ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އަމާޒު ބޯޓު: ޕޮޒިޓިވްވި މީހުންގެ އަދަދު ނުވަ އަކަށް

Apr 28, 2020
4

އަމާޒު ބޯޓާ ގުޅިގެން މިހާތަނަށް ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާތަނަށް ނުވަ އަކަށް އަރާފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިރޭ ބުނެފި އެވެ.

އެންއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ އަމާޒު ބޯޓާ ގުޅުވައިގެން ށ. ނަރުދޫއިން މިހާތަނަށް އަށް މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި ށ. މިލަންދޫގައި އިތުރު މީހަކު އެ ވައިރަހަށް ވަނީ ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އަމާޒު ބޯޓާ ގުޅިގެން ނުވަ މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިމިވަނީ އެ ނަރުދޫގައި ދުއްވާ އެ ބޯޓުގެ ކެޕްޓަން ޕޮޒިޓިވް ވެފައިވަނިކޮށެވެ.

އަމާޒު ބޯޓު މާލެއިން ފުރީ މިމަހުގެ 15 ވަނަ ދުވަހު އެވެ. އެ ބޯޓް 16 ވަނަ ދުވަހު ގިނަ ރަށްތަކަކަށް ދަތުރު ކޮށްފައިވެއެވެ. އެގޮތުން ޖުމްލަ 13 ރަށަކަށް ބޯޓް ދަތުރުކޮށްފައި ވެއެވެ.

އޭގެ ތެރޭގައި ނ. މާފަރާއި އެ އަތޮޅު ހެނބަދޫ އާއި މިލަދޫ އާއި ކެނދިކުޅުދޫ އާއި ވެލިދޫ އާއި ހޮޅުދޫ އަށް ދަތުރު ކޮށްފައި ވެއެވެ. މީގެ އިތުރުން ށ. އަތޮޅުން ނަރުދޫ އާއި ފުނަދޫ އާއި މިލަންދޫ އާއި ފީވަކާއި މާއުނގޫދޫ އަށް ވެސް އަމާޒު ދިޔަ އެވެ. މީގެ އިތުރުން ހއ. ދިއްދޫ އާއި އުތީމަށްވެސް އަމާޒު ބޯޓު ވަނެވެ.

ކޮވިޑަށް ޕޮޒިޓިވްވީ "އަމާޒް" ބޯޓްގެ ކެޕްޓަނަކީ އުމުރުން 49 އަހަރުގެ ދިވެއްސެކެވެ.

މިރޭ ޑރ. އަފްޒަލް ވިދާޅުވީ ނަރުދޫގައި މިހާރު އޮތީ ކޮމިޔުނިޓީ ޓްރާންސްމިޝަނެއް ކަމަށެވެ. ނަމަވެސް، އޭގެ ތެރޭގައި ހިމެނެނީ އެއް ކްލަސްޓާއެއްގެ ހިމެނޭ މީހުން ކަމަށެވެ.

އެ ބޯޓާ ގުޅިގެން ޖުމްލަ 113 ކޮންޓެކްޓެއް ހޯދިފައިވީ ނަމަވެސް، ހައި ރިސްކުގެ ގޮތުގައި ކަނޑައެޅިފައިވަނީ 35 މީހެއް ކަމަށް ޑރ. އަފްޒަލް ވިދާޅުވި އެވެ. އަދި ހައި ރިސްކު މީހުންގެ ތެރެއިން 11 މީހެއްގެ ކިބާގައި ބަލީ އަލާމްތައް ހުރި ކަމަށާއި، އޭގެ ތެރެއިން ޕޮޒިޓިވްވެފައިވާ ނުވަ މީހުންނަކީވެސް އޭގެ ތެރޭގައި ހިމެނޭ މީހުން ކަމަށެވެ.