ގައުމީ ފުޓްބޯޅް ޓީމް

އަންހެން ޓީމް ވިއެޓްނާމާއި ދެކޮޅަށް މިއަދު ނުކުންނާނެ

އޭއެފްސީ ވުމެންސް އޭޝިއަން ކަޕްގެ ކޮލިފިކޭޝަން މެޗުގައި ރާއްޖޭގެ އަންހެން ގައުމީ ފުޓްބޯޅަ ޓީމު ވިއެޓްނާމާއި ދެކޮޅަށް މިއަދު ނުކުންނާނެ އެވެ.

މިއަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އޭއެފްސީ ވުމެންސް އޭޝިއަން ކަޕްގެ ކޮލިފިކޭޝަންގައި ރާއްޖެ ކުޅޭ ގްރޫޕް ބީގައި ރާއްޖެ ފިޔަވާ ދެން އޮތީ ތަޖިކިސްތާނާއި ވިއެޓްނާމް އެވެ. މީގެ ކުރިން އަފްޣާނިސްތާނު މި ގްރޫޕުގައި އޮތް ނަމަވެސް، އެ ގައުމުގެ އެތެރޭގެ ހާލަތު ގޯސްވެ ތާލިބާނުން އަންހެން ޓީމު ކޮލިފިކޭޝަން މެޗުތައް ކުޅެން ހުއްދަ ނުދިނުމުން އަފްޣާނިސްތާނު ވަނީ ކޮލިފިކޭޝަން މެޗުތައް ނުކުޅެން ނިންމާފަ އެވެ.

ވިއެޓްނާމާއި ރާއްޖެ ބައްދަލު ކުރާ މެޗު އޮންނާނީ ރާއްޖެ ގަޑިން މިއަދު 6:00 ޖަހާއިރު ތަޖިކިސްތާނުގަ އެވެ. ޓީމުގައި ކޯޗުންނާއި އޮފިޝަލުންގެ އިތުރުން 22 ކުޅުންތެރިންނާއި އެކު ކޮލިފިކޭޝަން މެޗުތައް ކުޅުމަށް ރާއްޖެ ޓީމު ތަޖިކިސްތާނަށް ފުރީ މިމަހުގެ 19 ވަނަ ދުވަހު އެވެ.

ރާއްޖޭގެ އަންހެން ގައުމީ ޓީމު އެންމެ ފުރަތަމަ ވެސް ބައިނަލްއަގްވާމީ މެޗެއް ކުޅުނީ ވިއެޓްނާމްގައި ބޭއްވި ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ފުރަތަމަ ފުޓުބޯޅަ މުބާރާތުގަ އެވެ. ވިއެޓްނާމާއި ދެކޮޅަށް 2004 ވަނަ އަހަރު ރާއްޖެ ޓީމު ކުޅުނު މެޗުން ބަލިވީ 14-0 ގެ ނަތީޖާ އަކުންނެވެ. އޭގެ ފަހުން 2007 ވަނަ އަހަރު އޮލިމްޕިކް ކޮލިފައިންގައި ވިއެޓްނާމާއި ބައްދަލުކުރި މެޗުން ރާއްޖެ ޓީމު ބަލިވީ 5-0 ގެ ނަތީޖާ އަކުންނެވެ.

ވިއެޓްނާމްގެ އަންހެން ޓީމު މިވަގުތު އޮތީ ދުނިޔޭގެ ރޭންކިންގެ 33 ވަނައިގަ އެވެ. އޭޝިއާ ބައްރުގެ ޓީމުތައް ރޭންކު ކުރާއިރު ވިއެޓްނާމް އޮތީ ހަ ވަނައިގަ އެވެ. އެކަމަކު 1999 ވަނަ އަހަރުގެ ފަހުން އޭޝިއަން ކަޕްގައި ވިއެޓްނާމަށް ގްރޫޕް ސްޓޭޖް ފަހަނައަޅާ ދެވިފައެއް ނުވެ އެވެ.

ކޮލިފިކޭޝަން މެޗު ތަކަށް ތައްޔާރު ވުމަށް ރާއްޖެ ޓީމު ޔޫއޭއިގައި ކޭމްޕު ކުރި އެވެ. ކޭމްޕުގައި އެގައުމުގެ ސީނިއާ ޓީމާއި އެކު ދެ މެޗު ކުޅުނު އިރު، ފުރަތަމަ މެޗުން ރާއްޖެ ބަލިވީ 5-1 ގެ ނަތީޖާ އަކުންނެވެ. ދެވަނަ މެޗުގައި ރާއްޖެ ބަލިވީ 2-0 ގެ ނަތީޖާ އަކުންނެވެ.

ޓީމުގެ ހެޑް ކޯޗުގެ ޒިންމާއާއި ހަވާލުވެ ހުރީ އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު އަހުމަދު ޝަރީފް (ޑުންގާ) އެވެ. މުބާރާތަށް ފުރުމުގެ ކުރިން ޑުންގާ ބުނީ މުބާރާތުގައި ނަތީޖާ ނެރުމެކޭ އެއްވަރަށް މުސްތަގުބަލަށް ކަނޑައަޅާފައިވާ ޓާގެޓުތައް ހާސިލު ކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

އޭޝިއަން ކަޕް ކޮލިފައިން އެއްގައި އަންހެން ޓީމު ބައިވެރިވާން ނިންމާފައި މިވަނީ 11 އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. އެންމެ ފަހުން އޭޝިއަން ކަޕް ކޮލިފައިންގައި އަންހެން ޓީމު ބައިވެރި ވެފައި ވަނީ 2010 ވަނަ އަހަރު އެވެ. އެންމެ ފުރަތަމަ އޭޝިއަން ކަޕްގެ ކޮލިފައިންގައި އަންހެން ޓީމު ވާދަ ކުރީ 2006 ވަނަ އަހަރު އެވެ. އޭގެ ފަހުން 2008 ވަނަ އަހަރުގެ ކޮލިފިކޭޝަންގައި ޓީމުން ބައިވެރިވެފައެއް ނުވެ އެވެ. އަނެއްކާ ވެސް 2010 ވަނަ އަހަރު ބައިވެރި ވުމަށްފަހު 2014 އަދި 2016 ގައި ބައިވެރި ނުވެ އެވެ.