ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި މަސައްކަތްކުރާ ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
ހުޅުމާލޭގައި ހަދާ މެޑިކަލް ފެސިލިޓީގެ މަސައްކަތް ކުރާ ދެ މީހަކު އެ ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ ތަރުޖަމާން މަބުރޫކް އަޒީޒް ވަނީ ޔަގީންކޮށްދީފައެވެ. ނަމަވެސް އޭގެ ތަފްސީލެއް ނުދެއްވައެވެ.
އެނގިފައިވާ ގޮތުގައި ބައްޔަށް ޕޮޒިޓިވްވެފައިވަނީ އެ މަަސައްކަތުގައި ހަރަކާތްތެރިވާ އަމިއްލަ ކުންފުންޏަކަށް ނިސްބަތްވާ ދެ މީހުންނެވެ.
މި ބައްޔަށް އާދިއްތަ ދުވަހު އެކަނިވެސް 73 މީހަކު ޕޮޒިޓިވްވެފައިވެއެވެ. އޭގެ ތެރެއިން 23 މީހަކު ޕޮޒިޓިވްވެފައިވާކަން އެނގުނީ އާދިއްތަ ދުވަހުގެ ރޭ ނޫސްވެރިންގެ ބައްދަލްވުން ކުރިއަށް ދަނިކޮށެވެ. އެހެން ކަމުން އެ 23 ކޭސްގެ މައުލޫމާތެއް އަދި ހިއްސާއެއް ނުކުރެއެވެ. މެޑިކަލް ފެސިލިޓީގައި މަސައްކަތްކުރާ ދެ މީހުން ހިމެނެނީ އޭގެ ތެރޭގައެވެ.
ހުޅުމާލޭގައި އަޅާ މެޑިކަލް ފެސިލިޓީގެ މަސައްކަތުގެ ބޮޑު ބައެއް ނިމިފައިވާއިރު ސަރުކާރުން މަސައްކަތް ކުރީ އެތަން މިމަހުގެ 15 ދުވަހަށް ނިންމާށެވެ. ނަމަވެސް އަދިވެސް އެ މަސައްކަތް މުޅިން ނިންމާލެވޭ ގޮތެއް ނުވެއެވެ.
ކޮވިޑް-19 ގައި މީހުން އައިސޮލޭޓް ކުރަން 300 އެނދުގެ މެޑިކަލް ފެސިލިޓީއެއް ގާއިމް ކުރަނީ ހުޅުމާލޭގައި ޓްރީޓޮޕް ކުރިމަތިން އޮންނަ ހުސް ބިމުގަ އެވެ. ވެންޓިލޭޓަރުގެ ހިދުމަތް ވެސް ދެވޭ ގޮތަށް ތަރައްގީ ކުރާ އެ ފެސިލިޓީގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރި ވަނީ ސިފައިންނާއި ދައުލަތުގެ އެހެން އިދާރާތަކެވެ. އަދި އަމިއްލަ ކޮންސްޓްރަކްޝަން ކުންފުނިތަކުންވެސް ދަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ.
މަބުރޫކު މީގެ ކުރިން ވިދާޅުވި ގޮތުގައި، އެ ތަނުގެ ކޮންސްޓްރަކްޝަން މަސައްކަތްތަކަށް 12 މިލިއަން ރުފިޔާ ހަރަދުވާއިރު، އެތަނަށް ބޭނުންވާ އެހެނިހެން ސާމާނު ހޯދަން 28 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ.