ރާއްޖޭގެ އިގްތިސާދަށާއި ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށްޓަކައި ސަރުކާރުން އިއުލާނުކޮށްފައިވާ އިކޮނޮމިކް ރިލީފް ޕެކޭޖަކީ ޕްލޭނެއްނެތި އެކުލަވާލާފައިވާ ޕެކޭޖެއް ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފި އެވެ.
ސަރުކާރުން ވަނީ ރާއްޖޭގެ އިގްތިސާދަށާއި ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށްޓަކައި މުހިންމު ހަތް ފިޔަވަޅެއް އެޅުމަށް ނިންމާފައެވެ.
އެގޮތުން ވާކިން ކެޕިޓަލް އަދި އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް ލޯން ދޫކުރުމާއި، ދެ މަސްދުވަހަށް ފެން އަދި ކަރަންޓް ބިލުން ބައެއް ސަރުކާރުން ދައްކައިދިނުމާއި، ބޭންކް އޮފް މޯލްޑިވްސް އަދި ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުން ނަގާފައިހުރި ދަރަނީގެ ޕްރިންސިޕަލް އަދި އިންޓަރެސްޓް ޕޭމަންޓްތައް ހަ މަސްދުވަހަށް ފަސްކޮށްދިނުމާއި، އެމްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުން މިހާތަނަށް ދޫކޮށްފައިހުރި ލޯނުތަކުގެ ދަރަނީގެ ޕްރިންސިޕަލް އަދި އިންޓަރެސްޓް ޕޭމަންޓްތައް މާޗް 2020 އިން ފެށިގެން ހަ މަސްދުވަހުގެ މުއްދަތަށް ލަސްކޮށް ދިނުމުގެ އިތުރުން މި މުއްދަތުގެ ތެރޭގައި ހުރިހާ ލޯންތަކުގެ އިންޓަރެސްޓް ރޭޓް ހަތަރު އިންސައްތައަށް ކުޑަކޮށްދިނުމާއި، ނޭޝަނަލް ސްޓޫޑަންޓް ލޯން ސްކީމުގެ ދަށުން ދޫކޮށްފައިވާ ލޯންތައް އަނބުރާ ދެއްކުން ހަ މަހަށް ފަސް ކުރުމުގެ އިތުރުން ކޮވިޑް19 އާ ގުޅިގެން ވަޒީފާ ގެއްލޭ ފަރާތްތަކަށް ސަރުކާރުން އެލަވަންސްއެއް ދިނުމަށް ނިންމުމެވެ.
އަދި އިކޮނޮމިކް ރިލީފް ޕެކޭޖްތަކުގެ ތަފްސީލް ފިނޭންސް މިނިސްޓްރީން މިހާރު ވަނީ ހާމަކޮށްފައެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ ދެ ބިލިއަން ރުފިޔާގެ އިކޮނޮމިކް ޕެކޭޖްގެ އެއްވެސް ތަފްސީލެއް ސަރުކާރުން ހާމަނުކުރާ ކަމަށެވެ. އެ ފައިސާ ހޯދާނެ ގޮތަކާ އަދި ބޭންކް އޮފް މޯލްޑިވްސްގައި ހުރި ފައިސާގެ އަދަދަކީ ކޮބައިކަންވެސް ސާފުކޮށްދީފައިނުވާ ކަމަށް ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ ޕެކޭޖްގެ ވާހަކަ ސަރުކާރުން ދައްކަދައްކާ ތިއްބާ 11،000 މުވައްޒިފުން ގެއަށް ފޮނުވާލައިފި ކަމަށެވެ. އެހެން ކަމުން މިއަދު ބަލަންވީ އެ މުވައްޒިފުންނަށް ފައިސާ ދެވޭނެ ގޮތެއް ކަމަށް ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ ރާއްޖޭގެ އިގްތިސާދަށާއި ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށްޓަކައި ކަމަށް ބުނެ ސަރުކާރުން އެކުލަވާލީ އޮއްޓަރެއް ހުރި ޕެކޭޖެއް ނޫން ކަމަށެވެ.
ސަރުކާރުން އިއުލާނުކޮށްފައިވާ އިކޮނޮމިކް ރިލީފް ޕެކޭޖްގައި ހިމެނޭ ވާކިން ކެޕިޓަލް އަދި އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް ދޫކުާރާ ލޯންތައް ދޫކުރާނީ ބޭންކް އޮފް މޯލްޑިވްސް އަދި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން މެދުވެރިކޮށް ކަމަށް ވަނީ ބުނެފައެވެ.
އެ އުސޫލުގައިވާ ގޮތުން މި ލޯންތައް ދެވޭނީ ހަ ޕަސެންޓް އިންޓްރެސްޓްގައި ހަ މަސް ދުވަހުގެ ގްރޭސް ޕީރިއަޑަކާއެކުގައެވެ. ނަމަވެސް މި މުއްދަތުގައި އިންޓްރަސްޓް އަދި ޕްރިންސިޕަލްވެސް އަނބުރާ ދައްކާކަށް ނުޖެހޭނެ އެވެ. އަދި ލޯން އަނބުރާ ދައްކަންޖެހޭނީ ތިން އަހަރުގެ ތެރޭގައެވެ.
އެގޮތުން ޓޫރިސްޓް ރިސޯޓްތަކަށް ލޯން ދޫކުރާނީ ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށެވެ. އަދި މި ސްކީމުގެ ދަށުން ކޮންމެ ރިސޯޓަކަށްވެސް ގިނަ ވެގެން ދޫކުރާނީ 7.71 މިިލިއަން ރުފިޔާއެވެ.
އަދި ރިސޯޓްތަކަށް ލޯން ދޫކުރުމުގައި ދިވެހި އޯނާޝިޕްގެ ނިސްބަތަށާއި، ރިސޯޓްގައި ދިވެހި މުވައްޒިފުން ވަޒީފާގައި ގެންގުޅޭ ނިސްބަތް 45 އިންސައްތައަށް ނުވަތަ އެއަށްވުރެ މަތީތޯ ބަލައި އިސްކަން ދެވޭނެ ކަމަށް ފިނޭންސްގެ އުސޫލުގައިވެއެވެ. އަދި އެކަންކަން ސަރުކާރުން ބަލާ، ބޭންކް އޮފް މޯލްޑިވްސްއާ ހިއްސާ ކުރާނެ ކަމަށް ވަނީ ބުނެފައެވެ.
މީގެ އިތުރުން ރިސޯޓް ނުވަތަ ވިޔަފާރީގެ ނަން-ފާފޯމިން އެސެޓްސް ނެތްތޯއާ، 2019 ވަނަ އަހަރު ވިޔަފާރިއަށް ފައިސާވެފައިވޭތޯއާ، ކުރިއަށް އޮތް ތިން އަހަރުގެ ކޭޝްފްލޯ ފޯކާސްޓް ޕޮޒިޓިވްކޮށް ހުރިތޯ ބަލާ އިސްކަންދޭނެ ކަމަށްވެސް ވަނީ ބުނެފައެވެ. އަދި ކޮވިޑް19 އާ ގުޅިގެން މުވައްޒިފުން ވަޒީފާއިން ވަކިކޮށް ނުވަތަ ނޯ ޕޭ ނަގަން މަޖުބޫރުކުރުވާފައިވާ ފަރާތްތަަކަށް ލޯން ނުލިބޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.
އެ ހުރިހާ ކަމެއްވެސް ސަރުކާރުން ވަރަށް ރަނގަޅަށް ބަލާނެ ކަމަށް ވަނީ ބުނެފައެވެ.