ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެފްއޭއެމް

ޑިސްއިންފެކްޓް ގޭޓް ދަނޑުގައި ބަހައްޓަނީ

ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވާ ނިއު ނޯމަލް ހާލަތުގައި ފުޓުބޯޅަ ސީޒަންގައި ބޭނުން ކުރަން ގައުމީ ފުޓްބޯޅަ ދަނޑުގައި ޑިސްއިންފެކްޓް ގޭޓް ބެހެއްޓުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެފްއޭއެމްގެ ނައިބު ރައީސް އަހްމަދު ޝަކީބު (ޑޮކް) ވިދާޅު ވެއްޖެ އެވެ.

އެފްއޭއެމްގެ "ލެޓްސް ޓޯކް ފުޓްބޯލް" ޝޯގެ، ރޭގެ ޕްރޮގްރާމްގައި ގައުމީ ޓީމުގެ ހެޑް އޮފް ފިޒީޝަންގެ މަގާމު ވެސް އަދާ ކުރަމުން އަންނަ ޝަކީބު ވިދާޅުވީ، ނިއު ނޯމަލް ހާލަތުގައި ސީޒަން ފަށާއިރު ކުޅުންތެރިންނާއި ކުލަބުތަކުން އަމަލު ކުރާނެ ގައިޑްލައިނެއް އެކުލަވާލާފައި ވާނެ ކަމަށެވެ. އެ ގައިޑްލައިން އެކުލަވާލުމުގައި ރާއްޖޭގެ ސީއްހީ ދާއިރާގެ ތަޖުރިބާކާރުންނާއި، ޑަބަލިއު އެޗްއޯ ގައިޑްލައިނާ އަދީ ފީފާގައި އޭނާ ވެސް ހިމެނޭ މެޑިކަލް ނެޓްވޯކާއި އަދި ފީފާގެ މެޑިކަލް ހެޑްގެ މަޝްވަރާ އާއި އާއި އޭއެފްސީ ކަމާ ގުޅޭ ދާއިރާތަކުގެ މަޝްވަރާ ހޯދާފައިވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ، ނިއު ނޯމަލްގައި ކުޅުންތެރިންނަށް އުނދަގޫ ކަންކަން ވެސް ހުންނާނެ ކަމަށެވެ. އަދި އެކަމަށް ތައްޔާރު ވުމަށް ގިނަ ހަރަދުތަކެއް ވެސް ހިނގާނެ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑުމެން އެފްއޭއެމްގެ ފަރާތުން ވެސް ވަނީ އެކަމަށް ތައްޔާރު ވުމަށްޓަކައި މިހާރުވެސް މަސައްކަތް ތަކެއް ފަށާފައި ޑިސްއިންފެކްޓް ކުރަން ބޭނުން ވާނެ ވަސީލަތް ގާއިމު ކުރަން،" ޝާކީބު ވިދާޅުވި އެވެ. "ދަނޑަށް ވަދެ އިރުއިރުކޮޅާ އަތް ދޮވުމަކީ އަދި އިރުކޮޅާ ސެނިޓައިޒާ ހޭކުމަކީ ފަސޭހަ ކަމެއް ނޫން، އެހެންވީމަ އަޅުގަނޑުމެން ވިސްނީ ޑިސްއިންފެކްޓް ގޭޓް ބަހައްޓަން، ގާތްގަނޑަކަށް ގޭޓަށް ވަދެ 15 ވަރަކަށް ސިކުންތު ތެރޭގައި އެއިން ނިކުމެގެން ދާއިރު މުޅި މީހާ ޑިސްއިންފެކްޓް ވާގޮތަށް، އަދި ގޭޓުން ނުކުމެގެން ދާއިރު ޓެމްޕަރޭޗާ ވެސް މޮނިޓާ ކުރެވިގެން ދާނީ."

