އޭއެފްސީ ކަޕް

ފަހަތުން އަރާ އޭޓީކޭ މާޒިޔާ ކަޓުވާލައިފި

އޭއެފްސީ ގްރޫޕް ޑީގައި ހޮނިހިރު ދުވަހުގެ ރޭ މާޒިޔާ އާއި ބައްދަލު ކުރި މެޗުގައި ފަހަތުން އަރައި އޭޓީކޭ މޯހަން ބަގާން މޮޅުވެއްޖެ އެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މި މެޗުން އޭޓީކޭ މޮޅުވީ 3-1 ގެ ނަތީޖާ އަކުންނެވެ.

މި މެޗުގައި ފުރަތަމަ ގޯލު ޖަހާ ލީޑު ނެގީ ރާއްޖޭގެ މަޒިޔާއިންނެވެ. މި ލަނޑު މާޒިޔާއަށް ކާމިޔާބު ކޮށްދިނީ މެޗުގެ 25 ވަނަ މިނެޓުގައި އައިސަމް އިބްރާހީމެވެ. އޭގެ ކުރިން މެޗު ފެށުނު ތަނާހެން އޭޓީކޭ ޓީމުގެ ރޯއީ ކްރިޝްނާ ވަނީ ލަނޑެއް ޖަހާފަ އެވެ. ނަމަވެސް ގޯލު ޖެހިއިރު އޭނާ ހުރީ އޮފްސައިޑުގައި ކަމުން ރެފްރީ ނިންމީ އެ ލަނޑު ބަލައި ނުގަންނާށެވެ. އެހެން ކަމުން ފުރަތަމަ ހާފު ނިމުނީ 1-0 އިން މާޒިޔާ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ފެށިގެން ފުރަތަމަ މިނެޓުގައި މާޒިޔާގެ ހަމްޒާ މުހައްމަދު (ހަމްޕު) އަށް އަލުން ލީޑު ފުޅާ ކުރަން ވަރަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. ނަމަވެސް އޭރިއާ ތެރެއަށް ވަދެފައި ހަމްޕު ފޮނުވާލި ބޯޅަ ބޭރުވީ އޭޓީކޭ ޑިފެންޑަރެއްގެ ގައިގައި ޖެހިފަ އެވެ. ހަމްޕުއަށް ފުރުސަތުގެ ބޭނުން ނުހިފުމުގެ ނަތީޖާއަކަށްވީ ތިންވަނަ މިނެޓުގައި އޭޓީކޭއިން ގޯލެއް ޖަހައި ނަތީޖާ ހަމަ ކުރުމެވެ. އޭޓީކޭއަށް މިގޯލު ޖަހައިދިނީ ލިސްޓަން ކޮލާސޯ އެވެ. އޭގެ ފަހުން ރޯއީ ކްރިޝްނާ އާއި މަންވީރް ސިންގްގެ ލަނޑުން ދެލަނޑު ކާމިޔާބުކޮށް 3-1 ގެ ނަތީޖާއަކަށް ފުރޮޅުނީ އެވެ.

ކުޅުނު ދެމެޗުން ބަލިވުމުގެ ސަބަބުން މާޒިޔާ ވަނީ މުބާރާތުން ކަޓާފަ އެވެ. މާޒިޔާ ކެޓީ ޕޮއިންޓެއް ނުލިބި ގްރޫޕްގެ ފުލުގައި އޮވެގެނެވެ. އެއް މެޗުން އެއްވަރުކޮށް އަނެއް މެޗުން ބަލިވުމުން އިންޑިއާގެ ބެންގަލޫރު އެފްސީ ވެސް ވަނީ މުބާރާތާއި އަލްވަދާއު ކިޔާފަ އެވެ. އޭޓީކޭ ގްރޫޕްގެ އެއްވަނާގައި އޮތީ ކުޅުނު ދެމެޗުން މޮޅު ވެގެންނެވެ. ގްރޫޕްގެ ދެވަނައިގައި ބަޝުންދަރާ ކިންގްސް އޮތީ އެއް މެޗުން މޮޅުވެ އަނެއް މެޗުން އެއްވަރު ކޮށްގެން ހަތަރު ޕޮއިންޓާއި އެކުގަ އެވެ.

މުބާރާތުގެ ދެވަނަ ބުރަށްދާ ޓީމެއް ޔަގީން ވާނީ އަންގާރަ ދުވަހުގެ ހަވީރު އޭޓީކޭ އާއި ބަޝުންދަރާ ބައްދަލު ކުރާ މެޗަށް ފަހުގަ އެވެ. އެ މެޗުން މޮޅު ނުވަތަ އެއްވަރު ވިޔަސް އޭޓީކޭ ދެވަނަ ބުރަށް ދަތުރު ކުރާނެ އެވެ. ބަޝުންދަރާއިން ދެވަނަ ބުރު ޔަގީން ކުރަން ބޭނުން ނަމަ ޖެހޭނީ އޭޓީކޭ އަތުން މޮޅުވާށެވެ. މުބާރާތުގެ ދެވަނަ ބުރަށް ދަތުރު ކުރާނީ ކޮންމެ ގްރޫޕަކުން އެއްވަނަ ހޯދާ ޓީމު އެކަންޏެވެ.