ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

"ފުރަބަންދު ކަރަންޓީން ހުއްޓާލަން ނުނިންމާ"

ފުރަބަންދު ކަަރަންޓީން ހުއްޓާލުމަށް މިހާތަނަށް އެއްވެސް ނިންމުމެއް އަދި ނިންމާފައި ނުވާ ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

މި ހިނގާ ނޮވެންބަރު 15 އިން ފެށިގެން ފުރަބަންދު ކަރަންޓީން އުވާލުމަށް ނިންމާފައިވާ ކަމަށް ބުނެ ވާހަކަތަކެއް ދަނީ ފެތުރެމުންނެވެ. އެކަމާއި ގުޅޭގޮތުން ނޫސްވެރިން ކުރިމަަތިކުރި ސުވާލުތަކަށް ޖަވާބު ދެމުން އެޗްއީއޯސީގެ ތަރުޖަމާން ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ އެފަދަ ނިންމުމެއް އަދި ނިންމާފައި ނުވާ ކަމަށެވެ. ލުއިތަކާއި އަދި ފިޔަވަޅުތަކާއި ގުޅޭގޮތުން އަބަދުވެސް މަޝްވަރާ ކުރެވޭ ކަމަށާ ނިންމުންތައް ހާމަކުރަމުން ގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

"އަދި އެ ގޮތަކަށް ނުނިމޭ. ނިމުނީމަ އަޅުގަނޑުމެން އެކަން އިއުލާނު ކުރާނަން. ވަކި ދުވަހެއްގައި ކަރަންޓީންވުން ނިމުމަކަށް ގެންނަން ނިންމައިފިނަމަ އެކަން އާންމު ކުރާނެ،"

ނަޒްލާ ވިދާޅުވީ ފުރަބަންދު ކަރަންޓީން ނިމުމަކަށް ގެންނާނީ ފްލޫ ކްލިނިކުން ޕޮޒިޓިވްވާ އަދަދާއި ރެންޑަމް ސާމްޕަލްތަކުން ޕޮޒިޓިވްވާ އަދަދު އަދި އަން ލިންކް ކޭސް ޕޮޒިޓިވްވާ އަދަދުތަކަށް ބެލުމަށްފަހު ކަމަށެވެ. މިހާތަަނަށް ފުރަބަންދު ކަރަންޓީން ހުއްޓާލުމަށް ނިންމުމެއް ނިންމާފައިނުވާ ކަމަށް ވިދާޅުވިއެވެ.

ކޮވިޑްގެ ބަލިމަޑުކަމުގައި ދިވެހިން ހަތް މަސްދުވަސް ހޭދަކޮށްފައިވާއިރު މިދިޔަ ހަ މަސް ދުވަހު މާލެ ސިޓީ އޮތީ ލޮކްޑައުންކޮށްފައެވެ. އެކަމާއި ގުޅިގެން އެކި ރަށްރަށާއި ބޭރަށް ދަތުރުކުރަން ބޭނުންވި އެތަށް ބަޔަކު ވަނީ މާލޭގައި ތާށިވެފައެވެ. ކުރިއަށް އޮތީ ސުކޫލް ބޮޑު ޗުއްޓީ ދުވަސްވަރެވެ. އެހެން ކަމުން ވަަރަށް ގިނަ ބަޔަކު ދަނީ ރަށްރަށަށް ދަތުރުކޮށް އުޅުމުގައި ލުއިތަކެއް ދިނުމަށް އެދެމުންނެވެ. މާލެ ސިޓީން ރަށްރަށަށްދާ މީހުން 14 ދުވަހުގެ ކަރަންޓީންގައި ތިބެން ޖެހެއެވެ. ނަމަވެސް ރަށްރަށުން މާލެ ސިޓީއަށް އަންނަ މީހުން ކަރަންޓީންވާން ނުޖެހެއެވެ. އެއީ މާލެ ސިޓީއަކީ ކޮވިޑްގެ ކޮމިއުނިޓީ ޓްރާސްމިޝަންއެއް އޮތް ތަނަކަށްވާތީއެވެ.