އޭއެފްސީ ވުމަންސް އޭޝިއަން ކަޕްގެ ކޮލިފިކޭޝަންގައި ރާއްޖެ އާއި ވިއެޓްނާމް ބައްދަލުކުރި މެޗުން ބޮޑު ތަފާތަކުން ވިއެޓްނާމް މޮޅު ވެއްޖެ އެވެ.
ތަޖިކިސްތާނުގައި މިހާރު ކުރިއަށްދާ ކޮލިފިކޭޝަން މެޗު ތަކުގައި ރާއްޖެ އާއި ވިއެޓްނާމް އިއްޔެ ބައްދަލުކުރި މެޗުން ވިއެޓްނާމް މޮޅުވީ 16-0 ގެ ނަތީޖާ އަކުންނެވެ. މި މެޗަށް ނިކުން އިރު ވިއެޓްނާމް އޮތީ ދުނިޔޭގެ ރޭންކިންގެ 33 ވަނައިގަ އެވެ. އަދި އޭޝިއާ ބައްރުގެ ޓީމުތައް ރޭންކު ކުރާއިރު ވިއެޓްނާމް އޮތީ ހަ ވަނައިގަ އެވެ. ރާއްޖެ އޮތީ ފީފާ ރޭންކިންގެ 144 ވަނައިގަ އެވެ.
ކޮލިފައިންގައި މިއަންނަ އާދީއްތަ ދުވަހު ރާއްޖެ ބައްދަލުކުރާނީ ގްރޫޕް ބީގެ ކޮލިފިކޭޝަން މެޗުތައް ހޯސްޓުކުރާ ތަޖިކިސްތާނާ އެވެ. ތަޖިކިސްތާނު އޮތީ ފީފާ ރޭންކިންގެ 135 ވަނައިގަ އެވެ.
މިއަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އޭއެފްސީ ވުމެންސް އޭޝިއަން ކަޕްގެ ކޮލިފިކޭޝަންގައި ރާއްޖެ ކުޅޭ ގްރޫޕް ބީގައި ރާއްޖެ ފިޔަވާ ދެން އޮތީ ތަޖިކިސްތާނާއި ވިއެޓްނާމް އެވެ. މީގެ ކުރިން އަފްގާނިސްތާނު މި ގްރޫޕުގައި އޮތް ނަމަވެސް، އެ ގައުމުގެ އެތެރޭގެ ހާލަތު ގޯސްވެ ތާލިބާނުން އަންހެން ޓީމު ކޮލިފިކޭޝަން މެޗުތައް ކުޅެން ހުއްދަ ނުދިނުމުން އަފްގާނިސްތާނު ވަނީ ކޮލިފިކޭޝަން މެޗުތައް ނުކުޅެން ނިންމާފަ އެވެ.
ޓީމުގެ ހެޑް ކޯޗުގެ ޒިންމާއާއި ހަވާލުވެ ހުރީ އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު އަހުމަދު ޝަރީފް (ޑުންގާ) އެވެ. މުބާރާތަށް ފުރުމުގެ ކުރިން ޑުންގާ ބުނީ މުބާރާތުގައި ނަތީޖާ ނެރުމެކޭ އެއްވަރަށް މުސްތަގުބަލަށް ކަނޑައަޅާފައިވާ ޓާގެޓުތައް ހާސިލު ކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
އޭޝިއަން ކަޕް ކޮލިފައިން އެއްގައި އަންހެން ޓީމު ބައިވެރިވާން ނިންމާފައި މިވަނީ 11 އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. އެންމެ ފަހުން އޭޝިއަން ކަޕް ކޮލިފައިންގައި އަންހެން ޓީމު ބައިވެރި ވެފައި ވަނީ 2010 ވަނަ އަހަރު އެވެ. އެންމެ ފުރަތަމަ އޭޝިއަން ކަޕްގެ ކޮލިފައިންގައި އަންހެން ޓީމު ވާދަ ކުރީ 2006 ވަނަ އަހަރު އެވެ. އޭގެ ފަހުން 2008 ވަނަ އަހަރުގެ ކޮލިފިކޭޝަންގައި ޓީމުން ބައިވެރިވެފައެއް ނުވެ އެވެ. އަނެއްކާ ވެސް 2010 ވަނަ އަހަރު ބައިވެރި ވުމަށްފަހު 2014 އަދި 2016 ގައި ބައިވެރި ނުވެ އެވެ.