ކޮވިޑް-19 އަށް ރާއްޖެއިން އިއްޔެ ޕޮޒިޓިވްވީ މީހުންގެ ތެރޭގައި ހިމެނޭ ޕާކިސްތާން މީހާ އައިޖީއެމް ހޮސްޕިޓަލާއި އޭޑީކޭގެ އިތުރުން ޓްރީޓޮޕް ހޮސްޕިޓަލަށްވެސް ގޮސްފައިވާ ކަމަށް ނެޝަނަލް ހެލްތް އިމަޖަންސީ ސެންޓަރުން ބުނެފި އެވެ.
އިއްޔެ ޕޮޒިޓިވްވީ މީހުންގެ ތެރޭގައި ހިމެނޭ ޕާކިސްތާން މީހާއަށް މިވަގުތު ފަރުވާ ދެމުންދަނީ ދަރުމަންތަ ހޮސްޕިޓަލްގައި ގާއިމްކޮށްފައިވާ ހާއްސަ އައިސީޔޫގައެވެ. އެ ތަނަކީ ކޮވިޑްގެ ބަލި މީހުންނަށް ފަރުވާ ދިނުމަށް ދަރުމަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ހަދާފައިވާ ތަނެކެވެ.
މިރޭގެ ނޫސްވެރިންގެ ބައްދަލްވުމުގައި މަބުރޫކް ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވްވީ ޕާކިސްތާން މީހާ އެންމެ ފުރަތަަމަ ދިޔައީ އޭޑީކޭ ހޮސްޕިޓަލަށް ކަމަށެވެ. އަދި އޭނާއާ ކޮންޓެކްޓްވި 8 މީހަކު މިހާރު އެކަހެރިކޮށް ޓެސްޓްކޮށްފައިވާ ކަމަށާ އެމީހުންގެ ނަތީޖާ ނެގެޓިވް ކަމަށެވެ.
މީގެ އިތުރުން ޕާކިސްތާން މީހާ ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލަށް ދެ ފަހަރު ދައްކަންދިޔަ ކަމަށާ ހޮސްޕިޓަލްގެ ތެރެއިން އޭނާއާ ކޮންޓެކްޓްވި ހަތަރު މީހަކުވެސް އެކަހެރިކޮށްފައިވާ ކަމަށެވެ. އެމީހުންގެ ސާމްޕަލްތައް ނެގިނަމަވެސް އަދި ނަތީޖާ ނުލިބޭ ކަމަށް މަބުރޫކް ވިދާޅުވިއެވެ.
ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުނީ އެމީހާ އައިޖީއެމް ހޮސްޕިޓަލަށް ދެއްކުމުން ހެދި ޓެސްޓްތަކުންނެވެ. އެމީހާގެ އޮކްސިޖަން ލެވެލް ދަށްވުމުން ދަރުމަންތާގައި ފަރުވާ ދެމުންދާ ކަމަށް އެޗްޕީއޭއިން ރޭ ވަނީ ބުނެފައެވެ.
މި ދުވަސްވަރު އިމާޖަންސީ ކަމެއް ދިމާވެގެން ނޫނީ އެއްވެސް މީހަކު ހޮސްޕިޓަލަށް ނުދިއުމަށް ސިއްހީ މާހިރުން ވަނީ އިރުޝާދު ދެއްވާފައެވެ. އަދި ހުން އައިސް ރޯގާގެ އާލާމަތްތައް ފެންނަނަމަ އެޗްޕީއޭއަށް ރިޕޯޓް ކުރުމަށް ވަނީ އިރުޝާދު ދީފައެވެ.