ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކުޅިވަރު

ގައުމީ ޓީމުތަކުގެ ޕްރެކްޓިސް މެދުކަނޑާލައިފި

ތިން މަސް ދުވަހުގެ ލޮކް ޑައުންއަށް ފަހު ގައުމީ ޓީމުތަކުގެ ޕްރެކްޓިސް ޖޫން މަހު އަލުން ފެށިނަމަވެސް ކޮރޯނާ ވައިރަސްގެ ހާލަތު އަލުން ގޯސްވާން ފެށުމުން ގައުމީ ޓީމުތަކުގެ ޕްރެކްޓިސްތައް އަނެއްކާވެސް މެދުކަނޑާލައިފި އެވެ.

ތިން މަސް ދުވަހުގެ ލޮކްޑައުން އަށް ފަހު ހަތަރު ކުޅިވަރަކުން ވަނީ ޖޫން މަހު ޕްރެކްޓިސްތައް ފަށާފަ އެވެ. އެއީ ފުޓްބޯޅަ، ކްރިކެޓް، ބެޑްމިންޓަން އަދި ސްވިމިން އެވެ. މިހާރު އެ ހަތަރު އެސޯސިއޭޝަނުން ވަނީ ކުޅުންތެރިންގެ ޕްރެކްޓިސް މެދުކަނޑާލިކަން އިއުލާން ކޮށްފަ އެވެ.

ކްރިކެޓް ބޯޑުގެ ރައީސް މުހައްމަދު އަފްލާހް ވިދާޅުވީ، ރޭ ގައި ނެރުނު ސާކިއުލާ އާއެކު އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ޕްރެކްޓިސް މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ. ކްރިކެޓްގެ ޕްރެކްޓިސް ކުރިއަށް ގެންދަނީ ޓިމު ފަސް ބެޗަކަށް ބަހާލައިގެން ކޮންމެ ބެޗެއްގައި ފަސް ކުޅުންތެރިން ހިމެނޭ ގޮތަށެވެ.

"ރޭ ނިންމާފައި ވަނީ އަންނަ އާދިއްތަ ދުވަހާ ހަމައަށް ޕްރެކްޓިސް މެދުކަނޑާލަން، މިހާރު މިދިމާވީ ގޮތުން އަނެއްކާވެސް ޕްރެކްޓިސް ފެށޭނެ ތާރިހެއް ދަންނަވަން އުނދަގޫ،" އަފޫ ވިދާޅުވި އެވެ. "މަސައްކަތް މި ކުރަނީ [ޔޫތު، ސްޕޯޓްސް] މިނިސްޓްރީ އާ ވާހަކަ ދައްކައިގެން ކޮންމެ ފަސް ކުޅުންތެރިޔަކަށް އެކި ވަގުތުތަކުގައި ޕްރެކްޓިސް ކުރެވޭނެ ގޮތެއް ހަމަޖެހޭތޯ،"

ގައުމީ ފުޓްބޯޅަ ޓީމުގެ މެނޭޖަރު ޔާމީން އިބްރާހިމް (ޔާމްބެ) ބުނީ މުއްދަތެއް ނެތް ގޮތަށް ފުޓްބޯޅަ ޓީމުގެ ޕެރެކްޓިސް މެދުކަނޑަލިކަން ކުޅުންތެރިންނަށް މިހާރު އަންގާފައި ވާނެ ކަމަށެވެ.

ބެޑްމިންޓަންގެ އިންޑޯ ހޯލްގައި ޕްރެކްޓިސް ކުރިއަށް ގެންދަނީ، އެކިވަގުތުތައް ވަކި އަދަދަކަށް ބާހާލައިގެން ކުޅުންތެރިންގެ ކޮންޓެކްޓް ވީހާވެސް ކުޑަ ވާނެ ގޮތަށެވެ. ބޭޑްމިންޓަންއިންވެސް ވަނީ އިންޑޯ ހޯލްވެސް ބަންދު ކޮށްފައިވާކަން މިއަދު އިއުލާން ކޮށްފަ އެވެ.

ސްވިމިންގެ ޑައިރެކްޓް ޓްރޭނިން ކުރިއަށް ގެންދަނީ ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ހުންނަ ސްވިމިމް ޕޫލްގަ އެވެ. އެކި ގަޑިތަކަށް އެކި އެތުލީޓުންނަށް ބަހާލައިގެން ކުރިއަށް ގެންދިޔަ ސްވިމިންގެ ޕްރެކްޓިސްވެސް މިހާރު ވަނީ ހުއްޓާލާފަ އެވެ.

ސްވިމިން އެސޯސިއޭޝަންގެ ޖެނަރަލް ސެކެޓްރީ ކަމަށް ތިން ވަނަ ދައުރަކަށްވެސް އައްޔަން ކުރި ޝާރިފް ވިދާޅުވީ ސްވިމިންގެ އެތުލީޓުން ގޭގައި ތިބެގެން ފިޒިކަލް ޓްރެއިނިންތައް ކުރިއަށް ގެންދާނެ ގޮތުގެ ޕްރޮގްރާމެއް މިހާރު ދީފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ފެތުންތެރިންގެ އަދަދު މަދުކޮށް ޑައިރެކްޓް ތްރޭނިންތައް ކުރިއަށް ގެންދިއުމުގެ ހުއްދަ ލިބޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިއަދު ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ ފިޔަވަޅުތައް ވަރުގަދަ ކޮށް އެއްވުންތަކާއި ކުޅިވަރުގެ ހަރަކާތްތައްވެސް ހުއްޓާލުމަށް އަނެއްކާވެސް އަންގާފަ އެވެ.