ކޮރޯނާ ވައިރަސްއިން ރާއްޖެ ބައްދާލައި ނުރައްކާތެރި ވިލާގަނޑެއްގެ ދަށުގައި މުޅި ގައުމުގެ އިގްތިސޯދު ހުއްޓުމުން އާންމުދަނީގެ ދޮރުތައް ބަންދުވީ އެވެ. އާންމުން އެއްވެ އުޅޭ ހަރަކާތްތަކާއި އެހެނިހެން ވިޔަފާރިތައް ބަންދުކޮށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުގެ މާ ކުރިން ވެސް މަސައްކަތް ހުއްޓާލަން ޖެހުނު ބޮޑު ދާއިރާއެއް އެބައޮތެވެ. މި ވައިރަސްގެ ސަބަބުން އެންމެ ފުރަތަމަ ގެއަށް ވަންނަން މަޖުބޫރުވީ ކުޅިވަރު އާއިލާގެ އެކި ފަރާތްތަކެވެ. އޭގެ ތެރެއިންވެސް ހާއްސަ ކޮށް ކުޅިވަރު އެކެޑެމީގެ ހަރަކާތްތައް ހުއްޓާލަން ޖެހުނުލެއް އަވަހެވެ.
އެހެން ދާއިރާތަކަށް ލިބުނު ގެއްލުމަށް ވުރެ ކުޅިވަރަށް މި ވައިރަސްގެ ސަބަބުން ލިބުނު ގެއްލުން ކުޑައެއް ނޫނެވެ. ކުޅިވަރު އެކެޑެމީތަކުން ދަނީ ތަކުލީފު އުފުލަމުންނެވެ. މިޑް ޓާމް ބުރޭކަށް ސްކޫލް ބަންދުކޮށް، އެ ހަފުތާ ނުނިމި އުޅެނިކޮށް ކޮވިޑް-19 ގެ ބިރުވެރިކަން ގައުމަށް މެދުވެރި ވެއްޖެ އެވެ.
އޭރު އޮތީ ރާއްޖޭގައި ޗުއްޓި ހޭދަކޮށްފައި ޕެރޫއަށް ދިޔަ މީހަކު ވައިރަހަށް ޕޮޒިޓިވް ވެގެން އެވާހަކަ މީޑިއާގައި ތިލަ ވެފަ އެވެ. އެކަމާ އެންމެ ބޮޑަށް ޕެނިކްވެ ބިރުގަތީ ކުޑަކުދިން ގެންގުޅޭ ބެލެނިވެރިންނެވެ. ދަރިފުޅު ގެއިން ބޭރަށް ފޮނުވަން ބޭނުން ނުވެފައި ތިބި ކިތަންމެ ބެލެނިވެރިއަކު ތިއްބެވެ. އެހާ ހިސާބުން އެކެޑެމީތަކުގެ މަސައްކަތް ހުއްޓާލަން ޖެހުނީ އެވެ. އެކެޑެމީތަކުގެ 90 ޕަސަންޓް ހާއްސަ ވެފައި ވަނީ 10 އަހަރުން ދަށުގެ ކުޑަކުދިންނަށެވެ.
"ހަގީގަތުގައި އަޅުގަނޑުމެން މަސައްކަތް ހުއްޓާލަން ޖެހިއްޖެ މާ ކުރިން، ވައިރަހުގެ ވާހަކަތައް ރާއްޖެއާ ގުޅޭ ހިސާބުން އެކެޑެމީތައް،" އަކޫ ޓެނިސް އެކެޑެމީގެ ފައުންޑާ އަހްމަދު އަކުރަމް ބުންޏެވެ. "އޭރުން ފެށިގެން ހުރިހާ ކުޅިވަރެއްގެ އެކެޑެމީތައް ވެސް ހުއްޓާލައިފި އެ ހާހިސާބުން އަޅުގަނޑުމެންގެ ކޯޗުންނާއި ޓްރޭނަރުންގެ އިންކަމް މުޅިން ހުއްޓުނީ."
