ސަތާރަ އަހަރުން ދަށުގެ އޭއެފްސީ އޭޝިއަން ކަޕްގެ ކޮލިފިކޭޝަންގެ މެޗުތައް ކުޅުމަށް ރާއްޖޭގެ ޒުވާން ގައުމީ ފުޓްބޯޅަ ޓީމު ޗައިނާއަށް ފުރައިފި އެވެ.
މި މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 19 އިން 27 އަށް ޗައިނާގެ ސިޓީއެއް ކަމަށްވާ ޑައިލާންގަ އެވެ.
މި މުބާރާތުގެ ކޮލިފައިންގައި ޖުމްލަ 47 ޓީމެއް ވާދަކުރާއިރު، އަންނަ އަހަރު މުބާރާތް ބާއްވާ ގައުމުގެ ހައިސިއްޔަތުން ސައުދީ އަރަބިއްޔާ ވަނީ އޮޓޮމެޓިކުން މުބާރާތަށް ކޮލިފައިވެފަ އެވެ.
މިދިޔަ އަހަރު ބޭއްވި 17 އަހަރުން ދަށުގެ އޭއެފްސީ މުބާރާތުގެ ނަތީޖާއަށް ބެލުމަށްފަހު ސީޑުކޮށް ގުރުއަތު ނަގާފައިވާއިރު، ގުރު ނެގުމުގެ ރަސްމިއްޔާތު ބޭއްވީ ޖޫން 13 ވަނަ ދުވަހު މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރުގަ އެވެ.
ގުރުއަތުލުމުގައި ތިން ގުރޫޕެއްގައި ފަސް ޓީމު ހިމެނިއިރު ބާކީ ގުރޫޕްތަކުގައި ހިމެނެނީ ހަތަރު ޓީމެވެ.
ކޮންމެ ގުރޫޕަކުން އެއްވަނައަށް އަންނަ ގައުމު މުބާރާތަށް ކޮލިފައިވާއިރު، ގުރޫޕުގެ ދެވަނައިގައި އެންމެ ރަނގަޅު ނަތީޖާ ހޯދާ ފަސް ގައުމެއްވެސް މުބާރާތަށް ކޮލިފައިވާނެ އެވެ.
ރާއްޖެ މިފަހަރު ވާދަކުރާނީ އޭޝިއާގެ ވަރުގަދަ ޓީމުތަކެއް ހިމެނޭ ގްރޫޕް ސީގަ އެވެ. މި ގްރޫޕްގައި ރާއްޖެއާއެކު ވާދަކުރަނީ އޭޝިއާގެ ވަރުގަދަ ދެ ބާރު ކަމަށްވާ ޗައިނާ އާއި ދެކުނު ކޮރެއާގެ އިތުރުން މެދުއިރުމަތީގެ ވަރުގަދަ ބާރު ބަހްރެއިން އަދި ދެކުނު އޭޝިއާ ސަރަހައްދުގައި މިފަހަކަށް އައިސް ބޮޑު ކުރިއެރުމެއް ހޯދަމުން އަންނަ ބޫޓާނެވެ.
ރާއްޖެއިން އެންމެ ފުރަތަމަ ކުޅޭނީ މި މަހުގެ 19 ވަނަ ދުވަހު ބޫޓާނާ ދެކޮޅަށެވެ. ދެން 21 ވަނަ ދުވަހު ބަހްރެއިނާ ދެކޮޅަށް ކުޅޭނެ އެވެ. ގްރޫޕް ފިޔަވަހީގެ ފަހު ދެ މެޗުގައި ރާއްޖެއިން ކުޅޭނީ 23 ވަނަ ދުވަހު ދެކުނު ކޮރެއާއާ ދެކޮޅަށާއި 25 ވަނަ ދުވަހު ޗައިނާއާ ދެކޮޅަށެވެ.