ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ގާނޫނުއަސާސީއާ ހިލާފުވެފައިވާ ކަމަށް ތުހުމަތުކޮށް އެ މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށް ޕީޕީއެމް / ޕީއެންސީގެ ޕީޖީ ގްރޫޕުން ބުނެފި އެވެ.
ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާރިރާގެ މެމްބަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން މި އަހަރަށް ފާސް ކޮށްދީފައިވާ ބަޖެޓުން ހަރަދުތައް ހަމަނުޖެއްސިގެން އިތުރު ހަރަދުތައް ހަމަޖައްސަން 2.24 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅާފައިވަނީ އެ ފައިސާ ހަރަދު ކުރުމަށް ފަހު ކަމަށެވެ. މިއަހަރަށް ފާސްކުރި 34.9 ބިލިއަން ރުފިޔާގެ ބަޖެޓު ހުސް ކުރުމަށް ފަހު ސަޕްލިމެންޓަރީ ބަޖެޓު ހުށަހެޅުމުގެ ކުރިން ދެ ބިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
"ހުއްދަ ނުދޭ ހަރަދެއް ކޮށްފައިވާކަން އެނގުނީ ބަޖެޓު މަޖިލީހަށް ހުށަހެޅުމުން،" ޝިޔާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެގޮތަށް އަމަލު ކޮށްފައި އެވަނީ ގާނޫނުއަސާސީގެ 96 ވަނަ މާއްދާގެ (ނ) އާ ހިލާފަށް ކަމަށެވެ. އަހަރީ ބަޖެޓާ ބެހޭ މާއްދާގެ (ނ) ގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ހުއްދަ ލިބިގެން ނޫނީ މަޖިލީހުން ފާސްކުރާ ބަޖެޓުގައި ކަނޑައަޅާފައިވާ ފައިސާގެ އިތުރަށް ދައުލަތުން ހަރަދު ކޮށްގެން ނުވާނެ ކަމަށެވެ. އަދި ބަޖެޓުގައި ވަކި ކަމަކަށް ފައިސާ ކަނޑައަޅައިފައި ވާނަމަ ފައިސާ ހަރަދު ކުރަން ވާނީ ސީދާ އެކަމަކަށް ކަމަށް ވެސް ބުނެފައިވެ އެވެ.
"ޕީއެސްއައިޕީގައި ޖެހި ހަ ބިލިއަން ރުފިޔާގެ 50 ޕަސެންޓް ވެސް ހޭދަ ނުކުރޭ. މީ ރައްޔިތުންނާ ގުޅުންހުރި ކަންތަކުގެ ވާހަކަ އަޅުގަނޑު މި ދައްކަނީ. 50 ޕަސެންޓް ވެސް ހޭދަނުކޮށް އަނެއްކާ ދެ ބިލިއަން ރުފިޔާ އިތުރު ކުރަން ގެނެސްފި. އެ ދެ ބިލިއަން ރުފިޔާ ހަރަދު ކުރާނެ ގޮތެއް ނެތް ހަރަދު ކޮށްފަ އޮތީ. އެހެންވެގެން މި ދެންނެވީ ގާނޫނު އަސާސީއާ ހިލާފަށް އެކަން ކޮށްފަ އޮތް ވާހަކަ،"
ޝިޔާމް ވިދާޅުވީ ގާނޫނާ ހިލާފަށް މިނިސްޓަރު އަމަލުކޮށްފައި ވާތީ މަޖިލީހުގެ އެކަމާ ގުޅުން ހުރި ކޮމެޓީއަށާއި އަދި ޝަރުއީ ކޯޓަށް ވެސް މައްސަލަ ހުށަހަޅާނެ ކަމަށެވެ.
