ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އަބްދުﷲ ނާޒިމް އިބްރާހިމް

ކޮވިޑް ކޮންޓްރޯލް ކުރަން ސަރުކާރު ވަނީ ފެއިލްވެފައި: ނާޒިމް

ކޮވިޑް-19 އިގެ ބަލިމަޑުކަން ކޮންޓްރޯލް ކުރަން ދިވެހި ސިއްހީ ހިދުމަތްތެރިން ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން ގެންދާ ކަމަށާއި ނަމަވެސް އެ ބަލި ކޮންޓްރޯލްކޮށް ކޮންޓެއިން ކުރުމުގައި މި ސަރުކާރުގެ ލީޑާޝިޕް ފެއިލް ވެފައިވާ ކަމަށް ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

"ދިވެހި ޗެނަލް" ގެ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން ނާޒިމް ވިދާޅުވި ކޮވިޑްގެ ބަލިމަޑުކަން ކޮންޓްރޯލްކޮށް ހިފެހެއްޓުމަށް ހަމައެކަނި ސިއްހީ ހިދުމަތްތެރީން މަސައްކަތް ކޮށްގެން ކާމިޔާބު ނުވާނެ ކަމަށެވެ. އެ ކަމަށް ސަރުކާރުގެ ލީޑާޝިޕާއި ރައްޔިތުންގެ މަޖިލީހުގެ ގާނޫނީ މަސައްކަތް މުހިއްމުވާ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

"ކޮވިޑްއިން އަރައިގަތުމަށް އޮތް އެންމެ މުހިއްމު އެއް ހަތިޔާރަކީ ލީޑާޝިޕްގައި ހުރި ސްޓްރެންތު، އެ ލީޑާޝިޕުން ދައްކާ މަގު. ލީޑަޝިޕުން މި ކަމަށްޓަކައި އަޅާ ފިޔަވަޅުތައް. ހަމައެކަނި ސިއްހީ ހިދުމަތްތެރީން ކުރާ މަސައްކަތަކުން މި ކަމުން އަރައިގަނެވޭކަށް ނެތް." ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ވަޒީރު ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ، ސަރުކާރުން ކޮވިޑް ބައްޔާ ގުޅޭ ގޮތުން ފިޔަވަޅުތައް އެޅުމާއި މަސައްކަތްތައް ކޮށްފައި ވަނީ ވަރަށް ބޮޑަށް ސިޔާސީ މޭރުމަކުން ކަމަށާއި ވަޒީރުން ވެސް ފުރަތަމަ ވިދާޅުވަމުން ގެންދެވީ އެންމެ ދަތި ހާލަތަށް ވެސް ތައްޔާރުވެފައި އޮތް ކަމަށް ކަމަށެވެ.

ނަމަވެސް ބަލި އިތުރު ވަމުން ގޮސް ހަތަރު ހާސް މީހުނަށް ޑައިރެކްޓް ވެފަ އޮތުމާއި ދުއިސައްތަ މީހުން އައިސޮލޭޝަންއަށް ނުގެންދެވި އޮތް ކަން މިހާރު މީޑިއާ މެދުވެރިކޮށް ތިލަވެފައިވާ ކަމަށާއި އެހެންކަމުން މިހާރު މި އޮތީ ބަލި ކޮންޓްރޯލުން ނައްޓާ ހިސާބަށް ގޮސްފައި ކަމަށެވެ.

"ވަރަށް ބޮޑަށް ސިޔާސީ މޭރުމަކުން މި ކަމަށް އެންމެ ފުރަތަމަ ވެސް ފިޔަވަޅުތައް އެޅީ. ސަރުކާރުގެ ބައެއް ވަޒީރުން ވިދާޅުވަމުން ގެންދެވި އެންމެ ދަތި ހާލަތަށް ވެސް މި ތިއްބެވީ ތައްޔާރު ވެގެން ކަމަށް. ފްލޯޓިން ހޮސްޕިޓަލް ބަހައްޓާ ވާހަކަ ވެސް، އެކަމަކު މި ހާލަތަށް އައިރު އައިސޮލޭޓް ވެސް ނުކުރެވިގެން މި އުޅެނީ،" ނާޒިމް ވިދާޅުވި އެވެ.

އެޗްޕީއޭގެ އިރުޝާދުތަކަށް ސަރުކާރުގެ ބައެއް މުއައްސަސާތަކުން އަމަލުކޮށްފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ ގޮތުން ފާހަގަ ކުރެއްވީ ވެރިކަން ކުރާ އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުގެ ބައެއް އަމަލުތަކެވެ. މަޖިލީހުގެ މެންބަރުން ދެއްކެވި ބައެއް ވާހަކަތަކާއި ނިންމުންތަކަށް ވަރަށް ބޮޑަށް ފާޑުވެސް ވިދާޅުވެފައިވެ އެވެ.

"ރާއްޖެއަށް މި ބަލި އަތުވެދާނެ ކަމުގެ ބިރުވެރިކަން އުފެދުނު ހާލަތުގައި ރައްޔިތުންގެ މަޖިލީހުގައި މި ކަމާ ގުޅޭ ގޮތުން ދެކުވުނު ވާހަކަތައް. އެއީ ޖޯކަކަށް ހައްދަވައިގެން އެއީ ސީރިއަސް ކަމެއް ނޫން ކަމަށް ބައެއް މެންބަރުން ދެއްކެވި ވާހަކަތައް އެއީ ދައުލަތެއްގެ މަޖިލީހުގެ ފަރާތުން އެއް ގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން،" ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ ދައުލަތުގެ އެންމެ މުހިއްމު އެއް މުއައްސަސާ ކަމުގައި މަޖިލީހުން އެޗްޕީއޭގެ އިރުޝާދުތަކަށް އަމަލުނުކުރާނަމަ، ރައްޔިތުން ވެސް އަމަލުކޮށް ފިޔަވަޅުތައް ގެންދިއުމަކީ އުނދަގޫ ކަމަކަށް ވާނެ ކަމަށެވެ. މަޖިލީހުގެ ބައެއް މެންބަރުން ދެއްކެވި ވާހަކަތައް ސަރުކާރުން ހުއްޓުވާފައި ނުވާ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

"ބަލި ފެތުރެން ފެށި ފަހުން އެޗްޕީއޭގެ ބައެއް އިރުޝާދުތަކަށް ރައްޔިތުންގެ މަޖިލީހުން ގޮން ޖެއްސި. މެންބަރުންނަށް މައުލޫމާތު ސާފު ނުވެގެން ދެއްކި ވާހަކަތަކަށް ވެސް ވެދާނެ. ސަރުކާރުން އެކަމަކު އެއިން ވާހަކައެއް ނުހުއްޓުވާ. އެ ކަމުގައި ލީޑާޝިޕް ނަގަން ސަރުކާރު ފެއިލް ވެފައި އޮތީ." ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ ކޮވިޑްގެ ބަލި ކޮންޓްރޯލް ކުރުމަށް ދެން ވެސް ހުރިހާ މުއައްސަސާއަކުން އެއް މިސްރާބަކަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. ސިއްހީ ހިދުމަތްތެރީން ކުރާ މަސައްކަތްތަކަށް ސަރުކާރުން އެއްބާރުލުންދީގެން، ސަރުކާރުގެ ލީޑާޝިޕް ދައްކައިގެން ނޫނީ މައްސަލައަށް އެދެވޭ ހައްލެއް ނުލިބޭނެ ކަމަށެވެ.