ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ޕޮޒިޓިވްވި މީހުންގެތެރޭ ބީއޯސީއާ އެމްއެޗްއޭގެ ސްޓާފުން

Apr 21, 2020

މިއަދު މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި އެމްއެޗްއޭ ފިހާރައިގެ އިތުރުން ބޭންކް އޮފް ސިލޯން (ބީއޯސީ) ގައި މަސައްކަތް ކުރާ އިތުރު މުވައްޒަފަކު ހިމެނޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފި އެވެ.

ނެޝަނަލް އެމަޖެންސީ އޮޕްރޭޝަން ސެންޓަރު (އެންއީއޯސީ) އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މިއަދުގެ މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި 17 މީހުންގެ ތެރޭގައި، އެމްއެޗްއޭގެ މުވައްޒަފަކު ހިމެނޭ ކަމަށެވެ. އަދި އޭނާގެ އާއިލާގެ ދެ މީހަކު ވެސް އެ ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ،

އޭގެ އިތުރުން މިއަދުގެ ކޭސްތަކުގެ ތެރޭގައި ކުރިން ޕޮޒިޓިވްވި ބީއޯސީގެ މުވައްޒަފަކާ އެކުގައި މަސައްކަތްކުރާ އެހެން މުވައްޒަފެއްވެސް އެ ބައްޔަށް ޕޮޒިޓިވްވެފައިވާކަމަށް ޑރ. އަފްޒަލް ވިދާޅުވި އެވެ. އަދި މިއަދު ޕޮޒިޓިވްވި ކޭސްތަކުގެ ކޮންޓެކްޓް ޓްރޭސިންގް މަސައްކަތް ވަނީ ފަށާފަ އެވެ.

ކޮންޓެކްޓް ޓްރޭސިންގައި އާއްމުކޮށް އެންމެ ފުރަތަމަ ބަލަނީ ސީދާ ބައްދަލުވި މީހުނެވެ. އެގޮތުން، ކޮވިޑް-19 އަށް މީގެ ކުރިން ޕޮޒިޓިވްވި މީހުނާއެކު، މާފަންނުގައި ހުންނަ އިހުސާނު ފިހާރައިގެ އިތުރުން ބާޒާރު މަތީގައި ހުންނަ ލިލީގެ ފިހާރައަށް ބައެއް ދުވަސް މަތިން ދިއަ މީހުން ވެސް އެޗްޕީއޭއަށް އަންގަން އެދިފައިވެ އެވެ.

މުޅި ރާއްޖޭގައި މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 83 އަށް އަރައިފަ އެވެ.