ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި 76، 77 އަދި 78 ވަނަ މީހާއާ ގުޅުންހުރި ދެ ހަބެއް ފާހަގަ ކުރެވިފައިވާ ކަމަށާ އެމީހުނާ ކޮންޓެކްޓްވި މީހުންގެ އަދަދު 640 އަށް އަރާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއައިއޯސީ) އިން ބުނެފި އެވެ.
ކޮވިޑް-19 އިގެ އެންމެ ފަހުގެ މައުލޫމާތު ހާމަ ކުރަން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މިއަދުގެ މިހާތަނަށް ފެނުނު 17 ކޭހާ ގުޅިގެން ވަރަށް ގިނަ ކޮންޓެކްޓް ޓްރޭސިން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
އޭގެ ތެރެއިން ވެސް 76، 77 އަދި 78 އާ ގުޅިގެން ޓްރޭސް ކުރި އިރު ބޮޑު ދެ ހަބެއް ފާހަގަ ކުރެވިފައިވާ ކަމަށާ އެ ދެ ހަބްގައި އުޅޭ މީހުންނަށް ބަލާއިރު 50 މީހުނާއި 640 އާ ދެމެދުގެ އަދަދަކަށް މީހުން އުޅޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މި ކޭސްތަކާ ގުޅުންހުރި ދެ ހަބެއް ފެނިފައިވޭ. އެހެންވީމަ މި ހަބްތަކުގައި އުޅޭ މީހުންނަށް ބަލާއިރު 50 މީހުންނާ 640 މީހުންނާ އެބަ އުޅޭ. މިއީ ފުދޭވަރަކަށް ބޮޑު ކޮންޓެކްޓް ހަބަކަށް ވެގެން ދާނެ."
އަދިވެސް އެ މީހުންނާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް އަފްޒަލް ވިދާޅުވި އެވެ.
ނޫސްވެރިންގެ ބައްދަލްވުމުގައި އަފްޒަލް ވަނީ މިއަދު ފެނުނު އެެހެން ކޭސްތަކާއި ގުޅިގެން މިހާތަނަށް ފާހަގަ ކުރެވިފައިވާ އަދަދުތައް ވެސް ހިއްސާ ކުރައްވާފަ އެވެ. އެގޮތުން 68 ވަނައަށް ޕޮޒިޓިވްވި ބަންގްލަދޭސްގެ މީހާއާ ކޮންޓެކްޓްވި އަށް މީހަކާއި، 69 ވަނައަށް ޕޮޒިޓިވްވި ސިފައިންގެ މީހާއާ ގުޅިގެން 41 ކޮންޓެކްޓެއް ފާހަގަ ކުރެއްވި އެވެ.
އަދި ކޭސް 70، 71، 72 އަކާއި ގުޅިގެން 34 މީހަކު ފާހަގަ ކުރެވިފައިވާއިރު 73 ވަނައަށް ޕޮޒިޓިވްވި މީހާއާ ގުޅިގެން ހަތަރު މީހަކު ފާހަގަ ކުރެވިފައިވާ ކަމަށް ވެސް އަފްޒަލް ވިދާޅުވި އެވެ. އެ މީހާއަކީ 78 ވަނައަށް ޕޮޒިޓިވްވި މީހާއާ އެއް ލޯންޗަކުން ދަތުރުކުރި މީހެކެވެ.
މީގެ އިތުރުން ކޭސް 79 ކޮންޓެކްޓްވި 31 މީހަކާއި، ކޭސް 80 އާ ކޮންޓެކްޓްވި 14 މީހަކު ވަނީ ފާހަގަ ކުރެވިފަ އެވެ. ކޭސް 79 އަކީ ޑެންޓަލް ކެއެއްގައި މަސައްކަތް ކުރާ މީހެކެވެ. އަދި ކޭސް 80 އަކީ ބޭންކް އޮފް ސިލޯނުގައި މަސަކަތް ކުރާ މީހެކެވެ. އަފްޒަލް ވިދާޅުވީ ކޭސް 81 އާ ކޮންޓެކްޓްވި 20 މީހަކާ، ކޭސް 83 އާ ކޮންޓެކްވި 15 މީހެއްގެ އިތުރުން 84 ކޮންޓެކްޓްވި ހަތަރު މީހަކު ފާހަގަ ކުރެވިފައިވާ ކަމަށެވެ.
މީގެ ތެރެއިން 82 ވަނައަށް ޕޮޒިޓިވްވެފައި ވަނީ ކުޑަކުއްޖެކެވެ. އަދި 83 ވަނައަށް ޕޮޒިޓިވްވީ ބިދޭސީއެކެވެ.
އެހެން ކަމުން މިއަދުގެ 17 ކޭހުގެ ޓްރޭސިން ހެދިއިރު 181 ކޮންޓެކްޓް ވަނީ ފެނިފައެވެ. އެއީ މައި ދެ ހަބު ނުހިމަނަ އެވެ.