ހުރިހާ ކުޅިވަރެއް އެކެޑެމީތައް ޝާމިލުވާ ގޮތަށް، އަކްރަމް އާއި ބައެއް އެހެން އެކެޑެމީތަކުގެ އިސްވެރިން އެކުވެގެން ވަނީ، ކުޅިވަރު އެކެޑެމީތަކަށް ކުރިމަތިވެފައިވާ ދަތި އުނދަގޫ ގޮންޖެހުންތަކަށް ހައްލެއް ހޯދައި ދިނުމަށް އެދި ޔޫތު ސްޕޯޓްސް މިނިސްޓްރީއަށް ސިޓީއެއް ފޮނުވާފަ އެވެ.
އެކި ދާއިރާތަކަށް ލުއިތައް ހޯދައިދިނުމުގެ ގޮތުން، އެ ދާއިރާތަކަށް ހާއްސަ ލޯން ސްކީމްތަކެއް ތައާރަފު ކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އެހެން ދާއިރާތަކެކޭ އެއްގޮތަށް އެކެޑެމީތަކުން ވެސް އެދެނީ ލުއި އިންތިޒާމުތަކެއް ހަމަޖައްސައި ދިނުމަށެވެ.
"އަޅުގަނޑުމެން އެދެނީ ލޯނު ދެންޏާ އެކެޑެމީތަކަށް ވެސް ހާއްސަ އިންތިޒާމެއް ހަމަޖައްސަވައި ދެއްވާށޭ،" އަކުރަމް ބުންޏެވެ. "އަޅުގަނޑުމެން ވެސް ނުބުނަން ހިލޭ ސާބަހަށް އެހީއެއް ދޭކަށް ނަމަވެސް އަޅުގަނޑުމެންނަށް ވެސް ލުއި ގޮތްތަކެއް ލިބޭ ގޮތަށް އެހީތެރި ކަމެއް ވެދެއްވުން."
މަސައްކަތް ހުއްޓާލަން ޖެހުނު އެކެޑެމީތަކުގެ ތެރެއިން އެންމެ ބޮޑަށް އަސަރު ކުރާނީ ސްވިމިން އެކެޑެމީތަކަށެވެ. ސްވިމިން އެކެޑެމީތަކުގެ ތަމްރީންތަކަކީ އެ ކުޅިވަރުގެ ގޮތުން ވެސް، ޓްރޭނިންތަކަށް ގިނަ ކޯޗުން ތިބެގެން ޓްރެއިނިންތައް ކުރިއަށް ގެންދަން ޖެހޭ އެކެޑެމީތަކެވެ. ސްވިމިންގެ ބައެއް އެކެޑެމީތަކުގައި 10 ވަރަކަށް ކޯޗުން އެބަތިއްބެވެ.
ގިނަ ކޯޗުންނަކީ ފުލްޓައިމްކޮށް އެ މަސައްކަތަށް ހުސް ވެގެން ތިބި އެކެޑެމީތަކެވެ. އެ ކޯޗުންގެ ދިރިއުޅުމުގެ އާންމުދަނީ ގުޅިފައި ވަނީ އެކެޑެމީތަކުގެ މަސައްކަތަށެވެ. އެ މަސައްކަތް ހުއްޓާލާފައި ވުމުން ކޯޗުންގެ އާންމުދަނީ ވަނީ ހުއްޓިފަ އެވެ. ބައެއް ކޯޗުން ބުނީ މުޅިން އަތްމަތި ހުލި ވެފައިވާ ކަމަށެވެ.
"ރާއްޖޭގެ ކުޅިވަރު ކުރިއަރުވާ އެތުލީޓުން އުފައްދަން މަސައްކަތް ކުރާ އެކެޑެމީތަކުގެ ކޯޗުން ތިބީ އާންމުދަނީ އެއް ލިބެން އޮތް ހަމައެކަނި މަސައްކަތް ހުއްޓާލައިގެން ގޭގައި،" ނިއު ލެގޫން ސްވިމިން ކުލަބުގެ އިސް ކޯޗް އަދި ގައުމީ ސްވިމިން ޓީމުގެ ކުރީގެ ކޯޗް އިސްމާއިލް ފަރުހާން (ފަރޭ) ބުނެފައި އެވެ.
