ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކުޅިވަރު

އިނގިރޭސި ދަށް ޑިވިޝިންގެ ކުލަބުތައް ބައިބައިވެއްޖެ

ލީގް ކުރިއަށް ގެންދާނީތޯ ނުވަތަ ހުއްޓާލާނީތޯ، ނިންމުމުގައި އިނގިރޭސި ދަށް ޑިވިޝަންގެ ކުލަބުތައް ހިޔާލު ތަފާތު ވެއްޖެ އެވެ.

އިނގިރޭސި، ލީގް އެކެއް އަދި ލީގް ދޭއްގެ ކުލަބުތަކުގެ މެދުގައި ހިޔާލުތަފާތުވުން އުފެދިފައި ވުމުން، ސީޒަން ކުރިއަށް ގެންދާނީތޯ ކަނޑައަޅަން ކުލަބުތަކުގެ ކޮންފަރެންސް ކޯލް ބައްދަލުވުމަކަށް ވަނީ ގޮވާލާފަ އެވެ.

އިނގިރޭސި ދަށް ޑިވިޝަންގެ ބައެއް ކުލަބުތަކަކީ، މާލީ ގޮތުން މާ ވަރުގަދަ ކުލަބުތަކެއް ނޫނެވެ. އެ ފަދަ ކުލަބުތަކުން ސީޒަން ކުރިއަށް ގެންދާކަށް ބޭނުމެއް ނޫނެވެ. މެޗުތައް އަލުން ފެށިޔަސް ކުޅެން ޖެހޭނީ ސަޕޯޓަރުން ނުވައްދަ އެވެ. އެހެންވެ ގޭޓް ފައިސާގެ ގޮތުގައި ލިބެންޖެހޭ ފައިސާ ނުލިބޭނެތީވެސް، މެޗުތައް ކުރިއަށް ގެންދަން އެފަދަ ބައެއް ކުލަބުތަކުގެ ވެރިން ބޭނުމެއް ނުވެ އެވެ. އެއީ މެޗު ކުޅޭނަމަ، އެއްޗެއް ނުލިބި އަތުން އިތުރަށް ފައިސާ ހަރަދު ވާނެތީވެސް މެއެވެ.

އެހެންނަަމަވެސް، ލީގް ހުއްޓާލައިފިނަމަ އެހެން ބިރެއް އެބައޮތެވެ. އެއީ ބްރާޑްކާސްޓަރަށް ބަދަލެއްގެ ގޮތުގައި 50 މިލިއަން ދައްކަން ޖެހުމެވެ. މިއީ ޕްރިމިއާ ލީގް ހުއްޓާލައިފިނަމަ ދައްކަން ޖެހޭ އަދަދަށްވުރެ އެތައް ގުނަ އަކުން ކުޑަ އަދަދެކެވެ.

ލީގް ކުރިއަށް ގެންދަން ބޭނުންވާ ކުލަބުތަކުން ބުނަނީ، 50 މިލިއަން ދައްކަން ޖެހުނަސް ތިން ވަނަ ޑިވިޝަނާއި ހަތަރު ވަނަ ޑިވިޝަނަށް އެއީ ބޮޑު އެއްޗަކަށް ވާނެ ކަމަށެވެ. އެކަމާ ދެކޮޅަށް ވާހަކަ ދައްކާ ކުލަބުތަކުގެ ހިޔާލަކީ، ސްކައި ބްރޮޑްކާސްޓިން އާ ވާހަކަ ދައްކައިގެން އެކަމަށް ދީލަތި ގޮތެއް ހޯދަން މަސައްކަތް ކުރުމެވެ.

ލީގް ކުރިއަށް ގެންދަން ބޭނުންވާ ބައެއް ކުލަބުތަކުން ބުނެފައި ވަނީ، ލީގްގްގެ ހަމަހަމަކަން ދެމެހެއްޓުމަށްޓަކައިވެސް ލީގް ކުރިއަށް ގެންދަން ޖެހޭނެ ކަމަށެވެ.