ޕެންޝަންފަންޑުގެ ބޭނުންޖެހިގެން އުޅެނީ އޭގެ ހައްގުވެރިން ކަމަށް އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ސަައީދު ވަނީ "ކޮވިޑް-19 ގެ އެހީތެރިކަމުގެ ބިލު" ގެ ނަމުގައި މަޖިލީހަށް ބިލެއްވެސް ހުށަަަޅާފައެވެ. އެ ބިލްގަައި މި އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހާ ހަމައަށް ކޮންމެ ދިވެއްސެއްގެ ޕެންޝަން ފަންޑަށް ޖަމާ ކޮށްފައިވާ ޖުމުލަ ފައިސާގެ ތިންބައިކުޅަ އެއްބައި އެ މީހަކަށް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ދޫކުރަން ހުށަހަޅާފައިވެއެވެ. އަދި އެ ފައިސާ ދޫކުރަން ވާނީ ތިން އިންސްޓޯލްމަންޓަކަށް ބަހާލައިގެން ކޮންމެ އިންސްޓޯލްމަންޓެއް ވެސް 30 ދުވަހަށް ވުރެ ގިނަ ދުވަސް ނުވާ ގޮތުގެ މަތިން ކަމަށް ބިލުގައިވެ އެވެ.
ނަމަވެސް ބިލްގައި ބައެއް ކަންކަން އިސްލާހު ކުރަންޖެހޭ ކަމަށް ބުނެ މަޖިލީހުގެ ރައީސް އެ ބިލް އެޖެންޑާ ކުރުން ވަނީ ފަސްކޮށްފައެވެ.
މީގެ އިތުރުން ޕެންޝަން ފަންޑުގައި ހުރި ފައިސާ ބޭނުންކުރަންޖެހޭ ހާލަތެއް އަދި ނާންނަ ކަމަށް އިކޮނޮމިިކް މިނިސްޓަރު އިއްޔެ ވަނީ ވިދާޅުވެފައެވެ.
އެކަމާއި ގުޅިގެން ސަައީދު ވިދާޅުވީ ޕެންޝަން ފަންޑުގެ ބޭނުންޖެހިގެން އުޅެނީ އޭގެ ހައްގުވެރިން ކަމަަށާ އެއީ ވަޒީފާ ގެއްލި ނިކަމެތިވި އެތައްހާސް އާއިލާއެއް ކަމަށެވެ. އަދި އެ އާއިލާތައް ގޭ ކުލި ނުދެއްކި ކެއިންބުއިމަށް ދަތިވެފަައިވާ ކަމަށް ސައީދު ވިދާޅުވިއެވެ.
"ރިޓަޔަމަންޓުގެ ކުރިޔަށް މިހާލަތު އިސްވާނެކަން މާބޮޑު ދިރާސާއެއް ނުކުރިޔަސް ކަށަވަރުވާނެ." ސައީދު ވިދާޅުވިއެވެ.
ސައީދު ހުށަހެޅުއްވި ބިލުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ބޭރުގެ ދަތުރުފަތުރުތައް އަލުން ހުޅުވެން ދެން މާލެ ސަރަހައްދުގައި ހިމެނޭ މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ދިރިއުޅެން ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ކުލީގެ 50 ޕަސެންޓަށްވުރެ ބޮޑު ނޫން އަދަދެއް ނުދައްކައިގެން އެ ތަނަކުން ބޭރުކޮށްގެން ނުވާނެ ކަމަށްވެސް ވަނީ ބުނެފައެވެ.
މިހާރު އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ހާލަތު ނިމި ވެލާނާ އެއާޕޯޓްގެ ބޭރުގެ ދަތުރުފަތުރު އަލުން ފަށާތާ 10 މަސް ދުވަހުގެ ތެރޭގައި ނުދެއްކިފައިވާ 50 ޕަސެންޓްގެ ކުލީގެ ފައިސާ އެޕާޓްމަންޓް ނުވަތަ ގޭގެ ވެރިފަރާތަށް ދައްކާ ހަލާސް ކުރަން ވާނެ ކަމަށް ވެސް އެ ބިލުގައިވެ އެވެ.
ނަމަވެސް ވެލާނާ އެއާޕޯޓުގެ ދަތުރުފަތުރުތައް އަލުން ފެށޭއިރު ދިރިއުޅެން ތަނެއް ކުއްޔަށް ދޫކޮށްފައިވާ މުއްދަތު 10 މަހަށްވުރެ ކުޑަ ނަމަ ކުލީގެ ބާކީ މުއްދަތުގައި ނުދެއްކިވާ ކުލީގެ 50 ޕަސެންޓް ފައިސާ ދައްކާ ހަލާސް ކުރަން ވާނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ.