މާޒިޔާ

ސައުދީގައި މާޒިޔާއަށް ކާމިޔާބު މެޗެއް

ސައުދީ އަރަބިއްޔާގެ އަލް އިއްތިހާދުގެ 19 އަހަރުން ދަށުގެ ޓީމާއި އެކު ކުޅުނު ރަހުމަތްތެރި ކަމުގެ މެޗަކުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން މޮޅުވެއްޖެ އެވެ.

އިއްތިހާދާއި ބަދަލު ކުރި މެޗުން މާޒިޔާ މޮޅުވީ 2-1 ގެ ނަތީޖާ އަކުންނެވެ. މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ އިއްތިހާދު ޓީމުންނެވެ. އޭގެ ފަހުން މާޒިޔާއިން ވަނީ ދެ ލަނޑު ޖަހައި ފަހަތުން އަރައި މެޗު ކާމިޔާބު ކޮށްފަ އެވެ.

މާޒިޔާއަށް މި މެޗުގައި ގޯލު ޖަހައިދިނީ ސެއިން ވިންސެންޓްގެ ކުރީގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) އާއި ނާއިޒު ހަސަން (ދާދު) އެވެ.

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕް ޑީގެ މެޗުތަކަށް ތައްޔާރުވުމަށް މާޒިޔާއިން ފަރިތަކުރުންތައް ފަށާފައިވަނީ މިދިޔަ ޖުލައި މަހުގެ 10 ވަނަ ދުވަހު އެވެ. އޭގެ ފަހުން ޖުލައި 24 ގައި މާޒިޔާއިން ސައުދީ އަރަބިއްޔާގައި ކޭމްޕް ކުރީ އެފްއޭއެމް އިން ހޯދައިދިން ފުރުސަތެއްގަ އެވެ. ފަރިތަކުރުން ތަކަށް ފަހު މާޒިޔާއިން އެނބުރި ރާއްޖެ އަންނާނީ މިމަހުގެ 14 ވަނަ ދުވަހު އެވެ.

މި މަހުގެ 15 ވަނަ ދުވަހު އީގަލްސް އާއި އިންޑިއާގެ ބެންގަލޫރް އެފްސީ، އޭއެފްސީ ކަޕްގެ ޕްލޭއޮފް މެޗުގައި ބައްދަލު ކުރާނެ އެވެ. މި މެޗުން މޮޅުވާ ޓީމެއް އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖެގެ ފަހު ޖާގަ ކަށަވަރު ކުރާނެ އެވެ. ގްރޫޕް ސްޓޭޖުގެ މެޗުތައް ކުރިއަށްދާނީ މި މަހުގެ 18، 21 އަދި 24 ވަނަ ދުވަހު އެވެ.

ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި މި މަހުގެ 18 ވަނަ ދުވަހު މާޒިޔާ ބައްދަލު ކުރާނީ ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސްއާ އެވެ. އޭގެ ފަހުން ދެވަނަ މެޗުގައި 21 ވަނަ ދުވަހު މާޒިޔާ ބައްދަލު ކުރާނީ އޭޓީކޭ މޯހަން ބަގާންއާ އެވެ. އަދި ތިން ވަނަ މެޗުގައި މާޒިޔާ ބައްދަލު ކުރާނީ އީގަލްސް އާއި ބެންގަލޫރް އެފްސީ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ އެވެ.