އިސްލާމީ މަރުކަޒުގައި މިރޭ ތަރާވީހު ނަމާދު ކުރީ މަރުކަޒުގައި ލޮކްޑައުންއާއެކު މަރުކަޒުގައި ތިއްބެވި އެ މިސްކިތުގެ އިމާމުންނާއި އިސްލާމިކް މިނިސްޓްރީގެ ބައެއް ބޭފުޅުން ކަމަށް މިނިސްޓްރީން ބުނެފި އެވެ.
މާދަމާއަކީ ރޯދަ މަހުގެ ފުރަތަމަ ދުވަހެވެ. އެހެން ކަމުން މި ރެއިން ފެށިގެން ތަރާވީހު ނަމާދު ކުރަން ވަނީ ފަށާފަ އެވެ.
މި ދުވަސްވަރަކީ ކޮވިޑް-19 އިގެ ނުރައްކާ ރާއްޖެއަށް ބޮޑުވެފައިވާ ދުވަސްވަރެއް ކަމުން މުޅި މާލެ 14 ދުވަހަށް ލޮކްޑައުންކޮށް މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ވަނީ މެދުކަނޑާލާފަ އެވެ. އަދި މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ތަރާވީހުގެ ޖަމާއަތް ނުބާއްވާ ގޮތަށް ވެސް ވަނީ ހަމަޖައްސާފަ އެވެ.
ނަމަވެސް މިރޭ އިސްލާމީ މަރުކަޒުގައި ވަނީ ޖަމާއަތުގައި ތަރާވީސް ކޮށްފަ އެވެ. އެ ނަމާދުގައި ބައިވެރިވެފައި ވަނީ އިސްލާމީ މަރުކަޒުގެ އިމާމުންނާއި އިސްލާމިކް މިނިސްޓްރީގެ އިސްވެރިންނާއި ކުއްޖަކު ހިމެނޭ ގޮތަށް ފަސް ބޭފުޅުންނެވެ.
ސަރުކާރުން ފިޔަވަޅުތަކެއް އަޅާފައި ވަނިކޮށް ގައިދުރު ކަމެއްނެތި އަދި ޖަމާއަތުގައި ނަމާދު ކުރުމުން ބައެއް ފަރާތްތަކުން ވަނީ އެކަމާ ސުވާލު އުފައްދާފަ އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު މިރޭ ވިދާޅުވީ މި ރޭގެ ތަރާވީހުގައި ބައިވެރިވި ބޭފުޅުންނަކީ އިސްލާމީ މަރުކަޒުގެ އިސްވެރިން ކަމަށާ އެ ބޭފުޅުން ތިއްބަވަނީ މަރުކަޒުގައި ކަމަށެވެ.
"އެ ބޭފުޅުން އެ ތިއްބެވީ ލޮކްޑައުންގައި. އެހެންވީމަ އެއިން އެއްވެސް ބޭފުޅަކު އެތަނުން ނުނިކުންނަވާނެ. އަދި ޖަމާއަތުގައި ހުރި ކުޑަކުއްޖަކީ އެތަނުން ބޭފުޅެއްގެ ކުއްޖެއް. އެ ހުރިހާ ބޭފުޅުން ވެސް ލޮކްޑައުން މުއްދަތުގައި ތިއްބަވާނީ މަރުކަޒުގައި."
މިނިސްޓަރު ވިދާޅުވީ ތަރާވީހު ނަމާދު އެ މިނިސްޓްރީގެ ފޭސްބްކް ޕޭޖުން ލައިވް ކުރާނެ ކަމަށެވެ. އަދި ޓީވީ ޗެނަލްތަކަށް ފީޑް ދޫކުރަމުން ގެންދާނެ ކަމަށެވެ.
"..ހަގީގަތުގައި މިގޮތަށް މި ހަމަޖެއްސީ އެ ބޭފުޅުންނަކީ އެކި ދަރުސްތަކަށްޓަކައި މަރުކަޒުގައި ތިއްބަވާނެ ބޭފުޅުން. އެހެންވީމަ މުޅި ރާއްޖޭގައި އެއްވެސް ޖަމާއަތެއް ނަމާދުގެ ނެތުން އެއީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް. އެކަމަށްވެސް ތަސައްލީއެއް ހޯދުން. އަދި ތަރާވީހު ނަމާދު ގޭގައި ކުރުމަށް ހިތްވަރު ދިނުން."
މުސްލިމުންގެ އެންމެ މުގައްދަސް ދެ ހަރަމްގައި ވެސް ތަރާވީހު ކުރާނެ އެވެ. ނަމަވެސް އެއީ މިސްކިތުގައި ތިއްބަވާ ބޭފުޅުން އެކަންޏެވެ.