އޭއެފްސީ ކަޕް

ބެންގަލޫރު ކަޓައިފި، ކޯޗު ރަތަށް

އޭއެފްސީ ކަޕްގެ ގްރޫޕް ޑީގައި އިންޑިއާގެ ބެންގަލޫރު އެފްސީ އާއި ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް ބައްދަލު ކުރި މެޗުން އެއްވަރުވެ ބެންގަލޫރު މުބާރާތުން ކަޓައިފި އެވެ.

މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު މި މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި 0-0 އިން އެއްވަރު ވެގެންނެވެ. މި ނަތީޖާ އާއެކު ބެންގަލޫރު މުބާރާތުން ކެޓީ ފުރަތަމަ މެޗުގައި އޭޓީކޭ މޯހަން ބަގާން އާއި ވާދަ ކުރި މެޗުން ވެސް ބެންގަލޫރު ބަލިވެފައި ވާތީ އެވެ. އެހެން ކަމުން ތިން ވަނަ މެޗުގައި ކޮންމެ ނަތީޖައެއް ހޯދި ނަމަވެސް ބެންގަލޫރަށް ގްރޫޕުގެ އެއްވަނައަށް ނޭރޭނެ އެވެ. މުބާރާތުގެ ދެވަނަ ބުރަށް ދަތުރު ކުރާނީ ކޮންމެ ގްރޫޕަކުން އެއްވަނައަށް ދާ ޓީމު އެކަންޏެވެ.

މި މެޗުގެ ފުރަތަމަ 60 މިނެޓުގައި ރަނގަޅު ކުޅުމެއް ފެނިފައިވަނީ ބަޝުންދަރާ ޓީމުގެ ފަރާތުންނެވެ. ނަމަވެސް ދެވަނަ ހާފުގައި ބެންގަލޫރުން ގެނައި ބަދަލު ތަކާއެކު އެޓީމުން ވަނީ ކުޅުން ރަނގަޅު ކޮށްފަ އެވެ. ބަދަލު ތަކާއި އެކު ކުޅުން ރަނގަޅުކޮށް ބެންގަލޫރުން ވަނި ގޯލަކާއި ގާތަށް ޖެހިލާފަ އެވެ.

އެގޮތުން މަތިމަތިން އައި ކޯނަރެއް ބެންގަލޫރުގެ ޑިފެންޑަރު އެލަން ކޮސްޓާ ގޯލަށް ފޮނުވާލި ނަމަވެސް ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއާ އެވެ. ދަނޑީގައި ޖެހިފައި ބޯޅަ ވެއްޓުނީ ގޯލު ރޮނގު މައްޗަށެވެ. އެ ހިސާބުން އެއީ ގޯލެއް ކަމަށް ބެންގަލޫރުގެ ކުޅުންތެރިންނާއި ބެންޗުން ވަރަށް ބޮޑަށް އެޕީލްކުރި އެވެ. ނަމަވެސް ރެފްރީ ނިންމީ އެއީ ގޯލެއް ނޫން ކަމަށެވެ.

ބެންގަލޫރު ޓީމު މެޗުން ބަލިވެ މުބާރާތުން ކެޓުމުން އެޓީމުގެ ކޯޗު މާކޯ ޕެލޯޒީ ވަނީ މުބާރާތުގެ އިންތިޒާމު ތަކަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. އެގޮތުން މެޗަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕެލޯޒީ ބުނީ މިފަދަ މުބާރާތްތަކަށް ޓީމުތައް އަންނަނީ ވަރަށް ބޮޑެތި ހަރަދު ތަކެއް ކޮށްގެން ކަމަށެވެ. އެހެން ކަމުން އޭއެފްސީން އެފަދަ ހަރަދެއްކޮށް ޓެކްނޮލޮޖީ (ގޯލް ލައިން ޓެކްނޮލޮޖީ) ގެ ބޭނުން ހިފަންޖެހޭ ކަމަށެވެ.