"މިއީ ދިވެހި ރައްޔިތުންގެ ހައްގުގައި ހުށަހަޅަން ޖެހޭނެ މައްސަލައެއް،" ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވި ގޮތުގައި މިދިޔަ އަހަރު ބަޖެޓު ހުށަހެޅިއިރު ޖަހާފައި އޮތީ ހަ ބިލިއަން ރުފިޔާގެ ޑެފިސިޓެވެ. އެކަމަކު އަހަރު ނިމުނުއިރު 15 ބިލިއަން ރުފިޔާގެ ދަރަނި އޮތް ކަމަށް ޝިޔާމް ގަބޫލުކުރައްވަ އެވެ. މިއަހަރުގެ މިހާތަނަށް 12.6 ބިލިއަން ރުފިޔާގެ ދަރަނި އެބަ އޮތް ކަމަށާއި އަހަރު ނިމޭއިރު 15 ބިލިއަނަށް ވުރެ ދަރަނީގެ އަދަދު ބޮޑުވާނެ ކަމަށް ޔަގީންކުރެވޭ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
އަންނަ އަހަރަށް ހުށަހެޅި ދައުލަތުގެ ބަޖެޓުގައި ބޮޑެތި ކަންބޮޑުވުންތަކެއް ހުއްޓައި ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅައި އަނެއްކާ އޭގެ މައްޗަށް އޯވާޑްރޯ އިތުރުކުރާ އިސްލާހު ވެއްދުމުން އިދިކޮޅުން ވަނީ ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް ސަރުކާރަށް އަމާޒުކޮށްފަ އެވެ. ސަޕްލިމެންޓްރީ ބަޖެޓެއް މަޖިލީހަށް ހުށަހަޅާފައިވަނީ ވަގަށް ކަމަށް ވެސް ޝިޔާމް ތުހުމަތުކުރެއްވި އެވެ.
"އެ ފައިސާ [އޯވާޑްރޯ] ދައްކަން ޖެހޭނެ 91 ދުވަސް ތެރޭގައި. އެހެންނަމަވެސް ކިތައް އަހަރުތޯ މިވީ 2020 ވަނަ އަހަރުގެ އެޕްރީލް 26 އިން ފެށިގެން 2022 ވަނަ އަހަރަށް ދަންމާލަން އެ އުޅެނީ. އަނެއްކާ މިހާރު ނެގި ފައިސާ 50 އަހަރަށް. މިއީ ދަރިންގެ ދަރިންގެ ބޮލުގައި މި ދަރަނި އެޅުވުން. ދެ ބިލިއަން ރުފިޔާ މި އަޅުވަނީ އަނެއްކާ މި ސަރުކާރުން އުފައްދާ 64 ބިލިއަން ރުފިޔާއާ އެކީގައި. މި ފައިސާއެއް ހަރަދެއް ނުކުރެވޭނެ މީހުންނަށް މުސާރަދޭކަށް އަދި ބަދަލުދޭކަށް ވެސް. މީ ނޫންތޯ މިމީހުން މިކުރާ ކަމަކީ،" ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމް އިތުރަށް ވިދާޅުވީ ދައުލަތުގެ ހަރަދަށް ޒިިންމާވުމުގެ ގާނޫނުން ސަސްޕެންޑް ކުރި މާއްދާތަކުގައި އޯވަޑްރޯ ކުރެވޭނެ ލިމިޓެއް އޮންނަ ކަމަށެވެ. އެގޮތުން ހަރަދަށް ޒިންމާވުމުގެ ގާނޫނުގައިވާ ގޮތުން ދައުލަތުގެ ބަޖެޓުގެ އިތުރަށް ހަރަދުކުރަން ނެގޭނީ ދައުލަތުގެ ތިން އަހަރުގެ އާމްދަނީގެ އެވްރެޖްގެ ވަކި ޕަސެންޓެކެވެ. އެ މިންވަރަކީ 183 މިލިއަން ރުފިޔާކަން ފާހަގަކުރައްވައި ޝިޔާމް ވިދާޅުވީ އެ މާއްދާތައް ސަސްޕެންޑްކޮށްގެން ވަކި ލިމިޓެއް ނެތި މިނިސްޓަރު އަމީރު ބޭނުން ވަރަކަށް ފައިސާ ނެގުމަށް ކުރާ މަސައްކަތް ހުއްޓުވަން ޖެހޭ ކަމަށެވެ.
ދައުލަތުގެ ހަރަަދަށް ޒިންމާވުމުގެ ގާނޫނުގައި ބަޔާން ކޮށްފައިވާ ހަމަތަކާއި އުސޫލުތަކަށް އަމަލުކުރުމުގެ ބައެއް މާއްދާތައް އިސްތިސްނާކޮށް އޯވަޑްރޯ ފެސިލިޓީ، ފައިސާ ޗާޕްކުރުމުގެ މުއްދަތު އިތުުރު ކުރަން ހުށަހެޅި މައްސަލާގައި ވެސް އިދިކޮޅު މެމްބަރުން ވަނީ މަޖިލީހުގެ ތަޅުމުގައި ވެސް ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.