ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

މާލޭ ސަރަހައްދުގެ ކުޅިވަރު ކުޅޭ ތަންތަން ބަންދުކޮށްފި

Mar 15, 2020
1

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ އާ ކޮރޯނާ ވައިރަސް މިހާރު ރާއްޖޭންވެސް ފެނިފައިވާތީ، ރައްކާތެރި ފިޔަވަޅެއްގެ ގޮތުން، މާލޭ ސަރަހައްދުގައި ގާއިމުކޮށްފައިވާ ކުޅިވަރު ކުޅޭ އެންމެހައި ތަންތަން ބަންދުކޮށްފި އެވެ.

ސްޕޯޓްސް މިނިސްޓްރީން މިއަދު ނެރެނު ބަޔާނެއްގައި ބުނީ މާލޭ ސަރަހައްދުގައި ގާއިމުކޮށްފައިވާ ކުޅިވަރު ކުޅޭ އެންމެހައި ތަންތަން މިއަދުން ފެށިގެން ދެ ހަފްތާގެ މުއްދަތަށް ބަންދުކުރަން ނިންމާފައިވާ ކަމަށެވެ.

އަދި އެ ނިންމުން ނިންމާފައިވަނީ، ގިނަ ބަޔަކު އެއްވެގެން ހިންގާ ހަރަކާތްތައް ހުއްޓާލުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ދީފައިވާ ލަފާގެ މަތީންކަމަށް އެ މިނިސްޓްރީން އިތުރަށް ބުނެފައިވެ އެވެ.

މާލޭ ސަރަހައްދުގައި ގާއިމުކޮށްފައިވާ ކުޅިވަރު ކުޅޭ އެންމެހައި ތަންތަން ބަންދުކޮށްފައިވާއިރު، އެފްއޭއެމުން މިއަދުވަނީ އެތަނުން ބާއްވާ ފުޓްބޯޅަ މުބާރާތްތަކާއި ޓްރެއިނިންތައް ވަގުތީ ގޮތުން މެދުކަނޑާލައިފަ އެވެ.

ރާއްޖޭން މިހާތަނަށް 13 ބިދޭސީއަކު އެ ވައިރަހަށް ޕޮޒިޓިވްވެފައިވާއިރު، ސަރުކާރުން ވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހުގެ މުއްދަތަކަށް އިއުލާންކޮށްފަ އެވެ. އެޗްޕީއޭއިން އިއްޔެ ވަނީ މުހިންމު ހަތަރު ފިޔަވަޅެއް އަޅާފަ އެވެ.

އެގޮތުން އެޗްޕީއޭއިން ވަނީ މާލޭ ސަރަހައްދުގެ ގެސްޓްހައުސްތަކާއި ހޮޓެލްތަކަށް ގެސްޓުން ގެނައުން ވެސް މަނާކޮށްފަ އެވެ. އަދި ރިސޯޓުތަކުން ރަށްރަށަށް މީހުން އެރުން ވެސް މަނާކޮށްފަ އެވެ. އަދި، ޔޫރަޕްގެ ސްޕެއިން، ޖާމަނީ އަދި ފްރާންސްގެ ބައެއް ސަރަހައްދުތަކުން މީހުން ރާއްޖެ އައުން މަނާކޮށްފަ އެވެ.

އޭގެއިތުރުން ރާއްޖޭގެ ހުރިހާ ޔުނިވާސިޓީތަކާއި ކޮލެޖްތައް އަދި ތައުލީމްދޭ ހުރިހާ މަރުކަޒެއް ދެ ހަފުތާގެ ދުވަހަށް ބަންދު ކުރުމަށް ވެސް ވަނީ އަންގާފަ އެވެ. މީގެކުރިން ރާއްޖޭގެ ސްކޫލްތައް ވަނީ ހުޅުވުން އެއް ހަފުތާއަށް ލަސްކޮށްފަ އެވެ. ނަމަވެސް އޮންލައިންކޮށް ކިޔަވައިދިނުމަށް ދަނީ ތައްޔާރުވަމުންނެވެ.