ދެކުރު އިރުމަތީ އޭޝިޔާ ސަރަހައްދުގެ ސިއްހަތާބެހޭ ވަޒީރުންނާއި ޑަބްލިޔުއެޗްއޯގެ ރީޖަނަލް ޑައިރެކްޓަރު ޑރ. ޕޫނަމް ކެތްރަޕާލް ސިންގް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބައްދަލުވުމެއް ބާއްވައިފި އެވެ.
މި ބައްދަލު ވުމަކީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 އިގެ މިދަނޑިވަޅުގައި، ދެކުނު އިރުމަތީ އޭޝިޔާ ސަރަހައްދުގައި މިބަލި ފެތުރުނަ ނުދިނުމަށް ސަރުކާރުތަކުން ކުރަމުން އަންނަ މަސައްކަތް ހިއްސާ ކުރުމަށް ދެކުނު އިރުމަތީ އޭޝިޔާ ސަރަހައްދުގެ 11 ގައުމުގެ ސިއްހަތާބެހޭ ވަޒީރުންގެ މެދުގައި، ރީޖަނަލް ޑައިރެކްޓަރު ޕޫނަމް އިސްވެ ބޭއްވި ބައްދަލުވުމެކެވެ.
މި މަހުގެ ދެވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ވާހަކަފުޅު ދައްވަކަމުން މި ސަރަހައްދުގެ 10 ގައުމުގެ ވަޒީރުންނާ މިދަނޑިވަޅުގައި ބައްދަލުކުރަން ލިބިވަޑައިގެންނެވީތީ އުފާކުރައްވާކަމަށް ޕޫނަމް ކެތްރަޕާލް ވިދާޅުވި އެވެ.
އަދި މިފަދަ ކޮންމެ ހާލަތެއްގައި މިސަރަހައްދުގެ ގައުމުގެ ފަރާތުން ރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިކަން ލިބެމުންދާތީ، އެކަން ފާހަގަކޮށް ހުރިހާ ގައުމަކަށް ޝުކުރު އަދާކުރެއްވި އެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖެއިން އަޅަމުން ގެންދާ ފިޔަވަޅުތަކަާއި ރާއްޖޭގެ ހާލަތު އަބްދުﷲ އަމީން ވަނީ އެކަމަނާ އާއި ހިއްސާ ކުރައްވާފަ އެވެ.
ބައްދަލުވުމުގައި ޑަބްލިޔުއެޗްއޯގެ ހެޑްކުއާޓާސްގައި ކޮވިޑް-19 އިގެ މަސައްކަތުގައި އުޅުއްވާ ފަންނީ ބޭފުޅުން ބައިވެރިވެ ވަޑައިގެން، އެފަރާތުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވި އެވެ.
ހެލްތު މިނިސްޓްރީން ބުނީ މި ބައްދަލުވުމކީ ކޮވިޑް-19 އަށް ހުރިހާ ގައުމުތަކަކުންވެސް އިތުރަށް ތައްޔާރުވެ، އެކަންކަމާ ގުޅޭގޮތުން އިތުރު އެހީތެރިކަމެއް ބޭނުންވާނަމަ، އެކަމާ ގުޅޭގޮތުން މަޝްވަރާކޮށް، ޑަބްލިޔުއެޗްއޯގެ ލަފާ ގައުމުތަކަށް ދިނުން ކަމަށެވެ.