މީގެ ކުރިން މެޗުތަކުގައި އެއް ކުޅުންތެރިޔަކު އަނެއް ކުޅުންތެރިޔެއްގެ ފެންފުޅިން ފެން ބުއިމަކީ އާންމު ކަމެކެވެ. ޝަކީބު ވިދާޅުވީ ނިއު ނޯމަލް ހާލަތުގައި ކޮންމެ ކުޅުންތެރިޔަކު ވެސް އަމިއްލަ ދަބަހުގައި ތުވާއްޔާއި ފެން ފުޅިވެސް އަދި ބޭނުން ކުރާނެ އެހެން ސާމާނު ވަކިން ގެންގުޅެން ޖެހޭނެ ކަމަށެވެ. ދަނޑުގައި ވެސް ފިޒިކަލް ޑިސްޓެންސް ގެންގުޅުމާއި ޕްރެކްޓިސް ކުރާއިރު އެންމެ ގިނަވެގެން ދަނޑަށް އެރެނީ ވެސް ކިހާ ކުޅުންތެރިންނެއްކަން، އަދި ލަނޑު ޖެހުމަށް ފަހު ކުޅުންތެރިން ބޮޑިވެ ގަނެ ކުރިން އުފާފާޅު ކުރަމުން އައި ގޮތަށް ނުކުރެވޭނެކަން ގައިޑްލައިންގައި ހިމެނިފައި ވާނެ ކަމަށް ޝަކީބު ވިދާޅުވި އެވެ.

"މިހާރު ޖެހޭނީ ލަނޑު ޖެހުމަށް ފަހުވެސް ދުރުގައި ތިބެގެން ވަށާލާފައި އަތްޖަހާލާފައި ތިބެގެން ގެންދަން،" ލަނޑު ޖެހުމަށް ފަހު އަމަލު ކުރަން ޖެހޭނެ ކަމަށް ގައިޑްލައިންގައި ލިޔެފައިވާ ގޮތް ޝަކީބު ވިދާޅުވެ ދެއްވި އެވެ. "އެހެން ނޫން ކަމަށްވާނަމަ އަނެއްކާވެސް ބަލި ފެތުރި ފުޓްބޯޅައިގެ ކަންކަން ކުރިއަށް ނުގެންދެވޭ ވަރު ވާނީ."

ބަލި މަޑުކަމުގެ ސަބަބުން ލޮކްޑައުންގެ ހާލަތުގައި ތިބުމަށް ފަހު އަލުން ކުޅެން ނުކުންނައިރު ފުރަތަމަ ކޮޅު އުނދަގޫ ތަކެއް ހުންނާނެ ކަން ޝަކީބު ފާހަގަ ކުރެއްވި އެވެ. އޭނާ ވިދާޅުވީ ކުޅުންތެރިންނަށާއި ކުލަބުތަކަށް އެންމެ ފައިދާ ވާނެ ގޮތަކަށް ބުރޭކްތައް ގިނަ ނުކޮށް ލީގް ކުރިއަށް ގެންދިއުމަށް ކުލަބުތަކާއެކު މަޝްވަރާ ކޮށްފައި ވާނެ ކަމަށެވެ.

"އިންޓަނޭޝަނަލް މުބާރާތްތަކަކީ އަޅުގަނޑުމެން [އެފްއޭއެމް] ގެ ބާރުގެ ދަށުގައި އޮންނަ ކަންކަމެއް ނޫން އެކަން ނިންމާނީ ފީފާ ނުވަތަ އޭއެފްސީ، އެކަމަކު އަޅުގަނޑުމެންގެ ލީގް ރާވާނީ ކުލަބުތަކާ މަޝްވަރާ ކޮށް ކުޅުންތެރިންނަށް އެންމެ ފަސޭހަ ވާނެ ގޮތަށް،" ޝަކީބު ވިދާޅުވި އެވެ. "އާންމު ހާލަތުގެ ސަބަބުން ނަގަން ޖެހޭ ބުރޭކެއް ފިޔަވައި އެހެން ބްރޭކްތަކަށް އިސްކަން ދީގެން ވީ އެންމެ މަދުން ބްރޭކް ނަގައިގެން ލީގްގެ ކަންކަންވެސް ކުރިއަށް ގެންދެވޭނެ ގޮތަކަށް ގެންދަން ނިންމިފައި އޮތީ."

