ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

ވެކްސިން ނުޖަހާ މުވައްޒިފުންނަށް އޮފީހަށް ދިއުން މަނާކުރަނީ

ކޮވިޑް-19 އިން ދިފާއުވުމަށް ޖަހަން ޖެހޭ ވެކްސިން ފުރިހަމަ ނުކުރާ މީހުންނަށް ބައެއް ހިދުމަތް ހޯދަން ފުރުސަތު ހަނިވާ ގޮތަަށް އަމަލު ކުރުމުގެ ހުއްދަ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރަސްމީކޮށް ދީފި އެވެ.

ޑިރެކްޓަރު ޖެނަރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ މިރޭ ނެރުއްވި އިއުލާނެއްގައި ބުނެފައިވަނީ ވެކްސިނަށް ޝަރުތު ފުރިހަމަވާ ހުރިހާ މީހުން ވެކްސިން ޖެހުމަށް އަންގާ ކަމަށާ އަދި ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ މީހުން ވެކްސިން ފުރިހަމަކުރުމަށް ބާރު އެޅުމަށްޓަކައި އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ވެކްސިން ޖެހުމަށް ޝަރުތުހަމަވެ ވެކްސިންގެ އެއްވެސް ޑޯޒްއެއް ފުރިހަމަކޮށްފައި
ނުވާ މީހުންނާމެދު ވަކިގޮތެއް އަންގަންދެން އަމަލު ކުރެވޭނެ ޝަރުތުތަކެއް ކަނޑައެޅިދާނެ ކަމަށެވެ.

އެގޮތުން ހޮޓާތަކާއި ކެފޭ ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން ހިދުމަތް ހޯދުމުގައި ވަކި ކަންކަމެއް ޝަރުތު ކުރުމާއި ޖިމްތަކާއި ސެލޫންތަކާއި ސިނަމާތަކުން ހިދުމަތް ހޯދުމުގައި ވަކި ކަންކަމެއް ޝަރުތު ކުރުމާއި ޕަބްލިކް ޓްރާންސްޕޯޓާއި ޑޮމެސްޓިކް ފުލައިޓް ތަކުން ދަތުރު ކުރުމުގައި ވަކި ކަންކަމެއް ޝަރުތުކުރުމާއި ރައްޔިތުންނާ ގާތުން ދޭންޖެހޭ އާންމު ހިދުމަތްތައް ދޭ ޓެކްސީ ޑްރައިވަރުން، ވެއިޓަރުން، ޖިމްތަކާ ސެލޫންތަކުގައި މަސައްކަތްކުރާ މީހުންނަށް ވަކި ކަންކަމެއް ޝަރުތުކުރުމާއި އޮފީސްތަކުގައި ވަޒީފާ އަދާކުރާ ފަރާތްތަކުން އޮފީހަށް ހާޒިރުރުވުމުގައި ވަކި ކަންކަމެއް ޝަރުތު ކުރެވިދާނެ ކަމަށެވެ.

ޑިރެކްޓަރު ޖެނެރަލްގެ އެންގުމުގައި މި ކަންކަމާމެދު ކަމާގުޅޭ މުއައްސަސާތަކުން ޝަރުތުތަކާއި ފިޔަވަޅުތައް ކަނޑައަޅައި ސެޕްޓެމްބަރު ފުރަތަމަ ދުވަހުން ފެށިގެން އަމަލުކުރުމަށް އަންގާފައިވާ ކަމަށެވެ.

އަވަސްއާ ވާހަކަދައްކަވަމުން ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވީ މާލެ ސަރަހައްދުގައި ވެކްސިން ފުރިހަމަ ނުކުރާ ލައްކައެއްހާ މީހުން އެބަތިބި ކަމަށެވެ. އަދި 40،000 އަށް ވުރެ ބޮޑު އާބާދީއެއް އެންމެ ޑޯޒެއްވެސް ނުޖަހާ ތިބިކަން ތަފާސް ހިސާބުތަކުން ދައްކާ ކަމަށެވެ.

ސަރުކާރުން ވަނީ އެތައް މަސައްކަތަކުން ރާއްޖޭގައި ތިބި އެންމެންނަށް ވެކްސިން ޖެހޭނެ މިންވަރަށް ކޮވިޑް ވެކްސިން ހޯދާފަ އެވެ. ވެކްސިން އުފައްދަން ފެށުމާއެކުހެން އެކި ގޮތްގޮތުން ވެކްސިން ހޯދުމަށް ހާއްސަ ސަމާލުކަމެއް ދީގެން ސަރުކާރުން ކާމިޔާބު މަަސައްކަތްތަކެއް ކުރި އެވެ. އަދި އަވައްޓެރި އިންޑިއާގެ އެހީގައި ލިބުނު 200،000 ޑޯޒް ވެކްސިނާ އެކު ފެބްރުއަރީ ފުރަތަމަ ދުވަހު ވެކްސިންގެ ތާރީހީ ކެމްޕޭން ފެށި އެވެ. އޭގެ ފަހަށް އެކުވެެރި ޗައިނާގެ އެހީގައި ލިބުނު 200،000 ޑޯޒް ވެކްސިނާއެކު ކެމްޕެއިން އިތުރަށް ވަރުގަދަ ކުރި އެވެ. އެ ގައުމުން މިހާރު ވަނީ އިތުރު 300،000 ޑޯޒް ހަދިޔާ ކުރަންވެސް ނިންމާފަ އެވެ.