ޕެލޯޒީގެ ޓީމުން މިމެޗުގައި ވަރަށް ރަނގަޅު ކުޅުމެއް ދެއްކިކަން ފާހަގަ ކުރަމުން އޭނާ ބުނީ ގަބޫލު ކުރެވޭނެ ނަތީޖައެއް ނޫން ކަމަށެވެ. އަދި އޭނާ ގަބޫލު ކުރާ ގޮތުގައި އެލަން ފޮނުވާލި ބޯޅަ އެއީ ލަނޑެއް ކަމަށެވެ. މީގެ އިތުރުން މިއީ ރާއްޖޭގައި މިފަދަ މައްސަލައެއް ދިމާވި ދެވަނަ ފަހަރު ކަމަށްބުނެ ޕެލޯޒީ ބުނީ މިފަހަރު އޭނާގެ ޓީމަށް މިގޮތަށް ދިމާވި ނަމަވެސް ދެން ފަހަރަކު މިގޮތަށް އެހެން ޓީމަކަށް ވެސް ދިމާވެދާނެ ކަމަށެވެ.

މުބާރާތުގެ ޕްލޭއޮފް މެޗު ގްރޫޕް ސްޓޭޖުގެ މެޗުތަކާއި ގާތްކޮށްފައި ކުޅުމުން ޕެލޯޒީ ވަނީ އެކަމަށް ވެސް ފާޑު ކިޔާފަ އެވެ. އެގޮތުން ޕެލޯޒީ ބުނީ އާންމު ގޮތެއްގައި މުބާރާތުގެ ޕްލޭ އޮފް މެޗު ކުޅޭނީ ހަފްތާއެއް ކުރިން ކަމަށެވެ. އަދި މިފަހަރު އެމެޗު މާލަސްކޮށްފައި ކުޅުމުން ހުރިހާ ގެއްލުމެއްވީ ބެންގަލޫރު ޓީމަށް ކަމަށެވެ.

ބެންގަލޫރާއި އީގަލްސް ޕްލޭއޮފް މެޗުގައި ވާދަކުރީ ގްރޫޕް ސްޓޭޖު މެޗުތަކުގެ ތިން ދުވަސް ކުރިންނެވެ.

މި މެޗާއި ގުޅޭ ގޮތުން ބަޝުންދަރާގެ ކޯޗު އޮސްކާ ބުނީ މެޗުގެ ނަތީޖާ އާއި މެދު އޭނާ ހިތްހަމަޖެހޭ ކަމަށެވެ. އަދި މެޗުން މޮޅުވަން ނިކުމެ ފުރަތަމަ 60 މިނެޓުގައި ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް އިދިކޮޅުން ގެނައި ބަދަލު ތަކާއި އެކު މެޗުގެ އޮއެވަރު ބަދަލުވި ކަމަށެވެ. އެހެން ކަމުން އޭނާގެ ޓީމުން ފަހުން މަސައްކަތް ކުރީ ޕޮއިންޓެއް ހޯދައިގެން މެޗު ނިންމާލަން ކަމަށެވެ. މުބާރާތުގައި ބާކީ އެއްމެޗު އޮވެފައި، މިހާރު ގްރޫޕުގެ އެއްވަނައިގައި އޮތުމުން މާޔޫސް ނުވާ ކަމަށް އޮސްކާ ބުންޏެވެ.

ރާއްޖޭގައި މިހާރު ކުރިއަށްދާ އޭއެފްސީ ކަޕްގެ ގްރޫޕް ޑީގެ އެއްވަނައިގައި ހަތަރު ޕޮއިންޓާއި އެކު މިވަގުތު އޮތީ މިއަދުގެ މެޗުން މޮޅުވި ބަޝުންދަރާ ކިންގްސް އެވެ. ބަޝުންދަރާ ވަނީ ކުޅުނު އެއް މެޗުން މޮޅުވެ ދެވަނަ މެޗުން އެއްވަރު ކޮށްފަ އެވެ. ދެވަނައިގައި އެއް މެޗު ކުޅެ ތިން ޕޮއިންޓާއި އެކު ދެވަނައިގައި އޮތީ އޭޓީކޭ މޯހަން ބަގާން އެވެ. މިއަދު މެޗުން އެއްވަރު ވުމުން ލިބުނު އެއްޕޮއިންޓާއި އެކު ބެންގަލޫރު އޮތީ ގްރޫޕްގެ ތިންވަނައިގަ އެވެ. ކުޅުނު ފުރަތަމަ މެޗުން ބަލި ވުމުން ރާއްޖޭގެ މާޒިޔާ އޮތީ ގްރޫޕްގެ ފުލުގަ އެވެ.