އޭއެފްސީ ކަޕްގެ ދެވަނަ ބުރަށް އިންޑިއާގެ އޭޓީކޭ މޯހަން ބަގާން ދަތުރު ކޮށްފި އެވެ.
އޭޓީކޭ ދެވަނަ ބުރަށް ދަތުރު ކުރީ އޭއެފްސީ ގްރޫޕް ޑީގައި އަންގާރަ ދުވަހު ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް އާއި ވާދަކޮށް 1-1 އިން އެއްވަރު ވުމުންނެވެ.
މި ނަތީޖާ އާއެކު މުބާރާތުގެ ގްރޫޕް ސްޓޭޖްގެ ފުރަތަމަ ދެ މެޗުން މޮޅުވެ ފަހު މެޗުން އެއްވަރު ވުމުން އޭޓީކޭ އެއް ވަނައިގައި އޮތީ ހަތް ޕޮއިންޓާއި އެކުގަ އެވެ. އޭޓީކޭ އާއި ވާދަކުރި ބަޝުންދަރާ ދެވަނާގައި އޮތީ ފަސް ޕޮއިންޓު ލިބިގެންނެވެ. ބަޝުންދަރާއަށް ދެވަނަ ބުރަށް ދަތުރު ކުރެވެން އޮތީ އޭޓީކޭ ބަލި ކޮށްގެން އެކަންޏެވެ. ނަމަވެސް އޭޓީކޭ އިން ވަނީ އެ ފުރުސަތު ނުދީ މުބާރާތުގެ ދެވަނަ ކަށަވަރު ކޮށްފަ އެވެ.
އޭޓީކޭ އާއި ބަޝުންދަރާ ބައްދަލު ކުރި މެޗުގައި ފުރަތަމަ ލީޑު ނެގީ ބަޝުންދަރާއިންނެވެ. މެޗުގެ 28 ވަނަ މިނެޓުގައި ބަޝުންދަރާއަށް މި ގޯލު ކާމިޔާބު ކޮށްދިނީ އެޓީމުގެ މިޑްފީލްޑާރު ޖޮނަތަން ރެއިސް އެވެ.
ނަމަވެސް ފުރަތަމަ ހާފު ނިމެނިކޮށް އެޓީމުގެ ޑިފެންޑަރު ސުޝަންތޯ ޓްރިޕޫރާއަށް ދެވަނަ ރީންދޫ ކާޑާއެކު ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލުމުން އެޓީމަށް ވަނީ ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހިފަ އެވެ. ސުޝަންތޯ ވަނީ މި މެޗުގައި ގިނަ ފައުލު ތަކެއް ކޮށްފަ އެވެ. އޭނައަށް ރަތް ކާޑު ދެއްކީ ފުރަތަމަ ރީންދޫ ކާޑަށްފަހު ގިނަ އިންޒާރު ތަކެއް ދީފަ އެވެ.
އެހެން ކަމުން ދެވަނަ ހާފު ފެށިގެން ކުޅުން ރަނގަޅުކޮށް އޭޓީކޭގެ ޑޭވީޑް ވިލިއަމްސް ވަނީ އެޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.
މުބާރާތުގެ ދެވަނަ ބުރަށް އޭޓީކޭ ދަތުރު ކޮށްފައި ވާއިރު، އިންޓާ ޒޯނަލް ސެމީ ފައިނަލުގައި އޭޓީކޭ ބައްދަލު ކުރަން ޖެހޭނީ މިރޭ ސެންޓްރަލް އޭޝިއާ ޒޯންގައި އުޒްބަކިސްތާނުގެ ނަސާފް އާއި ތުރުކެމިނިސްތާންގެ އާހަލް ބައްދަލު ކުރާ މެޗުން މޮޅުވާ ޓީމަކާ އެވެ.
އޭއެފްސީ ކަޕްގައި ރާއްޖޭގެ މާޒިޔާ އާއި އިންޑިއާގެ ބެންގަލޫރު އެފްސީ ވެސް ރޭ ބައްދަލު ކުރި އެވެ. އެ މެޗުން ބެންގަލޫރު 6-2 ގެ ތަފާތު ބޮޑު ނަތީޖާ އަކުންނެވެ. މި މެޗުގެ ހަވަނަ މިނެޓުގައި ބެންގަލޫރުން ވަނީ އެޓީމުގެ ފުރަތަމަ ގޯލު ޖަހައި ލީޑު ނަގާފަ އެވެ.
ބެންގަލޫރު ޓީމަށް ލަނޑުތައް ކާމިޔާބު ކޮށްދިނީ އުދަންތާ ސިންގް ކުމާރާއި ކްލެއިޓަން އޯގަސްޓޯ އާއި ލިއޯން އޯގަސްޓިން އަސޯކަން އާއި ސިވާ ސަކްތީ ނަރަޔާނަން އަދި ބިދްޔަޝަގާރް ސިންގެވެ. މާޒިޔާއަށް ލަނޑުތައް ޖަހައިދިނީ ހަމްޒާ މުހައްމަދު އާއި އަސަދުﷲ އަބްދުﷲ އެވެ.
މި ދެ ޓީމަކީ ރޭގެ މެޗު ކުޅުނު އިރުވެސް މުބާރާތުން ކަޓާފައިވާ ދެޓީމެވެ. ބެންގަލޫރުން މުބާރާތް ނިންމާލީ ހަތަރު ޕޮއިންޓާއި އެކުގަ އެވެ. ރާއްޖޭގެ މާޒިޔާއަށް މުބާރާތް ނިމުނީ ކުޅުނު ހުރިހާ މެޗަކުން ބަލިވެ ގްރޫޕްގެ ފުލުގައި އޮވެގެންނެވެ.