އިތުރު ފަސް މީހަކު ޕޮޒިޓިވްވެ އަދަދު 250 އަށް އަރައިފި އެވެ.
އިތުރު ފަސް މީހަކު ޕޮޒިޓިވްވެފައިވާކަން ހާމަކޮށްފައިވަނީ މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލްވުމުގައި ތަރުޖަމާން މަބުރޫކް އަޒީޒެވެ. މިދިޔަ 24 ގަޑިއިރުގެ ތެރޭގައި މި ބައްޔަށް ޕޮޒިޓިވްވެފައިވަނީ 21 މީހުންނެވެ. އެއީ މިއަދު ކުރިން ޕޮޒިޓިވްވީ 16 މީހުންނާއެކުގައެވެ.
ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 250 އަރާފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ 99 ދިވެހިންނާއި، 151 ބިދޭސީންނެވެ. މިހާތަނަށް 17 މީހަކު ވަނީ ރަނގަޅުވެފައެވެ. މިވަގުތު ރާއްޖޭގައި ފަރުވާ ހޯދަމުންދަނީ 231 މީހުންނެވެ. އަދި ދެ މީހަކު ރާއްޖެއިން ބޭރުގައި އެބަތިއްބެވެ.
މިމަހުގެ 15 ވަނަ ދުވަހު މާލެއިން ފެނުނު ފުރަތަމަ ޕޮޒިޓިވް ކޭސްއާއެކު ފުލުފުލުގައި މި ބައްޔަށް މީހުން ދަނީ ޕޮޒިޓިވްވަމުންނެވެ. މާލެއިން ފުރަތަމަ ޕޮޒިޓިވްވީ އަންހެނަކާ އޭނާގެ ކުޑަ ދަރިފުޅެވެ.
މިފަހުން ގިނައިން ޕޮޒިޓިވްވަމުންދަނީ ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބިދޭސީންނެވެ. އެ މީހުންގެ މެދުގައި އަދިވެސް މި ބަލި އިތުރަށް ފެތުރިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ. އެކަމާ ގުޅިގެން ތޮއްޖެހިގެން ދަތި ތަންކޮޅުކޮޅުގައި އުޅޭ ބިދޭސީންގެ ކަންކަން ފުލުހުން ދަނީ ބަލަހައްޓަމުންނެވެ.
މީގެ އިތުރުން ޑެލިވަރީގައި އުޅުނު މީހުންނާއި، ބާޒާރުމަތީ ފިހާރަަތަކުގައި މަސައްކަތް ކުރަމުންދިޔަ ބައެއް މީހުންނާއި ސިފައިންގެ ފަސް މީހަކުވެސް ބައްޔަށް ވަނީ ޕޮޒިޓިވްވެފައެވެ.
މީގެ ކުރިން މާލެއާ އަތޮޅުތެރޭގައި ދަތުރުކުރާ ބޯޓެއްގެ ކެޕްޓަންގެ އިތުރުން އުތުރަށް ދަތުރުކުރި ބޯޓެއްގައި ހުރި މީހަކުވެސްް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެ ދެ ކޭސްގެ ސަބަބުން އަތޮޅުތެރެއަަށް ބަލި ފެތުރިދާނެ ކަމުގެ ބިރު ބޮޑުވެ އެޗްޕީއޭއިން ވަނީ ގިނަ ފިޔަވަޅުތަކެއް އަަޅާފައެވެ.