ރާއްޖޭގެ ގައުމީ ވޯލީ ބޯޅަ ޓީމްގެ ބައެއް ކުޅުންތެރިން ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން އަންނަ ބުރާސްފަތި ދުވަހު ބަންގްލަދޭޝްގައި ފަށާ މުބާރާތަށް ފުރުމަށް ހުރަސްތަކަކާ ކުރިމަތިވެއްޖެ އެވެ.
އޭޝިއަން ކޮންފެޑަރޭޝަން ސެންޓްރަލް ޒޯން ވަޮލީބޯޅަ މުބާރާތަށް ރާއްޖޭގެ ޓީމު މިދިޔަ އާދިއްތަ ދުވަހު ބަންގްލަދޭޝްއަށް ދާން ކުރިން އޮތީ ހަމަޖެހިފަ އެވެ. ނަމަވެސް މުބާރާތަށް ފުރުމުގެ ކުރިން ކޮވިޑް ޓެސްޓް ހެދިއިރު ތިން ކުޅުންތެރިޔަކު ޕޮޒިޓިވްވުމާ ގުޅިގެން ފުރޭ ގޮތެއް ނުވެ އެވެ.
ވޮލީ ބޯލް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ރަނޭޝް އަަވަސް އަށް ވިދާޅުވީ ކުޅުންތެރިންތަކެއް ކޮވިޑަށް ޕޮޒިޓިވްވުމުން އިތުރު ދެ ފަހަރު އަލުން ޓެސްޓު ކުރުމުން އެ ޓެސްޓްތައް ނެގެޓިވް ކަމަށެވެ.
"ނެގެޓިވް ޓެސްޓް ހަދައިގެން އެއާޕޯޓަށް ދިޔައިމަވެސް އެންގީ ނުފުރޭނެޔޭ. މިހާރު އަޅުގަނޑުމެން ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރާ ވާހަކަ ދައްކައިގެން އަދިވެސް ފުރޭތޯ ބަލަމުން މިދަނީ،" ރަނޭޝް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގައުމީ ވޮލީ ބޯޅާ ޓީމްގެ ހުރިހާ ކުޅުންތެރިންވެސް ތިބީ ވެކްސިން ފުރިހަމަކޮށްގެން ކަމަށާއި އަދި ވެކްސިން ފުރިހަމަ ނުކޮށް މުބާރާތުގައި ނުވެސް ކުޅެވޭ ކަމަށެވެ.
ބަންގްލަދޭޝްގެ ޑާކާގައި މިމަހުގެ 23 އިން ފެށިގެން 28 އަށް ކުރިއަށްދާ މުބާރާތަށް އޮފިޝަލުންނާއި ކުޅުންތެރިންނާއެކު 38 މީހުން ހިމެނޭ ޓީމެއް ދާން ކުރިން އޮތީ ނިންމައިފަ އެވެ.
މިމުބާރާތުގައި ރާއްޖެއާ އެކު ބަންގްލަދޭޝް، ނޭޕާލް، ސްރީލަންކާ އަދި އުޒްބަކިސްތާން ބައިވެރިވެ އެވެ.