އޭގެ އިތުުރުން ސިންގަޕޫރުގެ ކުންފުންޏެއް މެދުވެރިކޮށް 700،000 ޑޯޒް ހޯދުމަށް އޯޑަރުކޮށް ފައިސާ ދެއްކި އެވެ. އެ ވެކްސިން ލިބުން ވަރަށް ބޮޑަށް ލަސްވި ނަމަވެސް އެ ވެކްސިންގެ ފުރަތަމަ ސްޓޮކް ލިބި މިހާރު ވަނީ ވެކްސިން ޖަހަން ފަށާފަ އެވެ. އަދި އޭގެ ފަހުން އިންޑިއާއިން އިތުުރު 300،000 ޑޯޒް ގަތުމަށް ނިންމާ ފައިސާ ދައްކާފައިވެ އެވެ.

ސަރުކާރުން ވަނީ ރަޝިއާގެ ވެކްސިން ގަތުމުގެ މަޝްވަރާތައް ވެސް ފަށާފަ އެވެ. އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އެހީގައިވެސް ވެކްސިނާއި ސިރިންޖް ހޯދާފައިވެ އެވެ.

ފަހުން ލިބުނު ވެކްސިން ސްޓޮކާއެކު ކުރިއަށް އޮތް ދުވަސްތަކުގައި ވެކްސިން ޕްރޮގްރާމް މެދުނުކެނޑި މުޅި ރާއްޖެއަށް ވެކްސިން ފޯރުކޮށްދެވޭނެ ކަމުގެ ކަށަވަރުކަން ސަރުކާރުން ވަނީ ހޯދާފަ އެވެ. އަދި މި މަސް ނިމުމުގެ ކުރީން ރާއްޖޭގެ 90 ޕަސެންޓަށް ވެކްސިން ދިނުމަށް އަމާޒު ހިފާ ވެކްސިން ކެމްޕެއިން ވަނީ އިތުރަށް ފުޅާކޮށްފަ އެވެ.

މީގެ އިތުރުން ވެކްސިން ޖަހަން އަންނަ މީހުންނަށް ފަސޭހައަކަށް އިންތިޒާމު ކުރެވިފައިވާ އެޕޮއިންޓްމަންޓް އުސޫލެއްގެ ތެރެއިން ވެކްސިން ޖެހޭނެ ގޮތް ވަނީ ހަމަޖައްސާފަ އެވެ. އަދި އެޕޮއިންޓްމަންޓް ހެއްދުމުގައި ދަތިތަކެއް ދިމާވާ ކަމުގެ ޝަކުވާއާ އެކު މިހާރު ވަނީ ކޮންމެ ސެންޓަރެއްގައި ހާއްސަ ޑެސްކެއްވެސް ބަހައްޓާފަ އެވެ.

ރާއްޖެއިން މިހާތަނަށް 280،353 މީހަކު ވަނީ ދެ ޑޯޒް ޖަހާ ވެކްސިން ފުރިހަމަ ކޮށްފަ އެވެ. އަދި 327،579 މީހަކު ވަނީ ފުރަތަމަ ޑޯޒް ޖަހާފަ އެވެ.
ކޮވިޑްގައި ދިވެހިން 517 ދުވަސް ހޭދަކޮށްފައިވާއިރު މިހާތަނަށް މި ބަލީގެ ހަތަރު ރާޅެއްގެ ތަޖުރިބާ ދިވެހިން ކޮށްފައިވެ އެވެ. އޭގެ ތެރެއިން އެންމެ ހާލަތު ގޯސްވީ ހަތަރުވަނަ ރާޅުގައި މެއި މަހުގެ ތެރޭގަ އެވެ. އެ މަހު އެކަނިވެސް 40،000 އާ ގާތްކުރާ އަދަދަކަށް މީހުންނަށް ބަލި ޖެހުނެވެ. 100 އަށް ވުރެ ގިނަ މީހުން ބަލީގައި މަރުވި އެވެ. އެތައްހާސް ބަޔަކު އެޑްމިޓްކޮށްގެން ފަަރުވާދޭން ޖެހުނެވެ.