"މި ސަރުކާރަކީ ދުޅަ ހެޔޮ ސިއްހަތަށް އެންމެ އިސްކަންދޭ ސަރުކާރު ކަމަށް ބުނި ސަރުކާރު، އަދި މިހާލަތު އައި ފަހުން ކުޅިވަރުގެ މިނިސްޓަރު އަހްމަދު މަހްލޫފް ވެސް އަދި ސްޕޯޓްސް ކޮމިޝަނާ ހީނާ އަހްމަދު ސަލީމް ވެސް ބަހެއް ބުނި އަޑެއް ނާހަން. އަދި އެއްވެސް ކުޅިވަރު އެސޯސިއޭޝަނަކުން ވެސް ބަހެއް ބުނެފައެއް ނެތް."
"މިކަމަށް ޖަވާބެއް ނުލިބޭނަމަ މި ހާލަތުން ގައުމު ސަލާމަތްވާއިރު ކޯޗުން މި މަސައްކަތް ހުއްޓާލާފައި އެހެން މަސައްކަތަކަށް ދާން މަޖުބޫރު ވެދާނެ."
އޭނާ ބުނީ، ކުރިމަތީގައި ރާއްޖޭގައި 2023 ވަނަ އަހަރު ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ވެސް އެބައޮތް ކަމަށާއި އެ ގޭމްސްގައި ރާއްޖެއިން ގިނަ ޓާގެޓްތަކެއް ހުރިއިރު އެ މަސައްކަތުގައި އެންމެ ބޮޑު ދައުރެއް އަދާ ކުރަން އޮތީ ކުޅިވަރު އެކެޑެމީތައް ކަމަށެވެ.
އެކެޑެމީތަކަށް ލޯނެއް ހަމަޖެއްސިޔަސް، އާންމު އެހެން ވިޔަފާރިތަކާއި އެކެެމީތައް ތަފާތު ވާނެ އެވެ. އެކެޑެމީތަކަށް އާންމު ދަނީއެއް ވަންނާނީ ވެސް ހާލަތު ރަނގަޅުވެ ހިންގަން ފަށާ ފަހުންނެވެ. މިހާލަތު މިގޮތުގައި ދެމިގެންދާނީ ކިހާ ދުވަހަކު ކަމެއް ނޭންގެ އެވެ.
"އެންމެ ފުރަތަމަ ގަބޫލު ކުރަން ޖެހޭ ކަމަކީ އާންމު ވިޔަފާރިތަކަށް މިހާލަތުގައި އޮތް އުސޫލަށް ލޯނެއް ދީގެން އެ ވިޔަފާރީތައް ސަލާމަތް ކުރެވިދާނެ، މިއަދު ލޮކްޑައުން އުވާލިޔަސް އެފަދަ ވިޔާފަރިތައް ހިނގަން ފަށާނެ، އެހެން ނަމަވެސް ގަބޫލު ކުރަން ޖެހޭ އެކެޑެމީތަކަށް މަސައްކަތް ފެށޭނީ ވެސް ކުދިން އެކެޑެމީތަކަށް ފޮނުވަން ބެލެނިވެރިންނަށް ކޮންވިންސްވި އިރަކުން،" މި ހާލަތާ ބެހޭގޮތުން ވާހަކަ ދެއްކި އެހެން އެކެޑެމީއެއްގެ ކޯޗަކު ބުންޏެވެ.
"ހާލަތު މުޅިން ކޮންޓްރޯލް ވީމަ ނޫނީ އެކެޑެމީތަކަށް ކުދިން ފޮނުވާކަށް އަޅުގަނޑުމެންނަކަށް ވެސް ނުބުނެ ވޭނެ، މި ހާލަތު މިގޮތަށް ދެމިގެންދާ ކޮންމެ މުއްދަތަކީ އެކެޑެމީތަކުގެ ކޯޗުންނަށް އެތައް ގޮތަކުން ދަތި ކުރިމަތި ވާނެ ކަމެއް."