ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ ބަލާއާފާތް

ކޮވިޑަށް ޕޮޒިޓިވް 240 މީހަކު ނުގެންދެވި ގޭގައި އެބަ ތިބި

Aug 9, 2020
1

ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރެއިން 240 މީހަކު އައިސޮލޭޝަން ފެސިލިޓީތަކަށް ނުގެންދެވި ގޭގައި އެބަ ތިބި ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒުލާ ރަފީގް ވިދާޅުވީ، އައިސޮލޭޝަން ފެސިލިޓީތަކަށް އެ މީހުން ނުގެންދެވިފައި ވަނީ ތަފާތު އެކި ސަބަބުތައް މެދުވެރިވެގެން ކަމަށެވެ. އޭގެ ތެރޭގައި މަންމަ ޕޮޒިޓިވް ވުމުން ދަރިފުޅު އެކަނި ބަހައްޓާފައި ނުދާން ތިބި މީހުނާއި، ދަރިފުޅު ޕޮޒިޓިވް ވުމުން މައިންބަފައިންގެ ޓެސްޓްގެ ނަތީޖާ ލިބެން ދެން މަޑުކޮށްގެން ތިބި މީހުން ހިމެނެ އެވެ. އާއިލާގެ އެހެން މީހުން ތިބި ފެސިލިޓީއަކަށް ދާން މަޑުކޮށްގެން ތިބި މީހުން ވެސް ހިމެނޭ ކަމަށެވެ.

ނަޒުލާ ވިދާޅުވީ، އެ އެންމެން ވެސް ވަރަށް އަވަހަށް ފެސިލިޓީތަކަށް ގެންދެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެ ގޮތުން ކޮންމެ ދުވަހަކު ވެސް ފެސިލިޓީތަކަށް ނުގެންދެވި ތިބި މީހުންގެ ތެރެއިން ގެންދަން އިސްކަން ދޭން ޖެހޭ މީހުން އެ ތަންތަނަށް ބަދަލު ކުރުމުގެ މަސައްކަތް ކުރެވޭ ކަމަށް ނަޒުލާ ވިދާޅުވި އެވެ.

ކޮވިޑަށް ފަރުވާ ދިނުމަށް މިހާތަނަށް ނުވަ ރިސޯޓެއްގައި ކަރަންޓީނު ފެސިލިޓީތައް ގާއިމުކޮށްފައިވެ އެވެ. އޭގެ ތެރޭގައި ބަނޑޮހާއި އެރިޔަދޫއާއި ފަން އައިލެންޑް އާއި ރޯޔަލް އައިލެންޑް އާއި މެދުފުއްޓާ ފިލިތެޔޮ ވެސް ހިމެނެ އެވެ. އަތޮޅުތަކުގެ އެހެން ބައެއް ރިސޯޓުތަކާއި މަރުކަޒުތަކުގައި ވެސް ފަރުވާދެވޭ ގޮތް ހަމަޖައްސާފައިވެ އެވެ.

ކޮވިޑަށް ފަރުވާ ދޭން ހާއްސަކޮށް ހުޅުމާލޭގައި ގާއިމުކޮށްފައިވާ މެޑިކަލް ފެސިލިޓީގައި ވެސް 250 މީހުންގެ ޖާގަ އޮވެ އެވެ. އަދި މި ބަލީގައި ހާލު ބޮޑުވާ މީހުނަށް ފަރުވާ ދޭން ދަރުމަވަންތަ ހޮސްޕިޓަލް (ޑީއެޗް) ގައި ވެސް 16 އެނދެއް ހަމަޖައްސާފައި ވެއެވެ.

ކޮވިޑަށް ފަރުވާ ދޭ ފެސިލިޓީތަކުގައި މި ވަގުތު 140 އަށް ވުރެ ގިނަ މީހުން އެޑްމިޓްކޮށްފައި އެބަ ތިއްބެވެ. ރާއްޖޭން ކޮވިޑް ޖެހިފައިވާ މީހުންގެ 4،700 އަށް ވުރެ މަތިވެފައިވާއިރު ކޮންމެ ދުވަހަކު ވެސް ގިނަ އަދަދެއްގެ މީހުން ބަލި ޖެހެމުން ދެ އެވެ. މިހާތަނަށް ރާއްޖޭން 19 މީހަކު މި ބަލީގައި މަރުވެފައި ވެއެވެ.