ކޮވިޑް-19 އާ ގުޅިގެން ވިޔަފާރިތަކަށް ވަމުންދާ ގެއްލުން ކުޑަ ކުރަން، ސަރުކާރުން އިއުލާން ކުރި 2.5 ބިލިއަން ރުފިޔާގެ އިކޮނޮމިކް ޕެކޭޖަށް ނެޝަނަލް ފެޑެރޭޝަން އޮފް މޯލްޑިވިއަން އެމްޕްލޯޔާސް (އެންއެފްއެމްއީ) އިން ތާއީދުކޮށްފި އެވެ.
އިމާރާތް ކުރުމުގެ ޖަމިއްޔާގެ އިތުރުން ގިނަ ޖަމިއްޔާތަކެއް ގުޅިގެން އުފައްދާފައިވާ، އެންއެފްއެމްއީ އިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ސަރުކާރުން އިއުލާން ކޮށްފައިވާ އިކޮނޮމިކް ޕެކޭޖުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް އެހީވުމާއި ދިވެހިންނަށް ވަޒީފާތައް ނުގެއްލޭނެ ކަމުގެ ޔަގީންކަން ދީފައިވާތީ ސަރުކާރުން އިއުލާން ކޮށްފައިވާ ޕެކޭޖްތަކުގައިވާ ގޮތަށް ކަންކަން ހިންގުމުގައި އެ ޖަމިއްޔާގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ. އަދި ސްޓިމިއުލަސް އިކޮނޮމިކް ޕެކޭޖްތަކުގެ ފައިދާ ހުރިހާ އިންޑަސްޓްރީ ތަކަށް ކުރާނެ ކަމަށެވެ.
"...މި ފަދަ ކޮންމެ އިކޮނޮމިކް ޕެކޭޖް ތަކުގެ ބޭނުން ހިފުމުގައި ސަރުކާރަށް އެއްބާރުލުން ދިނުމާއެކު ޕްލޭންކޮށްފައިވާ ގޮތަށް ވިޔަފާރިތައް ކުރިއަށް ގެންދެވި ދެމެހެއްޓުމަކީ އަދި ކުރި އަށް ގެންދިއުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމުގައި މި ފެޑެރޭޝަނުން ދެކެމެވެ." އައިއެލްއޯގެ މެންބަރު ޖަމިއްޔާއެއް ކަމަށްވާ އެންއެފްއެމްއީގެ ބަޔާނުގައިވެ އެވެ.
މި ބަޔާނުގައި އިތުރަށް ބުނެފައިވަނީ މިފަދަ އިކޮނޮމިކް ޕެކޭޖްތަކުގެ ބޭނުން ހިފުމުން ކުންފުނިތަކާއި ވިޔަފާރިތައް އިތުރަށް ކުރިއަރައި ވަޒީފާގެ ފުރުސަތުތައް ތަނަވަސްވެ ގައުމުގެ އިގްތިސާދަށް ހެޔޮ އަސަރުތަކެއް ކުރާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.
ސަރުކާރުން ތައާރަފުކޮށްފައިވާ "އިގްތިސާދީ އެހީ"ގެ 2.5 ބިލިއަން ރުފިޔާގެ ޕެކޭޖުގެ ދަށުން ވިޔަފާރި ތަކަށް ވޯކިން ކެޕިޓަލްގެ ގޮތުގައި ވޯކިން ކެޕިޓަލް ހޯދޭނެ ފެސިލިޓީ ތަކެއް ބައެއް ބޭންކުތައް މެދުވެރިކޮށް ފޯރުކޮށް ދޭނެ އެވެ. ވޯކިން ކެޕިޓަލްގެ ގޮތުގައި ޖުމްލަ ދެ ބިލިއަން ރުފިޔާ އާއި ހަމަ އަށް ލޯނު ދޫކުރާނެ އެވެ. އެވެ. މި ލޯނު ދޭނީ ހަ ޕަސެންޓުގެ އިންޓްރެސްޓުގައި ތިން އަހަރުން ދައްކާ ގޮތަށެވެ. އަދި ގްރޭސް ޕީރިއަޑުގެ ގޮތުގައި ލޯނު ދައްކަން ފަށަން ހަ މަސް ދުވަސް ލިބޭނެ އެވެ. އަދި އެޕްރީލް މަހާއި މެއި މަހުގެ ކަރަންޓް ބިލުން 40 ޕަސެންޓް އަދި ފެން ބިލުން 30 ޕަސެންޓްގެ ސަބްސިޑީއެއް ދޭން ވެސް ވަނީ ނިންމާފަ އެވެ. އަދި ރާއްޖެއަށް ލިބޭ ބޭރު ފައިސާ މަދުވެފައިވާތީ މަރުކަޒީ ބޭންކުން ވަނީ އިތުރަށް ޑޮލަރު ވިއްކަން ނިންމާފަ އެވެ. އަދި ކުރިމަތިވެފައިވާ ޑޮލަރު ލިބުމުގެ ދަތިތައް ހައްލުކުރަން، 150 މިލިއަން ޑޮލަރު ބޭންކްތަކަށް ދޫކުރަން ނިންމާފައިވެ އެވެ. އަދި ވަޒީފާ ގެއްލޭ މީހުންނަށް ތިން މަހުގެ އެލަވަންސެއް ދޭން ވެސް ވަނީ ނިންމާފަ އެވެ. މިކަމަށް 200 މިލިއަން ރުފިޔާ ހޭދަ ކުރާނެ އެވެ.