ކުޅުންތެރިންގެ ކިބައިން ކޮވިޑްގެ އަލާމާތެއް ފެނޭތޯ ބެލުން

ޝަކީބު ވިދާޅުވީ ގައިޑްލައިންގެ ދަށުން ކޮންމެ ކުލަބެއްގައިވެސް ހާއްސަ ދެ އޮފިޝަލުން ތިބޭނެ ކަމަށެވެ. އެގޮތުން އެ ދެ އޮފިޝަލުންގެ މަސައްކަތަކަށް ވާނީ ކުޅުންތެރިންގެ ހައިޖިން ބެލުމާއި ކޮވިޑް-19 ގެ އެއްވެސް އަލާމާތެއް ފެނޭތޯ ބެލުން ކަމަށެވެ. ކުޅުންތެރިޔެއްގެ ގޭގައި އެފަދަ މީހާކާ ކޮންޓެކެޓްވި މީހަކު ހުރީތޯ ބެލުންވެސް އެއީ ދެ އޮފިޝަލުންގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމޭނެ ކަމެއް ކަމަށެވެ. އަދި އެފަދަ އަލާމަތެއް ފެނުނަމަ އެ ކުޅުންތެރިޔަކުވެސް ޓީމުގެ ޕްރެކްޓިސް ފެށުމުގެ އެއް ގަޑިއރު ކުރިން ކުލަބުގައި އެކަމަށް ހާއްސަކޮށްފައިވާ އޮފިޝަލުންނަށް އަންގަން ޖެހޭނެ ކަމަށް ޝަކީބު ވިދާޅުވި އެވެ.

އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ސަރުކާރުން އެކަމަށް ކަނޑައަޅާފައިވާ އުސޫލުގެ ތެރެއިން އެ ކުޅުންތެރިންނާ މެދު އަމަލު ކުރާނެ ކަމަށް ޑޮކް ވިދާޅުވި އެވެ.

މިހާލަތުގައި ކުރިއަށް ދިއުން ޝަކީބު ސިފަ ކުރީ "ކަށި ކުނބުރު ބިޔަ ޖަންގަންޔެއްގައި" ކުރިއަށް ދިއުން ކަހަލަ ކަމެއްގެ ގޮތުގަ އެވެ.

"ކަށިކުނބުރު ޖަންގައްޔެއްގައި ފައްޔަށް ގައްޔަށް ކައްޓެއް ނުހެރި ކުރިއަށް ދިއުމަށް މަސައްކަތް ކުރާގޮތް ހިތަށް ގެނައީމަ މިހާލަތުގައި ކުރިއަށް ދާން ވާގޮތް އަޅުގަނޑުމެންނަށް އެނގޭނެ، މިހާރުވެސް ހިފަހައްޓާ ފިޒިކަލް ޑިސްޓެންސް އާއި ގިނަގަިނައިން އަތް ދޮވުމާއި ބޭރަށް ދާއިރު މާސްކު އެޅުމަކީ ކުރިއަށް އޮތްތަނުގައިވެސް އަޅުގަނޑުމެން އަމަލު ކުރަން ޖެހޭނެ ގޮތް ކަމަށް ދެކިގެން އުޅެން ޖެހޭނީ."

"މިއީ އަޅުގަނޑުމެން ކުރި ކަމަކުން އައި ބައްޔެއް ނޫން، އެ ބައްޔަކަށް އޮޅުވާލައިގެން ފިލައިގެން އުޅެވެން އޮތް ބައްޔެއް ނޫން، އެ ބަލި އިގްނޯ ކޮށްގެން އަޅުގަނޑުމެންނަށް އުޅެވެން އޮތް ބައްޔެއް ނޫން، ފަރުވާއެއް ހޯދިފައިވާ ބައްޔެއް ނޫން، ކުރިއަށް އޮތްތާނަގައި މި ވައިރަސް އާއެކު އުޅެން ޖެހޭކަން އެނގިގެން އަޅުގަނޑުމެންގެ ދިރިއުޅުން އެގޮތަށް އާރާސްތު ކުރަން ޖެހުނީ."