ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

100 ދުވަސް، ޓެސްޓް ކުރެވުނީ 34،677 މީހުން

ކޮވިޑްގެ ބަލި މީހަކު ރާއްޖެއިން ފެނުނުތާ 100 ދުވަސްވެފައިވާއިރު މިހާތަނަށް ޓެސްޓް ކުރެވިފައިވަނީ 34،677 މީހުން ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައިިފި އެވެ.

ކޮވިޑް-19 އަށް ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވެފައިވަނީ 2035 މީހުންނެވެ. ކުރެވުނު ޓެސްޓްތަކުން 32،642 މީހުން ވަނީ ނެގެޓިވްވެފައެވެ. އެހެން ކަމުން ދުވާލެއްގެ މައްޗަށް ކުރެވިފައިވަނީ 346 މީހެއްގެ ޓެސްޓެވެ.

ކޮވިޑްގެ ބަލި މީހުން ފުރަތަމަ ފެންނަން ފެށި ދުވަސްކޮޅު ޓެސްޓް ކުރަމުންދިޔައީ ހަމައެކަނި އަލާމާތްތައް ހުންނަ މީހުންނެވެ. އެހެން ކަމުން ރާއްޖޭގައި ކޮވިޑްގެ ބަލިމަޑުކަން އޮތް ގޮތުގެ ހަގީގީ އަދަދުތައް ނޭންގޭ ކަމަށް ސިއްހީ މާހިރުން ގެންދެވީ ވިދާޅުވަމުންނެވެ. އަދި ރާއްޖޭގައި ޓެސްޓް ކުރެވޭ މިންވަރާމެދުވެސް ސިއްހީ މާހިރުން ކަންބޮޑުވުން ފާޅުކުރިއެވެ.

ފަހުން މަގުމަތިންވެސް ގިނަ ބައެއްގެ ސާމްޕަލް ނަގާ ޓެސްޓް ކުރަން ފެށިއެވެ. އަދި ބަލީގެ ނުރައްކާ ބޮޑު އުމުރުފުރާތަކަށް ހާއްސަކޮށްގެންވެސް ޓެސްޓް ކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.

ރާއްޖޭގައި ކޮވިޑްގެ ތަފާސް ހިސާބުތައް

  • ބަންގްލަދޭޝްގެ 1074 މީހުން
  • ދިވެހިރާއްޖޭގެ 710 މީހުން
  • އިންޑިއާގެ 192 މީހުން
  • ނޭޕަލްގެ 28 މީހުން
  • ސްރީލަންކާގެ 11 މީހުން
  • އިޓަލީގެ 11 މީހުން
  • ޕާކިސްތާނުގެ ތިން މީހުން
  • އެހެނިހެން ހަ މީހުން

ލޮކްޑައުންގެ ހާލަތަށް މިއަދު ލުއި ދީފައިވާއިރު މިހާރު ބަލީގެ ހާލަތު އޮތްގޮތް ބެލުމަށްވެސް ޓެސްޓް ކުރުމުގެ މަސައްކަތްތަކެއް ވަނީ ފަށާފައެވެ. އެގޮތުން ފަސް ގުރޫޕަކަށް ބަހާލައިގެން ސާމްޕަލް ނަގާ އިރު ފްރަންޓްލައިން ވޯކަރުންނާއި ސެންޓަރުތަކުގައި މަަސައްކަތް ކުރާ މީހުނާއި އުމުރުން 65 އަހަރުން މަތީގެ މީހުނާއި ތޮއްޖެހިފައިވާ ތަންތަނުގައި އުޅެމުންދާ މީހުންގެ ސާމްޕަލް ނަގާނެ އެވެ. އަދި އުމުރުން 20 އަހަރާއި 30 އަހަރާ ދެމެދުގެ މީހުންގެ ސާމްޕަލް ވެސް ނަގާނެ އެވެ.


ރާއްޖެއަށް އެކި ގައުމުތަކުންނާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިންވެސް ވަނީ އެތައް ހާސް ޓެސްޓް ކިޓް ހަދިޔާކޮށްފައެވެ.

ރާއްޖޭގައި ކޮވިޑަށް ޓެސްޓް ކުރަނީ އައިޖީއެމް ހޮސްޕިޓަލުންނާއި، އޭޑީކޭގެ އިތުުރުން ޕޮލިސް ލެބްގައެވެ. އައިޖީއެމްއެޗްގައި ހުރި ކޮވިޑަށް ޓެސްޓްކުރާ އެއް މެޝިން ހަލާކުވުމާއި ގުޅިގެން އެ ހޮސްޕިޓަލްގައި މިހާރު ދުވާލަކު ކުރެވެނީ 400- 500 ދެމެދުގެ އަދަދެކެވެ. އޭޑީކޭގައި 500 ޓެސްޓް ކުރެވެއެވެ. ޕޮލިސް ލެބްގައި ކުރެވެނީ 145 ޓެސްޓެވެ.