ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

މަރުވި ފަހުން އައިސޮލޭޝަނަށް ގެންދަން ގުޅުމުން މައާފަށް އެދިއްޖެ

ކޮވިޑް-19 ޖެހިގެން އިއްޔެ މަރުވި އަންހެން މީހާގެ ޖަނާޒާ ކުރިއަށް ދަނިކޮށް އެމީހާ އައިސޮލޭޝަނަށް ގެންދަން އެޗްޕީއޭއިން ގުޅާފައިވާތީ އެކަމަށް އެ އެޖެންސީން މައާފަށް އެދިއްޖެ އެވެ.

ކޮވިޑް ބަލީގައި އިއްޔެ މަރުވެފައިވަނީ އުމުރުން 67 އަހަރުގެ އަންހެނެކެވެ. އޭނާ މަރުވީ އައިޖީއެމްއެޗްގައި އިއްޔެ މެންދުރު 12:00 ޖަހާ އެހާކަންހާއިރު އެވެ. އެ މީހާ އައިޖީއެމްއެޗްގައި އެޑްމިޓްކުރީ ހޯމަ ދުވަހު އެވެ.

އަންހެން މީހާގެ އާއިލާއިން ވަނީ އެޗްޕީއޭއިން އަމަލު ކޮށްފައިވާ ގޮތާމެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އަންހެން މީހާގެ ޖަނާޒާ ކުރިއަށް ދަނިކޮށް އެޗްޕީއޭއިން އެ މީހާ އައިސޮލޭޝަން ފެސިލިޓީއަށް ގެންދަން ގުޅާފަ އިވާތީ އާއިލާއިން ވަނީ އެޗްޕީއޭގެ އިންތިޒާމްތައް ހަމަޖެހިފައިވާ ގޮތާމެދުވެސް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އަދި އުމުރުން ދުވަސްވީ އެ އަންހެން މީހާ އައިސޮލޭޝަނަށް ގެންދިއުމަށް ތަކުރާރުކޮށް އެދިފައިވާނެ ކަމަށްވެސް އެ އާއިލާއިން ބުންޏެވެ.

އުމުރުން 67 އަހަރުގެ އަންހެން މީހާ އައިސޮލޭޝަނަށް ގެންދިއުމަށް އެޗްޕީއޭއިން ގުޅީ އެމީހާ މަރުވިތާ ބައިގަޑިއިރު ފަހުންނެވެ.

މިރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ އެގޮތަށް ކަންކަން ހިނގާގޮސްފައިވާތީ އާއިލާގެ ކިބައިން މައާފަށް އެދޭ ކަމަށެވެ. އަދި އެކަން އެހެން ދިމާވީ ސަބަބު ދެނެގަނެ އެފަދަ ކަމެއް ތަކުރާރު ނުވާނެ ގޮތަށް މިހާރު އިންތިޒާމްތައް ހަމަޖައްސާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވީ އައިސޮލޭޝަނަށް ގެންދިއުމުގައި ހައިރިސްކް މީހުންނަށް އިސްކަން ދޭ ކަމަށެވެ.

"ފުރަތަމަ ކަމަކަށް އާއިލާގެ ފަރާތުން އަޅުގަނޑުމެން ނިހާޔަތަށް މައާފަށް އެދެން،"

ނަޒްލާ ވިދާޅުވީ ކޮވިޑްގެ ބަލި މީހަކު ހޮސްޕިޓަލްގައި އެޑްމިޓްކޮށްފިނަމަ އެކަން އެޗްޕީއޭއަށް އެނގޭނެ ނިޒާމެއް މިހާރު ގާއިމް ކުރަމުންދާ ކަމަށެވެ.