ގަލޮޅު ދަނޑުގެ ހާލަތު މިހާރަށްވުރެ ރަނގަޅު ކުރަން މަސައްކަތް ކުރަމުންދާ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފި އެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް (ޖަވާ) އަވަސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިހާރު ވެސް ދަނޑުގެ ހާލަތު ގޯސް ނޫން ކަމަށާއި ނަމަވެސް މިހާރަށްވުރެ ރަނގަޅު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ދަނޑުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުން އަންނައިރު، މިހާރު ކުރިއަށްދާ އޭއެފްސީ ކަޕްގައި ކުޅޭ ދެ ޓީމަކުން ވަނީ ދަނޑުގެ ހާލަތު ގޯސް ކަމަށް ބުނެ ޝަކުވާ ވެސް ކޮށްފަ އެވެ. އެއީ އިންޑިއާގެ ދެ ޓީމު ކަމަށްވާ އޭޓީކޭ މޯހަން ބަގާން އާއި ބެންގަލޫރް އެފްސީ އެވެ.
މޯހަން ބަގާންގެ ކޯޗު އެންޓޯނިއޯ ލޮޕޭޒް ހަބާސް ބުނީ ދަނޑުގެ ވިނަގަނޑު މާބޮޑަށް ހިކިފައި އޮތުމުން ބޭނުންވި ގޮތަށް ނުކުޅެވުނު ކަމަށާއި ހަވީރު ގަޑީގައި ވާހޫނުގެ ސަބަބުން ވެސް ކުޅުންތެރިންނަށް ރަނގަޅު މެޗެއް ކުޅުމަށް އުނދަގޫވި ކަމަށެވެ.
ޖަވާ ވިދާޅުވީ މުބާރާތުގައި ކުޅޭ ބައެއް ޓީމުތަކުން ޝަކުވާ ކުރި ނަމަވެސް އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (އޭއެފްސީ)ގެ ފަރާތުން، ދަނޑުގެ އެއްވެސް މައްސަލައެއް ހުރިކަމަށް ފާހަގަކޮށްފައި ނުވާ ކަމަށެވެ. އަދި ދަނޑުގެ މެއިންޓަނަންސްގެ މަސައްކަތް ވަރަށް ރަނގަޅަށް ކުރަމުންދާ ކަން ފާހަގަކުރަމުން ޖަވާ ވިދާޅުވީ ކޮންމެ މެޗެއްގެ ކުރިންނާއި ފަހުން އަދި ދެހާފުގެ ދެމެދުގައި ވެސް ވިނަގަނޑަށް ފެން ދެމުންދާ ކަމަށެވެ.
މީގެ ކުރިން ދަނޑުގެ މެއިންޓަނަންސް މަސައްކަތްތައް އެންމެ ފުރިހަމަ ގޮތުގައި ކުރެވިފައި ނުވަނީ އެކަމަށް ބޭނުންވާ ބައެއް ސާމާނު ލިބުމުގައި ދަތިތަކެއް ހުރުމުން ކަމަށް ޖަވާ ފާހަގަ ކުރެއްވި އެވެ. ނަމަވެސް މިހާރު އެކަށީގެންވާ ރަނގަޅު ސާމާނާއި އެކު ދަނޑުގެ ހާލަތު ރަނގަޅު ކުރުމަށް މަސައްކަތް ކުރައްވާ ކަމަށް ޖަވާ ވިދާޅުވި އެވެ.
މިއަންނަ އޮކްޓޫބަރު އެކަކުން 13 އަށް ރާއްޖޭގައި އޮންނަ ސާފު ޗެމްޕިއަންޝިޕްގައި އެއްވެސް ޓީމަކުން މިފަދަ ކަމަކާއި ގުޅިގެން ޝަކުވާ ނުކުރެވޭ ވަރަށް ދަނޑު ތައްޔާރު ކުރުމުގެ މަސައްކަތް އެފްއޭއެމުން އަންނަނީ ކުރަމުންނެވެ. އެފްއޭއެމްގެ އުއްމީދަކީ ދަނޑުގެ ޕިޗްގެ އިތުރުން ސްޓޭޑިއަމްގެ ހާލަތު ރަނގަޅުކޮށް ގިނަ ބަޔަކަށް މެޗު ބެލޭނެ އިންތިޒާމު ހަމަޖެއްސުމެވެ. އަދި ސަޕޯޓަރުން ވެއްދުމާ މެދު އެފްއޭއެމުން އަންނަނީ އެޗްޕީއޭއާއި އެކު މަޝްވަރާ ކުރަމުންނެވެ.
ސާފް ޗެމްޕިއަންޝިޕްގެ މެޗުތައް ތާވަލު ކުރެވިފައިވާ ގޮތުން ހުރިހާ މެޗުތަކެއްވެސް ކުޅުމަށް ހަމަޖެހިފައިވަނީ ގަލޮޅު ދަނޑުގަ އެވެ. ނަމަވެސް މުބާރާތަށް ވާއިރަށް ހުޅުމާލޭ ދަނޑު ނިމިއްޖެ ނަމަ އެތަނުގައިވެސް މެޗުތައް ކުޅޭނެ އެވެ.