ކޮވިޑް-19 އިގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ އިގުތިސޯދީ ނިކަމެތި ހާލަތު ގަބޫލުކޮށް، އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓު އަނބުރާ ގެންގޮސް، އެއަށް ވުރެ ހަރަދު ކުޑަ ބަޖެޓެއް އަލުން ހުށަހެޅުމަށް މަޖިލީހުގެ މައިނޯރިޓީ ލީޑަރު، ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) މިއަދު ގޮވާލައްވައިފި އެވެ.
އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ 34.7 ބިލިއަން ރުފިޔާގެ ބަޖެޓުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ މިފަދަ ހަރަދު ބޮޑު ބަޖެޓެއް މި ދަނޑިވަޅުގައި ފާސް ކުރަން އިދިކޮޅަށް ތާއީދުކުރެވެން ނެތް ކަމަށެވެ.
މަޖިލީހުގެ ބަޖެޓް ދިރާސާ ކުރާ ކޮމިޓީއަށް މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ އިތުރުން އޮޑިޓާ ޖެނެރަލްގެ އޮފީހުން ދީފައިވާ ލަފާގައި ފާޅުކޮށްފައިވާ ކަންބޮޑުވުންތަކަށް އިޝާރާތް ކުރައްވަމުން، ސަލީމް ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ދަށްވުމުގެ ސަބަބުން ރައްޔިތުުންގެ މާލީ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށެވެ.
މިފަދަ ދަނޑިވަޅެއްގައި ބިޔަ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ބަޖެޓް ކުރަން ރަނގަޅު ނުވާނެ ކަމަށާއި މުޅި ބަޖެޓް ބިނާ ކުރަން ވާނީ މި ހާލަތުން ރައްޔިތުން ސަލާމަތް ކޮށްދިނުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ދަންނަވާލާނީ ބަޖެޓް އަނބުރާ ގެންދާށޭ، ގެންގޮސް 25 ބިލިއަން ރުފިޔާއަށް، 24 ބިލިއަންއަށް ވިޔަސް ކުޑަކޮށްފައި ގެންނާށޭ. 20 ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެއް ކަމަކު ނުދާނެ، ރައްޔިތުންގެ ހާލަތު ދަށްވާނެ، މަޝްރޫއުތައް މަޑުޖައްސާލަން ޖެހުނު ދުވަސް އައިމަ އެ ކަން ގަބޫލުކުރަން ވާނެ،" ސަރުކާރަށް ފައިސާގެ ކަންކަން ރަނގަޅަށް މެނޭޖު ނުކުރެވޭކަމަށް ތުހުމަތު ކުރައްވަމުން، ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ސަލީމް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރަށް ގޮވާލެއްވި އެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން 34.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައިވާއިރު، އާމްދަނީ އާއި ހިލޭއެހީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރަނީ 17.8 ބިލިއަން ރުފިޔާ އެވެ.
އަންނަ އަހަރު 33.3 ބިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް ބެލެވޭއިރު، އަންނަ އަހަރަށް ހުށަހަޅާ ބަޖެޓަކީ 15.5 ބިލިއަން ރުފިޔާއިން ޑެފިސިޓް ބަޖެޓެކެވެ.
ނަމަވެސް، އެއީ މިފަދަ ދަނޑިވަޅެއްގައި ކޮންމެހެން ކުރަންޖެހޭ ހަރަދުތަކެއް ކަމާއި، އިގުތިސޯދު އަލުން ކޮޅަށް ޖެހުމަށް މަޝްރޫއުތައް ހިންގަންޖެހޭކަން، މިހާތަނަށް ބަހުސްގައި ވާހަކަ ދެއްކެވި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ މެންބަރުން ވަނީ ވިދާޅުވެ، ބަޖެޓަށް މަޖިލިސް ކޮންޓްރޯލް ކުރާ އެމްޑީޕީގެ ތާއީދުއޮތް ކަން ހާމަކުރައްވައިފަ އެވެ.