ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އައުޓްޑޯ ކުޅިވަރުތަކަށް ހުއްދަ ދީފި

ކޮންޓެކްޓް ސްޕޯޓްސް އާއި އައުޓްޑޯ ކުޅިވަރުތަކަށް ހުއްދަ ދީފި އެވެ. އެ ހުއްދަ ހެލްތް ޕްރޮޓެކްޝަން އެޖެންސީން ދީފައި މިވަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކުގެ ތެރޭގައި ކޮންޓެކްޓް ސްޕޯޓްސް އާއި އައުޓްޑޯ ކުޅިވަރިތައް ކުޅުން މަނާކުރުމަށްފަހު އެވެ.

ރައްކާތެރިކަމަށްޓަކައި އެޅި ފިޔަވަޅުތަކަށް ބަދަލު ގެނެސް މިރޭ ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރުއްވާފައިވާ އެންގުމުގައި ބުނެފައިވަނީ މާދަމާއިން ފެށިގެން ކޮންޓެކްޓް ސްޕޯޓްސް އާއި އައުޓްޑޯ ކުޅިވަރިތަކަށް ހުއްދަ ދީފައިވާ ކަމަށެވެ. އަދި 15 މީހުންނަށް ވުރެ ގިނަ ނުވާ ގޮތަށް ކުޅިވަރު ބަލަންދެވޭނެ ކަމަށެވެ. ބަލީގެ އެއްވެސް އަލާމާތެއް ހުރި ނަމަ ކުޅެން ނުދިއުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ކުޅިވަރު ބަލަންދާއިރު މާސްކް އަޅާ އެހެން ގްރޫޕް ތަކާއި ދެމެދު ތިން ފޫޓުގެ ދުރުމިން ބެހެއްޓުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ނަމަވެސް ޔޫތު މިނިސްޓްރީިގެ މުބާރާތްތަކަށް އަދިވެސް ހުއްދައެއް ނެތެވެ.

މީގެ އިތުރުން ކޮވިޑް-19 އާ ގުޅިގެން މާލެ ސިޓީގައި ކާފިއު ހިންގާ ވަގުތަށްވެސް ވަނީ ބަދަލު ގެނެސްފައެވެ.

އެ ގޮތުން މާލެ، ހުޅުމާލެ، ވިލިމާލޭގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަށް ނުކުތުން މަނާވާވާނީ ރޭ ގަނޑު 12 އިން ފެށިގެން ފަތިހު ހަތަރަކަށެވެ. އަދި އެއްވެސް ވަގުތެއްގައި 15 މީހުންނަށް ވުރެ ގިނަ މީހުން މަގުމަތީގައި އެއްވެ އުޅުން މަނާވާނެ ކަމަށެވެ. މާލެ، ހުޅުމާލެ، ވިލިމާލެއިން ރާއްޖޭގެ އެހެން ރަށްރަށަށް ދަތުރުކުރާ މީހުން ކަރަންޓީނު ކުރުމާއި މާސްކު އެޅުން އަދިވެސް މަޖުބޫރެވެ.