އޭއެފްސީ ކަޕް

ކޮރެއާ އިން ރާއްޖޭގެ 17 އަހަރުން ދަށުގެ ޓީމު 13-0 އިން ބަލިކޮށްފި

ސައުދީ އަރަބިއްޔާގައި އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ 17 އަހަރުން ދަށުގެ އޭއެފްސީ އޭޝިއަން ކަޕްގެ ކޮލިފިކޭޝަން މެޗެއްގައި ދެކުނު ކޮރެއާއިން ދިވެހިރާއްޖެ 13-0ގެ ބޮޑު ނަތީޖާއަކުން ބަލިކޮށްފި އެވެ.

ޗައިނާގެ ޑާލިއާން ޔޫތު ފުޓްބޯލް ޓްރެއިނިން ސްޓޭޑިއަމްގައި ކުޅުނު މި މެޗަށް ދިވެހި ޓީމު ނިކުތީ އަނިޔާގެ ސަބަބުން ގިނަ ބަދަލުތަކަކާ އެކުގަ އެވެ.

ޓީމުގެ މުހިއްމު ދެ ކުޅުންތެރިން ކަމުގައިވާ ކެޕްޓަން މުހައްމަދު އިލާން އިމްރާނާއި ޔޫސުފް އަޔާން އާމިރު އަނިޔާގެ ސަބަބުން މެޗުގައި ނުކުޅެ އެވެ. އަދި މެޗުގެ ވޯމްއަޕްގައި އެއްވަނަ ގޯލްކީޕަރު އިދާން އިސްމާއީލް އަޝްރަފްގެ ކަކުލަށް އަނިޔާވުމާ ގުޅިގެން އޭނާވެސް މެޗުގައި ބައިވެރި ނުވެ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެކުނު ކޮރެއާއިން 5 ލަނޑު ޖެހި އެވެ. އަދި ދެވަނަ ހާފުގައި އިތުރު 8 ލަނޑު ޖަހައި މެޗު ނިންމާލީ 13-0 ގެ ނަތީޖާއަކުންނެވެ.

މި ފަހަރުގެ ކޮލިފިކޭޝަންގައި ރާއްޖެ ވަނީ ސަރަހައްދުގެ ވަރުގަދަ ޓީމުތައް ހިމެނޭ ގްރޫޕް ސީގައި ޖެހިފަ އެވެ.

މި ގްރޫޕްގައި ދިވެހިރާއްޖެއާއެކު ވާދަކުރަނީ އޭޝިއާގެ ވަރުގަދަ ދެ ބާރު ކަމުގައިވާ ޗައިނާއާއި ދެކުނު ކޮރެއާގެ އިތުރުން ބޫޓާނާއި ބަހްރެއިން އެވެ.

ކުރިން ކުޅުނު މެޗުތަކުގައި ރާއްޖެއިން ވަނީ ރަނގަޅު ކުޅުމެއް ދައްކާފަ އެވެ. އެގޮތުން ބޫޓާނާ ދެކޮޅަށް ކުޅުނު މެޗު 2-2 އިން އެއްވަރުކުރި އެވެ. އަދި ބަހްރެއިނާ ދެކޮޅަށް ކުޅުނު މެޗުގައި 1-0 އިން ބަލިވި އެވެ. ރާއްޖެއިން ގްރޫޕް ފިޔަވަހީގެ އެންމެ ފަހު މެޗު ކުޅޭނީ އަންނަ ހުކުރު ދުވަހު ޗައިނާއާ ދެކޮޅަށެވެ.

ގްރޫޕްގެ އެއްވަނައިގައި މިހާރު އޮތް ދެކުނު ކޮރެއާއާއި ދެވަނައިގައި އޮތް ޗައިނާއަށް 6 ޕޮއިންޓް ލިބިފައިވެ އެވެ. ތިންވަނައިގައި އޮތް ބަހްރެއިނަށް 3 ޕޮއިންޓް ލިބިފައިވާއިރު، ހަތަރުވަނައިގައި އޮތް ބޫޓާނާއި ފަސްވަނައިގައި އޮތް ދިވެހިރާއްޖެއަށް ލިބިފައިވަނީ އެންމެ 1 ޕޮއިންޓެކެވެ.

ކޮލިފިކޭޝަންގެ ގަވާއިދުގެ ދަށުން ކޮންމެ ގްރޫޕަކުން އެއްވަނަ ހޯދާ ގައުމެއް އޭޝިއަން ކަޕަށް ކޮލިފައިވާނެ އެވެ. އަދި ގްރޫޕްތަކުގެ ދެވަނައިގައި އެންމެ ރަނގަޅު ނަތީޖާ ހޯދާ ފަސް ގައުމަކަށްވެސް އޭޝިއަން ކަޕްގައި ވާދަކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.