ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކުޅިވަރު

"އީގަލްސް އިން އަހަރެންގެ ހާލު ބަލާ"

އެފްއޭ ކަޕްގެ ކުއާޓާ ފައިނަލަށް ކުލަބު އީގަލްސް ދަތުރު ކުރުމާއެކު، އެ ޓީމަށް ކުޅޭ ލަންކާގެ ގައުމީ ޓީމުގެ ކީޕަރު ސުޖަން ޕެރޭރާ ތައްޔާރުވީ، އެ މުބާރާތުގެ ސެމީ ފައިނަލުގައި ޓީސީ ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅެން އޮތް މެޗަށެވެ. ރާއްޖޭގައި ކުޅެމުން އަންނަ އެންމެ ކޮމިޓެޑް ބިދޭސީ ކުޅުންތެރިޔާގެ ގޮތުގައި ފާހަގަ ކުރެވޭ ސުޖަން މެޗަށް ތައްޔާރު ވަނީ އެހެން ކުޅުންތެރިން ތައްޔާރުވާން ފެށުމުގެ ވެސް މާ ކުރިންނެވެ.

އޭއެފްސީ ކަޕްގައި ބަންގުލަދޭޝްގެ ބޮށުންދަރާ ކިންގްސްއާ ދެކޮޅަށް މާޗް މަހުގެ 10 ވަނަ ދުވަހު ކުޅޭ މެޗަށް ޓީސީ ބަންގުލަދޭޝް އަށް ފުރި ފަހުން ކޮވިޑް-19 ގެ ބިރުވެރިކަން ބޮޑުވެ، ބަންގުލަދޭޝްއަށް ދަތުރު ކުރުމުން ޓީސީގެ މުޅި ޓީމު ލަންކާގައި ކަރަންޓީން ކުރި އެވެ. މުބާރާތުގެ ޝެޑިއުލަށް ބަދަލު ގެންނަށް ޖެހި ސެމީ ފައިނަލު ލަސް ކުރަން ޖެހުނީ އެވެ.

ޓީސީގެ ޓީމު ލަންކާގައި ކަރަންޓީން ކުރި ފަހުން ލަންކާގައި ކާފިއު އިއުލާންކޮށް އެ ގައުމު ވެސް ލޮކްޑައުން ކުރި އެވެ. ލަންކާ ލޮކްޑައުން ކުރުމުން މާލެ ނާދެވި ޓީސީގެ ޓީމު ތާށިވީ އެވެ. ހަމައޮގޮތަށް، އެ އުނދަގޫ ސުޖަން އަށާއި ރާއްޖޭގައި ދިރިއުޅޭ ލަންކާގެ އެތައް ރައްޔިތުންނަކަށް ކުރި އެވެ. ސުޖަން މާލޭގައި ތާށިވީ އެވެ. މުބާރާތްތައް އިތުރަށް ކުރިއަށް ގެންދެވޭނެ ހާލަތެއް ނެތުމުން އެފްއޭމުން ފުޓްބޯޅަ ސީޒަން ނިންމާލީ އެވެ. ސީޒަން ނިމޭއިރު ގައުމަށް ދިއުމުގެ ފުރުސަތު ކުރިން އޮތް ނަމަވެސް މިފަހަރު އެ ފުރުސަތެއް ނުލިބުނެވެ. އޮފް ސީޒަންގައި ވެސް އޭނާ ހުންނަން ޖެހުނީ މާލޭގަ އެވެ.

މުޅި މާލެ އެކުގައި ލޮކްޑައުން ކުރުމުގެ ކުރިން ވެސް އޭނާ ވަނީ ލަންކާއަށް ދެވޭތޯ މަސައްކަތް ކޮށްފަ އެވެ. މާލޭގައި ހުންނަ ލަންކާގެ އެމްބަސީ މެދުވެރިކޮށް ވެސް އޭނާ މަސައްކަތް ކުރި އެވެ. ލަންކާއަށް ދަތުރެއް އަތު ޖެހޭނެ ގޮތެއް ނުވި އެވެ. އެންމެ ފަހުން މިދިޔަ މަހުގެ 15 ދުވަހު މާލެއިން މީހަކު ޕޮޒިޓިވް ވުމުން މުޅި މާލެ ލޮކްޑައުން ކުރުމުން އެއްކޮށް ދޮރު ބަންދުވީ އެވެ.

ފުޓްބޯޅައިގައި އީގަލްސްގެ އެންމެ ކާމިޔާބު އަހަރުތައް ހޭދަ ކުރަމުން ދަނީ ސުޖަންގެ ބޮޑު ހިއްސާއާއެކު އެވެ. ރާއްޖޭގެ ޓޮޕް ޑިވިޝަންގައި އެ ކުލަބުން ހޯދި ހަމައެކަނި ތަށި ހޯދީ އޭނާ ގޯލްގައި ހުރެގެންނެވެ. ދިވެހި ޕްރިމިއާ ލީގްގެ ދެ ވަނަ ހޯދައި އަންނަ އަހަރުގެ އޭއެފްސީ ކަޕްގެ ކޮލިފިކޭޝަނާ ހަމައަށް އީގަލްސް ގެންގޮސް ދިނުމުގައި ވެސް ސުޖަން ދައުރު ފެނުނީ ބޮޑުކޮށެވެ.

އެކަން އީގަލްސްއިން ބަލައިގަނެ އަގުވަޒަން ކުރެ އެވެ. މި އުނދަގޫ ވަގުތުގައިި ވެސް އޭނާގެ އެންމެ ބޮޑު އެހީތެރިޔަކީ އީގަލްސް އެވެ. ދިރިއުޅެން ދަތި މި މާލޭގައި ލޮކްޑައުން ވީއިރު ވެސް ސުޖަންގެ އެންމެ ގާތް އެކުވެރިޔަކަށްވީ އީގަލްސްގެ މެނޭޖުމެންޓެވެ.

"އަހަރެންގެ ހާލު ރަނގަޅު، އަހަރެން ޓީމު އީގަލްސްއިން އަބަދުވެސް ބަލާ،" ލޮކްޑައުންގައި އޭނާގެ ހާލަތު އޮޅުން ފިލުވައި ދެމުން ސުޖަން ފޭސްބުކްގައި ބުނެފައި ވެއެވެ. "ހުރިހާ ކަމެއްގައި ކުލަބުން އަހަންނަށް އެހީތެރިކަން ފޯރުކޮށް ދޭ، އެމީހުން އެތިބީ އަހަންނަށްޓަކައި،"