ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ވިޔަފާރިތަކަށް ދިމާވެފައިވާ މާލީ ދަތިތަކަމަށް އެހީތެރިވުމުގެ ގޮތުން ލިކުއިޑިޓީ ސަޕޯޓުގެ ގޮތުގައި 16 މިލިއަނަށް ވުރެ ގިނަ އެމެރިކާ ޑޮލަރު ދޫކުރަމުންދާކަމަށް ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)އިން ބުނެފި އެވެ.
ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ބުނީ، ކޮވިޑާ ގުޅިގެން ރާއްޖޭގެ އިގުތިސޯދަށާއި ހާއްސަކޮށް ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތިތަކަށް އެހީތެރިވުމުގެ ދިވެހި ސަރުކާރުން ތައާރަފްކޮށްފައިވާ ރިލީފް ޕެކޭޖުގެ ދަށުން ރާއްޖޭގެ ވިޔަފާރިތަކަށް ލިކުއިޑިޓީ ސަޕޯޓުގެ ގޮތުގައި 16.2 މިލިއަން އެމެރިކާ ޑޮލަރު ދޫކުރަމުންދާ ކަމަށެވެ.
އޭގެ އިތުރުން، ފަރުދުންނަށާއި ވިޔަފާރިތަކަށް ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން 200 އަށް ވުރެ ގިނަ ލޯނުގެ މުއްދަތު އެސްބީއައީން ފަސްކޮށްދީފައިވާކަމަށް ވެސް ރާއްޖޭގެ މިނިވަން ދުވަހާ ގުޅިގެން އިންޑިއާ ހައިކޮމިޝަނުން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވެ އެވެ.
ވިޔަފާރިތަކަށާއި އަމިއްލަ މީހުން ބޭންކުތަކުން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުން ހަ މަސްދުވަހަށް ފަސްކުރުމުގެ ޕްރޮގްރާމްގައި، އެޗްޑީއެފްސީ އާއި އެމްއެފްއެލްސީ އަދި އެސްޑީއެފްސީ އާއި ރާއްޖޭގައި ހިންގާ އަށް ބޭންކަކުން މިހާރު ބައިވެރިވެފައިވާކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފަ އެވެ.
އެގޮތުން، އެ ބޭންކުތަކުން މިހާތަނަށް 15،000 އަށް ވުރެ ގިނަ ލޯނު އަނބުރާ ދެއްކުމުގެ މުއްދަތު ފަސްކޮށްދީފައިވާކަމަށް ބުނެފައިވެ އެވެ.
ސަރުކާރުން ވަނީ ކޮވިޑް-19 އާ ގުޅިގެން ވިޔަފާރިތަކަށް އެހީވުމަށް "2.5 ބިލިއަން ރުފިޔާގެ ރިލީޕް ޕެކޭޖެއް" ނެރެފަ އެވެ.