ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ރާއްޖޭން ކޮވިޑްގެ ދެ ލައްކަ ޓެސްޓް ހަދައިފި

ކޮވިޑް-19 އިގެ ބަލި މީހުން ދެނެގަތުމަށް ރާއްޖެއިން ދެ ލައްކައަށްވުރެ ގިނަ ޓެސްޓް ކޮށްފި އެވެ.

އެންމެ ފުރަތަމަ ރާއްޖެއިން ކޮވިޑްގެ ކޭހެއް ފެނިފައި ވަނީ މިދިއަ މާޗް މަހުގެ ހަތްވަނަ ދުވަހުއެވެ. އެ ދުވަހުން ފެށިގެން ކޮންމެ ދުވަހަކު ވެސް ގިނަ ބަޔަކު ދަނީ ކޮވިޑަށް ޓެސްޓް ކުރަމުންނެވެ. ނަމަވެސް ފުރަތަމަ ދުވަސްކޮޅު ޓެސްޓް ކުރަމުން އައީ ޕޮޒިޓިވް ކޭސްތަކާއި ކޮންޓެކްޓްވާ މީހުން އެކަންޏެވެ. ނަމަވެސް ފަހުން ބަލީގެ އެއްވެސް އަލާމާތެއް ހުރި ނަމަ ޓެސްޓް ކުރަން ފެށިއެވެ. އަދި އޭގެ ފަހުން ރެންޑަމްކޮށް ކޮންމެ ދުވަހަކުވެސް ގިނަ އަދަދެއްގެ ސާމްޕަލް ނަގާ ދިޔައީ ޓެސްޓް ކުރަމުންނެވެ.

ރާއްޖެއިން ކޮވިޑްގެ ބަލީގެ މީހަކު ފެނުނުތާ މިއަދަށް 236 ދުވަސް ވެފައިވާއިރު މިހާތަނަށް ވަނީ 200،792 ޓެސްޓް ކޮށްފައެވެ. އޭގެ ތެރެއިން ޕޮޒިޓިވްވީ 11,701 ސާމްޕަލެވެ. ނެގެޓިވްވީ 186،091 ސާމްޕަލެވެ.

ރެންޑަމް ސާމްޕަލް ނަގާ ޓެސްޓް ކުރަން ފެށި ފަހުން ކޮންމެ ދުވަހަކު 1،200 އާ 15،00 ދެމެދުގެ އަދަދަކަށް ޓެސްޓް ކުރަމުން ގެންދެއެވެ. ވަރަށް މަދު ދުވަސް ދުވަހު އެ އަދަދަށްވުރެ އިތުރަށްވެސް ޓެސްޓް ކުރެއެވެ. އެގޮތުން ބައެއް ދުވަސް ދުވަހު 2،000 ޓެސްޓް ކުރެއެވެ.

ކޮވިޑް ޖެހުނު މީހުންގެ ތެރެއިން ގިނަ ބަޔަކު މިހާރު ވަނީ ރަނގަޅުވެފައެވެ. ކޮވިޑް ޖެހުނު 11،700 ވުރެ ގިނަ މީހުންގެ ތެރެއިން 10,883 މީހުން މިހާރު ވަނީ ކޮވިޑް ބަލިން ރަނގަޅުވެފައެވެ. އެއީ ބަލި ޖެހުނު މީހުންގެ ނިސްބަތުން ބަލާނަމަ 93 އިންސައްތަ މީހުންނެވެ. ކޮވިޑުން ރަނގަޅުނުވެ ތިބީ 773 މީހުންނެވެ. އޭގެ ތެރެއިން 51 މީހަކަށް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ. ދެ މީހަކަށް ފަރުވާ ދެނީ އައިސީޔޫގައެވެ.

  • ކޮވިޑް ޖެހުނު މީހުންގެ އަދަދު 11,701
  • ކޮވިޑުން ރަނގަޅު ނުވެ ތިބީ 773 މީހުން
  • ބަލިން ރަނގަޅުވީ 10,883 މީހުން
  • ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވަނީ 51 މީހުން
  • އައިސީޔޫގައި ފަރުވާ ދެމުންދަނީ ދެ މީހަކަށް
  • ކޮވިޑް ޖެހުނު ދިވެހިންގެ އަަދަދަކީ 7،759

ކޮވިޑްގެ އެންމެ ގިނަ ޓެސްޓް ހަދާފައިވަނީ ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުންނެވެ. އެ ހޮސްޕިޓަލުން ވަނީ ލައްކައަކަށްވުރެ ގިނަ ޓެސްޓް ހަދާފައެވެ. މީގެ އިތުރުން އޭޑީކޭ ހޮސްޕިޓަލާއި ފުލުހުންގެ ލެބުންވެސް ގިނަ އަދަދެއްގެ ޓެސްޓް ހަދާފައިވެއެވެ. މިހާރު ޓްރީޓޮޕް ހޮސްޕިޓަލާއި ރާއްޖޭގެ ފަސް ސަރަހައްދަކުންވެސް ކޮވިޑް ޓެސްޓް ހެދެއެވެ.

ކޮވިޑާއެކު ހޭދަކުރި 236 ދުވަހުގެ ތެރެއިން ރާއްޖޭގެ ހާލަތު އެންމެ ގޯސްވީ އޮގަސްޓް މަހުގެ ތެރޭގައެވެ. އެ މަހު އެކަނިވެސް 3،900 މީހުން ބަލިވިއެވެ. 12 މީހަކު މަރުވިއެވެ. ކޮވިޑުން ރައްކާތެރިވުމަށް އެ ދުވަސްވަރެއްގެ ހާލަތާ ގުޅޭގޮތުން ހަރުކަށި ފިޔަވަޅުތައް އެޅިއެވެ. މިސްކިތުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލިއެވެ. އޭގެ ފަހުން މިސްކިތްތައް ބަންދުވެސް ކުރިއެވެ. އެ ރަށުން އަނެއް ރަށަށް ދަތުރުކުރުން މުޅީން މަނާކުރިއެވެ. ރާއްޖޭގެ ބޯޑަރު ބަންދުކޮށް އިގްތިސާދުގެ މައި އިންޖީނު ކަމަށްވާ ޓޫރިޒަމް ވަގުތީ ގޮތުން ހުއްޓާލިއެވެ.

މާލެ ސިޓީގައި ކާފިއު ހިންގާން ފެށިއެވެ. ހޮޓާ، ކެފޭ، ރެސްޓޯރަންޓް އަދި ފިހާރަތަކާއި އާންމު ހިދުމަތްދޭ ތަންތަނުގެ ހިދުމަތް ހުއްޓުމަކަށް ގެނައެވެ. މިފަދަ އެތަށް ފިޔަވަޅުތަކެއް އެޅިއެވެ.

ނަމަވެސް ސެޕްޓެންބަރު މަސް ފެށުމާއެކު ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށްވާން ފެށިއެވެ. ޕޮޒިޓިވް އަދަދު މިހާރު ވަނީ 50 އިން ދަށުގައި ހިފަހައްޓާ ލެވިފައެވެ. އެ އަދަދު އެއަށްވުރެ ތިރީގައި ހުންނަ ދުވަސްތައް ގިނައެވެ. މިއަދު ޕޮޒިޓިވްވީ 42 މީހެކެވެ. އިއްޔެވެސް ޕޮޒިޓިވްވީ 16 މީހުންނެވެ. އޭގެ ކުރީ ދުވަހު 27 މީހުންނެވެ.