ކޮވިޑް-19 އާ ގުޅިގެން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް، އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން 28.9 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 445 މިލިއަން ރުފިޔާ) ލޯނުގެ ގޮތުގައި ދޭން ނިންމައިފި އެވެ.
އައިއެމްއެފް އިން މި ފަހަރު ރާއްޖެ އަށް ދޭން ނިންމާފައިވަނީ އެހީއަކީ ރެޕިޑް ކްރިޑިޓް ފެސިލިޓީގެ ދަށުން ދޭ އެހީއެެކެވެ. އެ ފެސިލިޓީގެ ހަމައެކަނި ޝަރުތަކީ އެ ލިބޭ އަދަދު އަނބުރާ ދެއްކުމެވެ.
ޖަމިއްޔާ އިން ބުނި މި ފައިސާ ދޭނީ ސަރުކާރުން މި ވަގުތަށް ބޭނުންވާ ހަރަދުތައް ކުރުމާއި ދައުލަތުގެ ހަރަދުތައް ބެލެހެއްޓުމަށެވެ. މި އެހީތެރިކަން ދޭން ނިންމައި އެ ޖަމިއްޔާ އިން ބުނެފައިވާ ގޮތުގައި ރާއްޖޭގައި ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ޓޫރިޒަމް ދަށްވެ، ރާއްޖެއަށް ގެންލުން ވަމުންދެ އެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސޯދަށް ލިބެމުންދާ ގެއްލުންތައް ކުޑަ ކުރުމަށްޓަކައި އެހީގެ ގޮތުގައި ވޯލްޑް ބޭންކުން ވެސް ވަނީ 10 މިލިއަން ޑޮލަރު ދީފަ އެވެ. އީޔޫ އިން ވެސް ވަނީ ތިން މިލިއަން ޔޫރޯގެ އެހީއެއް ދީފައި ވެއެވެ.
ސަރުކާރުން ދަނީ ބޭރުގެ މާލީ 10 އިދާރާއަކުން 215 މިލިއަން ޑޮލަރު (3.3 ބިލިއަން ރުފިޔާ) ހޯދަން މަޝްވަރާ ކުރަމުންނެވެ.
ކޮވިޑް-19 އާ ގުޅިން މި އަހަރު ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާ ކުރެވިފައިވަނީ 12 ބިލިއަން ރުފިޔާ އެވެ. އަދި މި އަހަރު ރާއްޖޭގެ ޓޫރިޒަމް 50 ޕަސެންޓް ދަށް ވާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.