ރާއްޖެއިން ބޭރުން އަންނަ މީހުންނާއި ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރާ މީހުންގެ ތެރެއިން ކޮވިޑު-19 ގެ ވެކްސިން ޑޯޒްތައް ފުރިހަމަ ކޮށްފައި ނުވާ މީހުން ދަތުރުކުރުމާ ގުޅިގެން ކަރަންޓީނުވާން ނުޖެހޭ ގޮތަށާއި ރާއްޖޭން ބޭރުން އަންނަ ހުރިހާ މީހުން އަދި ރާއްޖޭގެ އެތެރޭގައިވެސް އެއްވެސް މީހަކު ދަތުރުކުރުމުގެ ބޭނުމުގައި ޕީސީއާރު ޓެސްޓު ހަދަން ނުޖެހޭ ގޮތަށް ހަމަޖައްސައިިފި އެވެ.
އެޗްޕީއޭއިން މިރޭ ވަނީ ކޮވިޑު-19 އާ ގުޅިގެން ދިވެހި ރާއްޖޭގައި އިއުލާން ކުރެވިފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާލާފައިވާތީ ކޮވިޑް-19 ކޮންޓްރޯލު ކުރުމަށް އެޅިފައިވާ ފިޔަވަޅުތަކަށް ބަދަލުތަކެއް ގެނެސްފައެވެ.
އެގޮތުން ރާއްޖޭން ބޭރުން އަންނަ ހުރިހާ މީހުންނާއި ރާއްޖޭގެ އެތެރޭގައިވެސް އެއްވެސް މީހަކު ދަތުރުކުރުމުގެ ބޭނުމުގައި ޕީސީއާރު ޓެސްޓު ހަދަން ނުޖެހޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. އެހެން ނަމަވެސް ރާއްޖެއިން ބޭރުން އަންނަ ރާއްޖޭގައި ދިރިއުޅޭ މީހުން -- ދިވެހިންނާއި
ޓޫއަރިސްޓުން ފިޔަވައި އެހެނިހެން ވިސާތަކުގައި ރާއްޖެއަށް އަންނަ މީހުން -- ރާއްޖެ އަންނަތާ ތިން ދުވަހާއި ފަސް ދުވަހާ ދެމެދު ކޮވިޑް-19 އަށް ޓެސްޓުކުރުމަކީ އެދެވިގެންވާ ކަމެއް ކަމަށް ވަނީ ބުނެފައެވެ. އަދި ރާއްޖޭން ބޭރުން އަންނަ މީހުންގެ ތެރެއިން ބަލީގެ އަލާމާތް ހުރިނަމަ އެންޓިޖަން ޓެސްޓް ހެދޭނެ ކަމަށް ވަނީ ބުނެފައެވެ.
އަދި ރާއްޖެއިން ބޭރުން އަންނަ މީހުންނާއި ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރާ މީހުންގެ ތެރެއިން ކޮވިޑު-19ގެ ވެކްސިން ޑޯޒްތައް ފުރިހަމަކޮށްފައިނުވާ މީހުން ދަތުރުކުރުމާ ގުޅިގެން ކަރަންޓީނުވާން ނުޖެހޭ ގޮތަށްވެސް ވަނީ ހަމަޖައްސާފައެވެ.
މީގެ އިތުރުން ރާއްޖޭގެ ހުރިހާ ސަރަހައްދުތަކެއްގައި މާސްކް އެޅުން މަޖުބޫރުވުން އުވާލައި ކޮވިޑް-19 އިން ރައްކާތެރިވުމަށް މާސްކް އެޅުމަކީ އެދެވިގެންވާ ކަމެއްގެ ގޮތުގައި ވަނީ ހަމަޖައްސާފައެވެ.
ނަމަވެސް އަދިވެސް ދެ ހާލަތެއްގައި މާސްކު އެޅުން މަޖުބޫރެވެ. އެ ގޮތުން ސިއްހީ ހިދުމަތް ދޭ ތަންތަނުގައި މާސްކު އެޅުން މަޖުބޫރެވެ. އެތަންތަނުގައި މަސައްކަތް ކުރާ މުވައްޒިފުންނާއި ސިއްހީ ހިދުމަތްދޭ ތަންތަނަށް ދާ މީހުންވެސް އެ ވަގުތު މާސްކު އެޅުން މަޖުބޫރުވާނެ އެވެ.
މީގެ އިތުރުން ކޮވިޑު-19 އަށް ޕޮޒިޓިވްވާ ރޭޓް 20 ޕަސެންޓަށް ވުރެން މަތިން ބަލިފެތުރޭ ކަމަށް ކަނޑައަޅާފައިވާ ރަށްރަށުގައި މާސްކު އަޅަން ޖެހެއެވެ. އެޗްޕީއޭއިން މިރޭ ބުނީ ބަލީގެ އަލާމާތް ހުންނަ މީހުންނާއި ބަލިޖެހުމުން ނުރައްކާ ވެދާނެ މީހުންނާއި މިފަދަ މީހުންނާއި އެކުގައި އުޅޭ މީހުންނާއި ގިނަ މީހުން އެއްތަންވާ ތަންތަނާއި ހާލަތްތަކުގައި މާސްކު އެޅުމަކީވެސް އެދެވިގެންވާ ކަމެއް ކަމަށެވެ.