މުހައްމަދު ސައީދު

މަޖިލިސް ހިންގަނީ ގޮންމުށުން ހުދުމުހުތާރުކޮށް: ސައީދު

Jun 6, 2022
1

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލިސް ހިންގަވަމުން ގެންދަވަނީ ގޮށްމުށުގެ ބާރު ބޭނުންކުރައްވައިގެން އެއްވެސް އުސޫލެއް ނެތް ހުދުމުހުތާރު ގޮތަކަށް ކަމަށް އިދިކޮޅު ޕީއެންސީގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

މެންބަރު ސައީދު މިހެން ވިދާޅުވީ ހައިކޯޓުގެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރުމަށް ޖޭއެސްސީން މަޖިލީހަށް ހުށަހެޅި މައްސަލަ ދިރާސާކުރި ޖުޑިޝަރީ ކޮމިޓީގެ ރިޕޯޓަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ސައީދު ވިދާޅުވީ މިހާރުގެ ސަރުކާރުން ހުތުރުކޮށް ކުރަމުންދާ ކަންކަމަށް މިއަދަކީ އިތުރު ހުތުރު ކަމެއް ގެނުވި ދުވަހެއް ކަމަށެވެ. ސަރުކާރުން ކުރާ ހުތުރު ކަންކަމަށް އެއްބާރުލުން ދީގެން ޖައްސަވާ ސަކާރާތާ ގުޅިގެން ރައްޔިތުންގެ ފަރާތުން ރައީސް ނަޝީދަށް ލިބޭނެ މާބޮޑު ތައުރީފެއް ނޯންނާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"ދިވެހި ރައްޔިތުން ބަލަމުން އެބަދޭ މަނިކުފާނުގެ ހުދުމުހުތާރުކަން މިހާރު ގޮސްފައި އޮތް މިންވަރު. ގޮށްމުށުގެ ބާރުން މަޖިލިސް ހިންގަވަން މަނިކުފާނު ފައި ނަންގަވާފައި ތިހުންނެވީ. އެއްވެސް ކަހަލަ އުސޫލެއް ގޮތެއް ފޮތެއް ލަދެއް ހަޔާތެއް ނެތް. މަގުމަތީގައި އުޅުއްވާ އުސޫލަށް މަޖިލިސް ހިންގަވަން މަނިކުފާނު ވެސް ފައި ނަންގަވައިގެން ތިހުންނެވީ. ބިރު ދެއްކުމާއި އިންޓިމިޑޭޓް ކުރުމާއި މީހުން ހެރެސް ކުރުމާއި ބްލީކުރުމާއި މިތާ އެތެރެއިން ލާމަސީލް މިސާލު ތިދައްކަވަނީ. ޑިމޮކްރަސީގެ ނަމުގައި،" ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސް ނަޝީދަކީ އެއް ދުވަސްވަރެއްގައި ޑިމޮކްރަސީގެ ޗެމްޕިއަނެއް ކަމަށް ބުނާއިރު އެމަނިކުފާނު މިއަދު ދައްކަވަނީ ޑިމޮކްރަސީ އަށް ލަދު މިސާލުތަކެއް ކަމަށެވެ. ޖޭއެސްސީއާއި ޖުޑިޝަރީ އޮތީ އެމްޑީޕީން ހިސާރޯރުކޮށްފައި ކަމަށާއި އެކަމުގައި އެންމެ އިސްކޮށް ހުންނެވި ބޭފުޅަކީ ރައީސް ނަޝީދު ކަމަށްވެސް ސައީދު ތުހުމަތުކުރެއްވި އެވެ.

"ވާބިރުގަންނަވަން ޖަބުރޯލް ގަހަށް ނަގާ، ހެދުން ލައްވާފައި ނަގާ މާއްޔެކޭ މިއަދު ޝަރުއީ ނިޒާމުގެ މައްޗަށް މަނިކުފާނެކޭ ތަފާތެއް ނެތް. މުޑުދާރު. ޖޭއެސްސީ ދެ ޖީބަށް ލައްވައިގެން ޖޭއެސްސީ ފާކޭޓަށް ލައްވައިގެން ކޮން ފަދަ ހުތުރު ކަމެއްތޯ މިކުރައްވަނީ،" ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ގޮނޑިތައް ކާމިޔާބު ކުރީ "އެޖެންޑާ 19" ތަފާތުވާނެ ކަމަށް ބުނެގެން ކަމަށެވެ. ނަމަވެސް ފެނުނު ތަފާތަކީ ކޮބައިތޯ ސައީދު ވަނީ މަޖިލީހުގެ ރައީސްއާ ސުވާލުކުރައްވާފަ އެވެ. ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރާނެ ކަމަށް ބުނި ނަމަވެސް މިސަރުކާރަށް ހަތަރުވީއިރު އެކަމާ ގުޅޭ އެއްވެސް ކަމެއް ކުރެވިފައި ނެތް ކަންވެސް ސައީދު ފާހަގަކުރެެއްވި އެވެ.

ސައީދު ވިދާޅުވީ މިދައުލަތުގެ ކަންކަން ގޯސްވެގެން ގޮސްފައި އޮތް މިންވަރުން ރައްޔިތުންގެ ކަންކަން ހައްލުކުރުމަށް ކިރިޔާވެސް އުއްމީދެއް އޮތީ ރައްޔިތުންގެ މަޖިލީހާ މެދު ކަމަަށެވެ. ނަމަވެސް އެ އުއްމީދުވެސް ގެއްލި މަޖިލިސް ވެސް މުޑުދާރުކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

"ފަނޑިޔާރުންނަށް ބިރު ދައްކަންވީމާ ޖޭއެސްސީ މުށުތެރެއަށް ލާންވީމާ ޑިމޮކްރަސީގެ ޗެމްޕިއަންގެ ހައިސިއްޔަތުން މަނިކުފާނު ތި އިންނަވަނީ ހަމަ އިވޭ ކަމަށްވެސް ނުހަދާ. އިވޭ ކަމަށްވެސް ނުހަދާ. ފެންނަ ކަމަށްވެސް ނުހަދާ. ބޯމަތީގައި އިސްތަށިފުޅު މަތީގައި ވައަމުރަހުމް ޝޫރާ ބައިނަހުމް ޖައްސަވައިގެން. ލަދު ހަޔާތް ކޮބައިތޯ؟ މިއީތޯ މަޖިލިސް ހިންގަންޖެހޭ ގޮތަކީ؟ މިއީތޯ މި ގައުމު ހިންގަންޖެހޭ ގޮތަކީ؟ ފަނޑިޔާރުން އެތިބީ ބިރުން. ފަނޑިޔާރުން އެތިބީ ފިއްކަޑައިގެން ގޮސްފައި ތިޔަ ގެންނަވާ އިސްލާހުން،" ސައީދު ވިދާޅުވި އެވެ.

ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވުމަށްފަހު ސައީދު އިށީދެވަޑައިގަތުމުން ރައީސް ނަޝީދު ވަނީ ވަރަށް ބޮޑަށް ހިނިފުޅުވަޑުވާފަ އެވެ. އެކަމަކު ސައީދުގެ ވާހަކަތަކަށް ރައްދު ދެއްވުމުގެ ގޮތުން އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.