ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ލޯނުތައް ފަސްކުރަން އެދޭ ދެވަނަފުރުސަތު ހުޅުވާލައިފި

Sep 8, 2020

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ ލޯނާއި ފައިނޭންސިންގ އަށް ފައިސާދެއްކުން ދެވަނަ ފަހަރަށް ފަސްކުރުމަށް ހުޅުވާލާ ފުރުސަތުގެ ދަށުން މި މަހު ފައިސާ ދައްކަން ފަށަންޖެހޭ ކަސްޓަމަރުންނަށް އެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

ގައުމީ ބޭންކުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިއަދު ހުޅުވާލި ފުރުސަތު ލިބިގެންދާނީ މިހާރުވެސް ލޯނު ފަސްކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ކަސްޓަމަރުންނަށް ކަމަށެވެ.

އެގޮތުން އެ ބޭންކުގެ ވެބްސައިޓްގައިވާ މޮރަޓޯރިއަމް ޕޯޓަލް މެދުވެރިކޮށް ލޯނު އަނބުރާ ދެއްކުން ފަސްކޮށްދިނުމަށް ދެވަނަފަހަރަށް އެދި ހުށަހެޅޭނެކަމަށް ބީއެމްއެލުން ބުންޏެވެ.

"މި ޕޯޓަލްގައި ދެވަނަފަހަރަށް ފައިސާ ދެއްކުން ފަސްކޮށްދެވޭނެ ލޯނުގެ ތަފްސީލާއި ލޯނަށް ފައިސާ ދައްކަންޖެހޭ އަދަދުތައް ހިމެނހިފައިވާނެއެވެ،" ބަޔާނުގައިވެ އެވެ.

އަދި ދެވަނަ ފަހަރަށް ލޯނަށް އަނބުރާދައްކަން ޖެހޭ އަދަދުތަކުގެ ތަފްސީލް ފެންނާނެ ކަމަށާއި، ލޯނު އަނބުރާދެއްކުން ދެވަނަ ފަހަރަށް ފަސްކުރުމަށް އެދި ހުށަހަޅާ ހުށަހެޅުން އެޕްރޫވްވުމާއެކު ޑިސެމްބަރު މަހާ ހަމަޔަށް ބޭންކަށް އެއްވެސް ފައިސާ އެއް ދައްކަން ނުޖެހޭނެކަމަށް ބީއެމްއެލުން ބުނެފައިވެ އެވެ.

މީގެ އިތުރުން، އޮކްޓޯބަރު މަހާއި ނޮވެމްބަރު މަހު ފައިސާ ދައްކަން ފަށަންޖެހޭ ކަސްޓަމަރުންނަށް އެ ފުރުސަތު އޮކްޓޯބަރު 8 އަދި ނޮވެމްބަރު 8 ގައި ހުޅުވާލެވޭނެކަމަށް ބުންޏެވެ.

"ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް ނަގާފައިވާ ފައިނޭންސަށް ފައިސާދެއްކުން ފަސްކޮށްދިނުމަށް އެދި ދެވަނަފަހަރަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމުާ ބެހޭ މައުލޫމާތު ބޭންކުން ހާމަކުރާނެއެވެ،" ބަޔާނުގައިވެ އެވެ.

ބީއެމްއެލުން އިތުރަށް ބުނީ ލޯނަށް އަނބުރާދައްކަން ޖެހޭ ފައިސާ ފަސްކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ލޯނަށް ފައިސާ ދެއްކޭނެ ކަސްޓަމަރުން ދެވަނަ ފަހަރަށް ފައިސާދެއްކުން ފަސްކޮށްދިނުމަށް އެދި ކޮންމެހެން ހުށަހަޅަން ނުޖެހޭނެ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން އާންމުންނަށާއި ވިޔަފާރިތަކަށް ކުރިމަތިވި ދަތިތަކުން އަރައިގަތުމަށް އެހީވުމުގެ ގޮތުން، ލޯނާއި ފައިނޭންސިން އަށް ފައިސާ ދެއްކުން ފަސްކޮށް ދިނުމަށް ނިންމާފައި ވަނީ މިދިޔަ މާޗު މަހު އެވެ.

މި ގޮތުން ހުޅުވާލި އެ ފުރުސަތުގައި މިދިޔަ ޖުލައި މަހުގެ ނިޔަލަށް ޕާސަނަލް، ހައުސިން އަދި ވިޔަފާރި ލޯނާއި ފައިނޭންސް ހިމެނޭ ގޮތަށް 17،700 ލޯނު ހަ މަސް ދުވަހަށް ފަސްކޮށް ދިނުމަށް އެދި ހުށަހަޅާފައިވެ އެވެ.

ބީއެމްއެލް އިން ލޯނުތައް ފަސް ކޮށްދީފައިވާއިރު، އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ދޫކޮށްފައިވާ ހުރިހާ ލޯނު ތަކެއް މި އަހަރުގެ ނިޔަލަށް ފަސްކޮށްދޭން ވަނީ ނިންމައިފަ އެވެ.