ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ތިން ބޯޓަކާއި މަސް ދޯންޏެއް ކަރަންޓީނަށް

މާލެ ދަތުރުކުރާ މުދާ އުފުލާ ތިން ބޯޓަކާއި، މަސް ދޯންޏެއް ކަރަންޓީން ކޮށްފައިވާ ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއައިއޯސީ) އިން ބުނެފި އެވެ.

މިރޭ އެ ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން މިހާތަނަށް ތިން ބޯޓަކާއި މަސް ދޯންޏެއް ކަރަންޓީން ކޮށްފައިވާ ކަމަށެވެ.

އެއީ އަމާޒު ބޯޓާއި، ކާވިޔާ ބޯޓާއި، ނޫފަރު އެކްސްޕްރެސްގެ އިތުރުން ދުރުރާސްތާ-8 މަސް ދޯންޏެކެވެ.

މި އުޅަނދުފަހަރު ކަރަންޓީން ކޮށްފައިވާ އެއިން ދަތުރުކުރި މީހަކު ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. މި އުޅަނދުތަކުގެ ތެރެއިން އެންމެ ފުރަތަމަ ކޭސްއެއް ފެނިފައިވަނީ ތިލަދުންމަތީގެ ރަށްތަކަށް ދަތުރުކުރާ ކާވިޔާ ބޯޓުންނެވެ.

އެ ބޯޓުން ދަތުރުކުރި އުލިގަމު މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އަދި އޭނާއާ ކޮންޓެކްޓްވި އިތުރު މީހަކުވެސް ވަނީ ޕޮޒިޓިވްވެފައެވެ. އެ ބޯޓް ވަނީ ހއ ގެ ފަސް ރަށަކާއި، ހދ ގެ ރަށަކަށް ދަތުރުކޮށްފައެވެ.

އޭގެ ފަހުން އަމާޒު ބޯޓްގެ ކެޕްޓަންވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަމާޒް ބޯޓުގައި 98 މީހަކު ދަތުރު ކުރި އެވެ. އަދި އެ ބޯޓް 13 ރަށެއްގައި ޖައްސާފައި ވެއެވެ.

އަމާޒު ބޯޓު މާލެއިން ފުރީ މިމަހުގެ 15 ވަނަ ދުވަހު އެވެ. އެ ބޯޓް 16 ވަނަ ދުވަހު ގިނަ ރަށްތަކަކަށް ދަތުރު ކޮށްފައިވެއެވެ. އޭގެ ތެރޭގައި ނ. މާފަރާއި އެ އަތޮޅު ހެނބަދޫ އާއި މިލަދޫ އާއި ކެނދިކުޅުދޫ އާއި ވެލިދޫ އާއި ހޮޅުދޫ އަށް ދަތުރު ކޮށްފައި ވެއެވެ. މީގެ އިތުރުން ށ. އަތޮޅުން ނަރުދޫ އާއި ފުނަދޫ އާއި މިލަންދޫ އާއި ފީވަކާއި މާއުނގޫދޫ އަށް ވެސް އަމާޒު ދިޔަ އެވެ. މީގެ އިތުރުން ހއ. ދިއްދޫ އާއި އުތީމަށްވެސް އަމާޒު ބޯޓު ވަނެވެ.

އެ ބޯޓުން ދަތުރުކުރި 98 މީހުންގެ ތެރެއިން 51 މީހަކު ދެނެގަނެވިފައި ވެއެވެ. ދެން ތިބި މީހުން ވީހާވެސް އަވަހަށް އެޗްޕީއޭއަށް ރިޕޯޓް ކުރަން ވަނީ އަންގާފަ އެވެ.