ވުމަކީ އެކަށީގެންވާ ކަމެކެވެ.

ޖޫން އެކަކުން ނުވަޔަކަށް ކުޅެން ހަމަޖެހިފައިވާ މެޗުތައް ފަސް ކުރުމުން، ޖޫން ނުވައެއްގައި ޕިލިޕީންސްގައި ރާއްޖެއިން އެ ގައުމާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ މެޗު ވެސް ވަނީ ސަސްޕެންޑް ކޮށްފަ އެވެ.

ފީފާއިން ބުނީ، އޭއެފްސީ އާއި ފީފާއިން މަޝްވަރާ ކުރުމަށް ފަހު، ފަސް ކުރެވުނު މެޗުތައް އަލުން ކުޅޭނެ ތާރީހެއް އިއުލާން ކުރާނެ ކަމަށެވެ. އެހެންނަމަވެސް، މެޗު ކުޅޭ ގައުމުތަކުން ދޭދޭ ގައުމުތަކުގެ މެދުގައި އެއްބަސް ވެވި ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެވޭނަމަ މެޗުތައް ކުރިއަށް ގެންދެވޭނެ ކަމަށެވެ.

މި އަހަރު ތުރުކްމެނިސްތާންގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭއެފްސީ ފުޓްސަލް ޗެމްޕިއަންޝިޕްއާއި އޯގަސްޓް މަހު ލިތުއޭނިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ފުޓްސަލް ވޯލްޑް ކަޕްވެސް ވަނީ ފަސް ކޮށްފަ އެވެ.

ކޮރޯނާ ވައިރަސް ޖެހުނު ކަމަށް އެންމެ ފުރަތަމަ ރިޕޯޓް ކޮށްފައި ވަނީ ޑިސެމްބަރު 19 ގަ އެވެ. މިހާތަނަށް 114000 މީހުންނަށް މި ބަލި ޖެހުނު ކަމަށް ވަނީ ރިޕޯޓް ކޮށްފަ އެވެ. އަދި 115 ގައުމަކުން 4000 ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

ރާއްޖެގައި ވެސް ހަ މީހަކަށް މި ބަލި ވަނީ ޖެހިފަ އެވެ. އެއީ ބިދޭސީންނެވެ.