ރަށުގައި ދިރިއުޅޭ އާބާދީގެ 60 ޕަސެންޓް އަށް ވެކްސިން ޑޯޒްތައް ފުރިހަމަވުމުން ކޮވިޑް-19 ގެ ވެކްސިނެއްގެ ޑޯޒްތައް ފުރިހަމަނުވާ ފަތުރުވެރިންނަށް ގެސްޓްހައުސްތަކަށް ޗެކް-އިން ވުމުގެ ފުރުސަތު ދިނުމަށް ނިންމާ އައު އުސޫލެއް އެކުލަވާލައިފި އެވެ. އެޗްޕީއޭއިން މިރޭ އާންމު ކުރި އައު އުސޫލަށް މި މަހުގެ 26 ވަނަ ދުވަހުން ފެށިގެން އަމަލު ކުރަން ފަށާނެ އެވެ.
އައު އުސޫލުގައި ބުނާ ގޮތުން ގެސްޓްހައުސް ހުންނަ ރަށުގައި ވަކި އަދަދަކަށް ވެކްސިންގެ ޑޯޒްތައް ފުރިހަމަވުމުން ކޮވިޑް-19 ގެ ވެކްސިނެއްގެ ޑޯޒްތައް ފުރިހަމަނުވާ ފަތުރުވެރިންނަށް ގެސްޓްހައުސްތަކަށް ޗެކް-އިން ވުމަށް ހުޅުވާލާނެ އެވެ. އެ ފުރުސަތު ލިބޭނީ ރަށުގައި ދިރިއުޅޭ އާބާދީގެ 60 ޕަސެންޓް އަށް ވެކްސިން ޑޯޒްތައް ފުރިހަމަވުމާއި ރަށުގައި ފަތުރުވެރިންނަށް ހިދުމަތްދިނުމުގައި މަސައްކަތްކުރާ ހުރިހާ މީހުން ހިމެނޭ ގޮތަށް 95 ޕަސެންޓް މީހުންނަށް ވެކްސިންގެ ޑޯޒްތައް ފުރިހަމަވެފައިވުމާއި ރަށުގައި ދިރިއުޅޭ 65 އަހަރުން މަތީގެ އާބާދީގެ 90 ޕަސެންޓް މީހުން ވެކްސިން ޑޯޒްތައް ފުރިހަމަވެފައިވާން ޖެހެއެވެ.
ވެކްސިން ޑޯޒް ފުރިހަމަ ވެފައި ކަމަށް ބަލާނީ ވެކްސިންގެ ޖަހަންޖެހޭ ޑޯޒްތައް ފުރިހަމަ ވުމަށްފަހު 14 ދުވަސް ވުމުންނެވެ.
އުސޫލު އޮތް ގޮތުން އިން އިމާޖެންސީ ޔޫސްއަށް ލިސްޓްކޮށްފައިވާ ކޮވިޑް-19 ގެ ވެކްސިނެއްގެ ޑޯޒްތައް ފުރިހަމަކޮށް 14 ދުވަސް ވެފައިނުވާ ފަތުރުވެރިން މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ގެސްޓްހައުސްތަކަށް ޗެކް-އިން ނުވެވޭނެ އެވެ. ގެސްޓްހައުސްތަކަށް ޗެކް-އިން ކުރާ ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ ފަތުރުވެރިންނާއެކު ދަތުރުކުރާ ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިންނަށް ޗެކް-އިން ވެވޭނެއެވެ.
މީހުން ދިރިއުޅޭ ރަށްރަށުގެ ގެސްޓްހައުސްތަކުން ފަތުރުވެރިން ޗެކް-އައުޓް ވާއިރު ނެގެޓިވް ޕީސީއާރު ނަތީޖާއެއް އޮންނަން ޖެހެއެވެ.